އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް އެ ޤައުމުގެ ކޮންގްރެސްގެ މެމްބަރުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކެރީބިއަން ސަރަހައްދު އަދި އީސްޓާން ޕެސިފިކްގައި ސިފައިންގެ ފަރާތުން ބޯޓަކަށް ދިން ހަމަލާ ތަކުގެ އަސްލު ވީޑިއޯ ހުށަހަޅައި ދިނުމަށް ހެގްސެތު ފެއިލް ވެއްޖެ ނަމަ، އޭނާގެ ދަތުރުފަތުރުގެ ބަޖެޓުގެ ހަތަރު ބައި ކުޅަ އެއްބައި ހިފެހެއްޓުމަށް މެމްބަރުން ވަނީ ވިސްނަމުންނެވެ.
މިއީ ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފައްޓަވާފައިވާ ޚާއްސަ އޮޕަރޭޝަންއާ ގުޅޭ އިތުރު މަައުލޫމާތު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރެއިން ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ފާހަގަ ކޮށްފައިވެ އެވެ.
އެމެރިކާގެ ސެނެޓު އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އާމްޑް ސާވިސަސް ކޮމެޓީ ތަކުން ދަތުރުފަތުރުގެ ބަޖެޓާ ގުޅޭ މި ހުށަހެޅުން ހިމަނާފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ނެރުނު ނެޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް (އެންޑީއޭއޭ)ގަ އެވެ. މިއީ ދިފާއީ ސިޔާސަތާ ގުޅޭ ބޮޑު ބިލެއް ކަމަށާއި، އަހަރު ނިމުމުގެ ކުރިން ޤާނޫނަކަށް ވެދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ކޮމެންޓެއް ހޯދުމަށް އެދިފައި ވީ ނަމަވެސް، އެ އިދާރާ އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ވެނެޒުއެލާއާ ގުޅޭ ގޮތުން ޓްރަމްޕްގެ ސަރުކާރުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކާއި، ރާވާފައިވާ ރޭވުންތަކުގެ މައުލޫމާތު ހޯދުމަށް ކޮންގްރެސްގެ މެމްބަރުން ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވެސް ހިމެނޭއިރު، އެ މައުލޫމާތު ހޯދުމަށް އެދޭތާ އެތައް ހަފުތާއެއް ވެފައިވާ ކަމަށް ބުނެފައިވެ އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅުން ފެށީގެން އެމެރިކާ އިން ވަނީ، ސައުތު އެމެރިކާ އަށް ނިސްބަތްވާ ވެނެޒުއެލާގެ ސަރަހައްދުގައި އަސްކަރީ ބާރުވެރިކަން އިތުރުކޮށް، ސައުތު ކެރީބިއަން އަދި ޕެސިފިކްފައި ބޯޓު ތަކަށް މަދުވެގެން 22 ހަމަލާ ދީފަ އެވެ. ޓްރަމްޕްގެ ސަރުކާރުން ބުނެފައި ވަނީ، އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށާއި، އެކަމުން އެމެރިކާ އަށް ޤާނޫނާ ޚިލާފަށް އެތެރެ ކުރާ މަސްތުވާތަކެތި ހުއްޓުވޭނެ ކަމަށެވެ.
އެމެރިކާގެ ހަމަލާ ތަކުގައި މިހާތަނަށް 87 މީހަކު މަރުވެފައިވާއިރު، ކޮންގްރެސްގެ ހުއްދަ ނެތި ދިގު މުއްދަތަކަށް ސިފައިންގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ކަމަށް ބުނެ ޓްރަމްޕް އަށް އަންނަނީ ފާޑު ކިޔުންތައް އިތުރު ވަަމުންނެވެ. އެމެރިކާގެ ޤާނޫނު އަސާސީގައި ބުނެފައި ވަނީ، ހަނގުރާމަ އިއުލާން ކުރެވޭނީ ރައީސް އަށް ނޫން ކަމަށާއި، އެއީ ކޮންގްރެސް އަށް ލިބިފައިވާ ބާރެއް ކަމަށެވެ.
ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ބުނެފައި ވަނީ، ބަޔަކާ ދެކޮޅަށް އެކަށީގެންވާ ހެކި ދެއްކުމެއް ނެތި އެމެރިކާ އިން ދީފައިވާ ހަމަލާ ތަކުގައި މީހުން މަރާފައިވުމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ވެސް ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެ ކަންބޮޑުވުންތައް އިތުރުވެފައި ވަނީ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު، އޮޕަރޭޝަންގައި އެންމެ ފުރަތަމަ ހަމަލާ ދިން ދޯންޏަށް އެތައް ހަމަލާއެއް ދީ، މީހުން ސަލާމަތް ކުރުމުގެ ބަދަލުގައި މަރާލާފައިވާކަން ހާމަވުމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ހެގްސެތު ދެއްކެވި ވާހަކައިގައި ވަނީ އެ އަމަލުތައް ވަރަށް ބޮޑަށް ދިފާއު ކުރައްވައިފަ އެވެ. އަދި އެ ހާދިސާގެ ފުރިހަމަ ތަފްސީލީ ވީޑިއޯ އާންމު ކުރުމަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ރިވިއު ކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ކަމަަށް ވިދާޅުވެފައިވެ އެވެ.
އެންޑީއޭއޭގެ ހުށަހެޅުމުގައި ބުނެފައި ވަނީ، ޑިޕާޓްމަންޓް އޮފް ޑިފެންސްގެ އެގްޒެކިއުޓް އޯޑާސްއާ ގުޅޭ ގޮތުން، ކޮންމެ ތިން މަހަކުން ދޭން ޖެހޭ ރިޕޯޓުތައް ކޮންގްރެސްގެ ކޮމެޓީ ތަކަށް ހުށަހަޅައިދޭން އެދޭ ކަަމަށެވެ. އަދި ހެގްސެތުގެ ދަތުރުފަތުރުގެ ބަޖެޓުގެ 75 އިންސައްތަ ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ ހުށަހެޅުމުގައި ބުނެފައި ވަނީ އެމެރިކާގެ ސައުތަން ކޮމާންޑުގެ ޒިންމާގެ ސަރަހައްދުގައި ޓެރަރިސްޓު ޖަމާއަތްތަކަށް ދިން ހަމަލާ ތަކުގެ އަސްލު ވީޑިއޯ، އެއްވެސް އެޑިޓް ކުރުމެއް ނެތި އާމްޑް ސާވިސަސް ކޮމެޓީ ތަކަށް ހުށަހަޅަން ވެސް ޖެހޭނެ ކަމަށެވެ. ވެނެޒުއެލާގެ ކައިރީގައިވާ ކަނޑުތައް ހިމެނެނީ އެ ސަރަހައްދުގެ ތެރޭގަ އެވެ.