Advertisement
ކ. މާލެ
|
9 ޑިސެންބަރ 2025 | އަންގާރަ 11:41
ޔުކްރެއިންގެ ރައީސް ޒެލެންސްކީ، ފްރާންސްގެ ރައީސް މެކްރޮން، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އަދި ޖަރުމަނުގެ ޗާންސެލަރު މާޒް
ޔުކްރެއިންގެ ރައީސް ޒެލެންސްކީ، ފްރާންސްގެ ރައީސް މެކްރޮން، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އަދި ޖަރުމަނުގެ ޗާންސެލަރު މާޒް
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ އިސްލާހު ކޮށްފައިވާ ޕްލޭންގައި 20 ނުކުތާއެއް ހިމެނޭ ކަމަށާއި، ނަމަވެސް ސަަރަހައްދު ދޫކޮށްލުމުގެ މައްސަލައިގައި އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް. ރަޝިޔާ އިން ބޭނުން ވަނީ ޔުކްރެއިން އިން އެ ޤައުމުގެ ބިމުން ބައި ތަކެއް ދޫކޮށްލުމަށް.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭން އަށް ގެނެސްފައިވާ އިސްލާޙުތައް، އަންގާރަ ދުވަހު އެ ޤައުމާ ހިއްސާ ކުރައްވާނެ ކަމަށް ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގައި، ފްރާންސް، އިނގިރޭސިވިލާތް އަދި ޖަރުމަނުގެ ލީޑަރުންނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ.

ރަޝިޔާ އިން ފަށާފައިވާ ހަނގުރާމަ އަށް ހަތަރު އަހަރު ފުރެން ކައިރިވެފައިވާއިރު، އެމެރިކާގެ ފަރާތުން ސުލްޙައިގެ އަވަސް މަގެއް ހޯދުމަށް އެއްބަސްވުމެއް ޤާއިމު ކުރުމަށް ދަނީ ބާރު އަޅަމުންނެވެ. އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭންގައި ރަޝިޔާ އަށް މާ ބޮޑަށް ފައިދާވާ ކަމަށް ބުނެ، ޔުކްރެއިން އިން ބޭނުން ވަނީ އެ ޕްލޭން އަށް ބަދަލު ގެންނާށެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއ، ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް އަދި ޒެލެންސްކީ ބައްދަލު ކުރައްވާފައިވާއިރު، އެ ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ޔުކްރެއިން އަށް އޮތް ތާއީދާއި، އެ ޤައުމުގެ މަސްލަހަތުތައް ހިފެހެއްޓުމެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ އިސްލާހު ކޮށްފައިވާ ޕްލޭންގައި 20 ނުކުތާއެއް ހިމެނޭ ކަމަށާއި، ނަމަވެސް ސަަރަހައްދު ދޫކޮށްލުމުގެ މައްސަލައިގައި އެއްވެސް އެއްބަސްވުމެއް ނެތް ކަމަށެވެ. ރަޝިޔާ އިން ބޭނުން ވަނީ ޔުކްރެއިން އިން އެ ޤައުމުގެ ބިމުން ބައި ތަކެއް ދޫކޮށްލުމަށެވެ.

ސްޓާމާ، މެކްރޮން، މާޒް އަދި ޒެލެންސްކީ މަސައްކަތް ކުރައްވަނީ ރަޝިޔާގެ އިތުރު ހަމަލާ ތަކުން ރައްކާތެރި ވުމަށް އެމެރިކާގެ ސެކިއުރިޓީ ގެރެންޓީތައް ހޯދުމަށެވެ. ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ފުރިހަމަ އަދި ބާރު ގަދަ ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ދެ ވަނަ ދުވަހު އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ އިން ހުށަހަޅާފައިވާ ސުލްޙައިގެ ޕްލޭން އާންމު ވެފައިވާއިރު، ޔޫރަޕުގެ ލީޑަރުންގެ ސަމާލުކަން ވަނީ އެއަށް ލިބިފަ އެވެ. ޔޫރަޕުގެ ލީޑަރުންގެ އޮތް މައިގަނޑު ކަންބޮޑުވުމަކީ ސުލްޙަ ހޯދުމަށް ކުރާ މަސައްކަތުގައި ރަޝިޔާ އިން ކުރާ ހުރިހާ ޑިމާންޑަކަށް އެމެރިކާ އިން އެއްބަސްވެ، އެކަމުގެ ސަބަބުން ޔުކްރެއިން އަށް އަސަަރު ކޮށްފާނެތީ އެވެ. އެހެންވެ، ޔޫރަޕުގެ ލީޑަރުން ވަނީ އެ ޕްލޭން އިސްލާހު ކުރުމަށް ގޮވާލައްވައިފަ އެވެ.

އެމެރިކާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވުމުގެ ފައިނަލް ސްޓޭޖަށް މިހާރު ގޮސްފައިވާ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ޕްލޭން އަށް މަޝްވަރާ ކުރަމުން ގެންދިޔަ ނަމަވެސް، މިހާތަނަށް ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭ ޙާލަތަށް ކަންކަން ނުދާ ކަމަށް މާހިރުން ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހު ބައްދަލުވުމާ ގުޅޭ ގޮތުން ސްޓާމާ ވިދާޅުވެފައި ވަނީ، އިނގިރޭސިވިލާތް އަދި އެހެން ޤައުމު ތަކުން ވެސް ތިބީ ޔުކްރެއިންއާ އެކު ކަމަށެވެ. އެގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރާ ނަމަ، އެއީ ޢަދުލުވެރި އަދި ދެމި އޮންނާނެ އެއްބަސްވުމަކަށް ވާން ޖެހޭނެ ކަމަށް ވެސް ސްޓާމާ ވިދާޅުވެފައިވެ އެވެ.

ސްޓާމާގެ އިތުރުން ފްރާންސްގެ ރައީސް މެކްރޮން އާއި، ޖަރުމަނުގެ ޗާންސެލަރު މާޒް ވަނީ ހަރުދަނާ ޕްލޭނެއް އިތުރަށް ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، އެކަމަށް ހިތްވަރު ދެއްވައިފަ އެވެ. ޖަރުމަނުގެ ޗާންސެލަރު ވިދާޅުވެފައި ވަނީ، މިއީ އެންމެނަށް ވެސް ބޭނުންތެރި އަދި މުހިންމު ނިންމުން ތަކެއްގެ ވަގުތު ކަމަށެވެ.

މަޝްވަރާތައް ކުރިއަށް ދާ ކަމަށާއި، ނަމަވެސް އަދި ވެސް ހަގީގީ ނަތީޖާ ހާސިލު ނުވާ ކަމަށް ޒެލެންސްކީ ވިދާޅުވެފައިވާއިރު، އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނުވާ ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް