Advertisement
ކ. މާލެ
|
9 ޑިސެންބަރ 2025 | އަންގާރަ 12:50
ހިސޯރު ކޮށްފައިވާ އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ މައި މަރުކަޒުގެ މައި ގޭޓު
ހިސޯރު ކޮށްފައިވާ އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ މައި މަރުކަޒުގެ މައި ގޭޓު
ރޮއިޓަރސް
އިޒްރޭލް-ފަލަސްތީން
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
އިޒްރޭލުގެ ފުލުހުން ޤުދުސް ގައި ހުންނަ އަންރުވާގެ ކޮމްޕައުންޑަށް ވަދެ ސެކިއުރިޓީ ގާޑުން ހައްޔަރުކޮށް، މުވާސަލާތު ކަނޑާލައި، އެތަން ފުޅާ ދާއިރާއެއްގައި ބަލައި ފާސްކޮށްފައިވާއިރު، މިއީ އދ.ގެ އާންމު މަޖިލީހުން އަންރުވާގެ މުއްދަތު އައު ކުރުމަށް ބޮޑު ތާއީދު ލިބުނުތާ ދެ ދުވަސް ފަހުން ހިންގި އަމަލެކެވެ. .

އިޒްރޭލުގެ ފުލުހުން އިރުމަތީ ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް ވަދެގަނެ، އެތަނުގެ ސެކިއުރިޓީ ގާޑުން ހައްޔަރުކޮށް، އެމީހުންގެ ފޯނުތައް ފޭރިގަނެފައިވާ ކަމަށް، ޕެލަސްޓައިން އޮތޯރިޓީ (ޕީ.އޭ) އާ ގުޅިފައިވާ ޤުދުސްގެ ގަވަރުނަރޭޓުން ބުނެފި އެވެ.

"އިޒްރޭލުގެ ފުލުހުން ވަނީ މުވާސަލާތް ކަނޑާލާފައި، އެތަނުގެ ތެރޭގައި ހިނގާ ކަންކަން އެނގޭނެ ގޮތެއް ނެތް،" ކަމަށް ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޮފިޝަލުން އިތުރަށް ބުނީ، މި ރެއިޑް ހިންގާފައި ވަނީ "ވަށައިގެންވާ ސަރަހައްދު އެއްކޮށް ބަންދުކޮށްގެން" ކަމަށާއި، އެ އިމާރާތުގެ ހުރިހާ ތަންތަނެއް ފުޅާ ދާއިރާއެއްގައި ބަލައި ފާސްކޮށްފައިވާ" ކަމަށެވެ.

1951 ވަނަ އަހަރުން ފެށިގެން އަންރުވާ ގެ އޮފީހެއްގެ ގޮތުގައި ބޭނުން ކުރަމުން އައި މި އިމާރާތް، އިޒްރޭލުން ނިންމި ނިންމުމަކާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ވަނީ ހުސްކޮށްފައެވެ.

މި ރެއިޑް ހިންގާފައިވަނީ، އދ.ގެ އާންމު މަޖިލިސް (ޔޫ.އެން.ޖީ.އޭ) އިން، އަންރުވާ އިން ފަލަސްތީނުގައި ޚިދުމަތް ދިނުމަށް އިތުރު ތިން އަހަރަށް މުއްދަތު އައު ކުރުމަށް ގަރާރެއް ފާސް ކުރިތާ ދެ ދުވަސް ފަހުންނެވެ. އެ ގަރާރަށް 151 ގައުމުން ތާއީދުކޮށްފައިވާއިރު، 10 ގައުމުން ދެކޮޅު ހަދައި، އަދި 14 ގައުމުން ވަނީ ވޯޓު ނުދީފަ އެވެ.

ގަވަރުނަރޭޓުން ބުނީ، "މި ރެއިޑަކީ އދ.ގެ ޢާންމު މަޖިލީހުން އަންރުވާ ގެ މުއްދަތު އައު ކުރުމަށް ކޮށްފައިވާ ބޮޑު ތާއީދަށް ސީދާ ގޮންޖެހުން،" ކަމަށެވެ. އަދި "ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވުމުގެ ސަބަބުން އިޒްރޭލު ޖަވާބުދާރީ ކުރުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށާއި އެމީހުންގެ ޤައުމީ އަދި ބައިނަލްއަޤުވާމީ މުއައްސަސާތަކަށް ދެމުންދާ ހަމަލާތަކާއި އަނިޔާތަކާ ގުޅިގެން އިޒްރޭލުގެ ބާރުތަކާ ދެކޮޅަށް ދައުވާ ކުރުމަށް" ބައިނަލްއަޤުވާމީ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެ އެވެ.

އިޒްރޭލުގެ މި އަމަލާ ގުޅިގެން، އަންރުވާގެ ވެރިޔާ ފިލިޕް ލައްޒަރީނީ، ކުރެއްވި ޕޯސްޓެއްގައި އެ އެޖެންސީގެ ކޮމްޕައުންޑަށް އިޒްރޭލުން ވަދެގަތުން ވަނީ ކުށްވެރި ކުރައްވާފަ އެވެ.

ލައްޒަރީނީ އެކްސްގައި އިތުރަށް ލިޔުއްވާފައިވަނީ، "އެންމެ ފަހުގެ މި އަމަލަކީ، އދ.ގެ މެމްބަރު ދައުލަތެއްގެ ހައިސިއްޔަތުން އދ.ގެ އިމާރާތްތަކަށް ރައްކާތެރިކުރުމަށާއި އިޙުތިރާމްކުރުމަށް އިޒްރޭލުގެ މައްޗަށް އޮތް ވާޖިބަށް ފާޅުކަން ބޮޑު ގޮތަކަށް ފަރުވާކުޑަކުރުން" ކަމަށެވެ.

- ކޮމެންޓް