ރައީސް އަބްދުﷲ ޔާމީން އަންގާރަ ދުވަހު މަޑުއްވަރީއަށް ވަޑައިގެން ރަށުގެ ނަރުދަމާގެ ނިޒާމު އިފްތިތާހު ކޮށްދެއްވައިފި އެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖަހާ ނިންމިތާ ދެ އަހަރު ފަހުން އެ މަޝްރޫއު ވެސް އިފްތިތާހު ކޮށްދެއްވައިފި އެވެ. ބޮޑު ހިލަ ޖެހުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވި އިރު މަޑުއްވަރީގައި ބޮޑު ހިލަ ޖަހާފައިވާ ސަރަހައްދު އެމަނިކުފާނަށް ފެނިވަޑައެއް ނުގަންނަވާނެ އެވެ. ފަހަރުގައި ފޮޓޯއަކުން ވީޑިއޯއަކުން ފެނިފައި ހުރެދާނެ އެވެ. ރަށަށް ވަޑައިގެންނެވި ނަމަވެސް ހިލަޖަހާފައިވާ ސަރަހައްދާ ހިސާބަށް ވަޑައިނުގަންނަވައެވެ. ސްކޫލް ތެރޭގައި ބޭއްވި ކުޑަ ހަފްލާއެއްގައި ހިލަ ބުރިއެއްގެ ވަށައިގެން ދަމާލާފައި ހުރި ރިބަން ފަށެއް ކަނޑާލެއްވީ އެވެ. ނަރުދަމާގެ ނިޒާމު ވެސް ހުޅުވައި ދެއްވީ ހަމަ މިފަދައިންނެވެ. މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ މަޑުއްވަރީ އަށް ވަޑައިގެން އެފަދަ ގޮތަކަށް އަމަލުކުރައްވާފައެވެ. ރަށުގެ ބަނދަރު ސަރަހައްދުގައި ހުންނެވުމަށް ފަހު ފުރާވަޑައިގެންނެވީއެވެ.
ރައީސް ޔާމީން މަޑުއްވަރީ އަށް ވަޑައިގެން ރަށުގައި ހުންނެވީ ގާތްގަނޑަކަށް ދެގަޑިއިރު އެވެ. ރައީސް ޔާމީން ވަޑައިގަންނަވާތީ މަޑުއްވަރިއަށް ސަރުކާރުގެ އެކި ފަންތިތަކުގެ ގިނަ އަދަދެއްގެ ބޭފުޅުން ވަޑައިގެންނެވި އެވެ. މަޑުއްވަރީ ރައްޔިތުންގެ ތެރެއިން ރައީސް ޔާމީނަށް ތާއީދުކުރާ މަދު މީސްކޮޅަކާއި ރަށަށް އައި ވެރިން ގުޅިގެން މަސައްކަތް ކުރީ ރައީސް ޔާމީން ހިތްހަމަޖައްސައިދިނުމަށެވެ. ހަގީގަތް އޮޅުވާލައިގެން ވިޔަސް، ވަރަށް ތާއީދު އޮތް ކަން ދެއްކުމަށެވެ. ހޯމަ ދުވަހުގެ ދަންވަރު ކޯޓުން އަމުރެއް ނެރުނެވެ. ދަންވަރަށް ދެ ލޯންޗު ފުރެންދެން ރަށަށް ފުލުހުން އެރި އެވެ. ރަށުގެ ރައްޔިތުންގެ ޝުއޫރު ފާޅުކޮށް ދަމާފައި ހުރި ބެނާތައް ދަންވަރު ނިކުމެ ކަނޑާލި އެވެ. އެއަށްފަހު ރަށު ތެރޭގައި ރައީސް ޔާމީނަށް ސަނާކިޔާ ބެނާތައް ދެމި އެވެ.
ބޭނުމަކަށްވީ ރައީސް ޔާމީނަށް ވަރަށް ތާއީދުއޮތްކަން ދެއްކުމެވެ. ރަށުގެ ރައްޔިތުން ތިބީ އެމަނިކުފާނާ އެކުއޭ ހީފުޅުކުރެއްވޭވަރު ކުރުމެވެ. ނަމަވެސް، ކަންތައްތައް ވެގެންދިޔައީ އެހެންނެއް ނޫނެވެ. އެހެން ރަށްރަށަށް ރައީސް ޔާމީން ވަޑައިގެންނެވުމުން ބަނދަރު މަތީގައި ސަފުސަފަށް މީހުން އަތުރާލާފައި ތިބޭ ގޮތަށް މި ރަށަކުން ސަފު ހަދާނެ ބަޔަކު ނުވި އެވެ. އިސްތިގްބާލުގައި ތިބީ ފަސް ވަރަކަށް މީހުންނެވެ. އޭގެ ތެރޭގައި ތިބީ މަޑުއްވަރީގެ ދެ މީހުންނެވެ. ދެން ތިއްބެވީ މާލެއިން ވަޑައިގެންނެވި ސަރުކާރު ކުންފުނިތަކުގެ ވެރިންނެވެ. ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ. ސްކޫލްގައި ބޭއްވި ޖަލްސާގައި ގިނައީ މާލެއިން "ވަޑައިގެންނެވި" މީހުންނެވެ. ފެނަކަ އާއި އެމްޑަބްލިއުއެސްސީ މީހުންނެވެ. މަޑުއްވަރީ ރައްޔިތުން އެ ޖަލްސާއަށް ދިޔަ އަދަދަށް ވުރެ، ރަށަށް އައިސްތިބި ފުލުހުން ވެސް ގިނަ އެވެ.
ޖަލްސާ ނިންމަވާލެއްވުމަށް ރައީސް ޔާމީން ލޯންޗަށް އަރާވަޑައިގެން، ރަށުގެ ފަޅު ތެރެއިން ރިޔާސީ ލޯންޗުކޮޅު ނިކުމެގެން ދިޔަ ފަހުން ފެނުނު މަންޒަރަކީ ރައީސް ޔާމީނަށް މަޑުއްވަރީގައި ތާއީދު އޮތްވަރެވެ. ފަހަތުން ފުލުފުލުން ހަތް ލޯންޗު ނިކުމެގެން ދިޔަ އެވެ. އެ ލޯންޗުތަކުގައި ތިބީ ސަރުކާރުގެ ކޯޑިނޭޓަރުންނާއި ޖަލްސާއަށް މާލެއިން ގެނައި މީހުންނެވެ. ރައީސް ޔާމީނަށް މަޑުއްވަރީގައި ތާއީދު އޮތް މިންވަރަކީ، އެމަނިކުފާނަށް ރަށަށް އަރާވަޑައިގެންނެވުނީ ކޯޓް އަމުރެއް ހޯދައިގެން ރަށުގައި ދަމާފައި ހުރި ބެނާތައް ކަނޑާލުމަށް ފަހުގައެވެ. މަޑުއްވަރީއަށް ވަޑައިގެންނެވިއިރު، މުޅި ރަށުގައި އޮތީ "ޕޮލިސް ލައިން ޑޫ ނޯޓް ކްރޮސް" ޖަހާފައިވާ ޓޭޕް ދަމާފަ އެވެ. ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ދަތުރުކުރުން މަނާކުރެވުނެވެ.
"އަނިޔާވެރި ވެރިއެއް ބޭނުމެއް ނޫން", "ދެއަހަރު ބަޖެޓް ކުރި ބަނދަރު ކޮބާ", "މިރަށުގައި އަޅަން ބުނި ފްލެޓް ކޮބާ", "އަޅޭ ގޮނޑިއެއް ނުގެއްލޭ", "މަރުތަކުގެ ހަގީގަތަކީ ކޮބާ" ޖަހާފައިވާ ބެނާތައް ނަގައި މުޅި ރަށުގައި އޮތީ ޝުކުރިއްޔާ ރައީސް ޔާމީނެވެ. ތަރައްގީގެ ބާނީއަކީ ރައީސް ޔާމީން ކަމަށެވެ. މުޅިން އަސްލު މަންޒަރު ރައީސް ޔާމީނަށް ފޮރުވައި އޮޅުވާލެވިފަ އެވެ. މާލެއިން އައި މީހުންގެ އިރުޝާދާ އެއްގޮތަށް މުޅި ރަށުން ރައީސް ޔާމީނަށް އޮޅުވާލީ އެވެ. ކަންއޮތްގޮތާ ދިމާ ޚިލާފަށް މަންޒަރު ދެއްކީ އެވެ. މަޑުއްވަރީގެ އަސްލު މަންޒަރު ރައީސް ޔާމީނަށް ފެނިވަޑައިނުގަންވަ އެވެ. އަސްލު އޮޅުވާލީ އެންމެ އަރިސް މީހުންނެވެ.