ހުޅުމާލޭ ގައި ސަރުކާރުން އަޅާ ޕާކިން އިމާރާތްތަކު ގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ޕާކިންގ އިމާރާތްތަކު ގެ އަމަލީ މަސައްކަތް 4 މަސް ދުވަސް ތެރޭ ފެށޭނެ ކަމަށް ސަރުކާރުން މިހާރު ހާމަކޮށްފައި ވާއިރު، މީގެ ކުރިން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ޕާކިންގ އިމާރާތްތަކު ގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ބުނެފަ އެވެ.
ހުޅުމާލޭ ގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން އަދި ސަރުކާރު ކުންފުނިތައް ގުޅިގެން ހޮނިހިރު ދުވަހު ފެށި ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ހުޅުމާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
މިނިސްޓަރ އަމީން ވަނީ ހުޅުމާލޭ ގައި ޕާކިން މައްސަލަ ހައްލުކުރުމު ގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ، ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ޕާކިން ބިލްޑިންގްތައް އެޅުމުގެ އަމަލީ މަސައްކަތް ފެނިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން މިހާރު މިދަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ޕާކިން ބިލްޑިންގ ތައް އެޅުމުގެ މަރުހަލާގެ ތެރޭގައި. އިރާދަ ކުރެއްވިއްޔާ މާލަސްތަކެއް ނުވެ ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ފިޒިކަލީ ފެނިވަޑައިގަންނަވާނެ، މި ސަރަހައްދަށް ބޭނުންވާ ވަރުގެ ޕާކިން ބިލްޑިންގްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާތަން
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން![]()
މާލޭ ސަރަހައްދަށް ދިމާވެފައިވާ ތޮށްޖެހުމުގެ މައްސަލަ ހައްލުކޮށް އުޅަނދުތައް ޕާކު ކުރުމަށް ސަރުކާރުން ވަނީ، މާލެ ސަރަޙައްދުގައި ޖުމްލަ 7500 އެއްހާ އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ނިންމާފަ އެވެ. މި މަޝްރޫއު ހިންގުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު 15 އިމާރާތެއްގެ މަސައްކަތް ކުރުމަށް އެއްބަސްވުމެއް ގައި ވަނީ ސޮއިކޮށްފަ އެވެ.
ހުޅުމާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް، ޕާކިން އިމާރާތްތައް އެޅުމުގެ އިތުރުން މިހާރު ޕާކް ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ އިތުރަށް 3 ބިމެއް ވަގުތީ ޕާކިން އަށް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މި ބިންތަކާ ގުޅޭ ގޮތުން އެޗްޑީސީ ގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހެއިރު ވިދާޅުވީ ވަގުތީގޮތުން ޕާކް ކުރުމަށް ހަމަޖައްސާ ބިންތަކުގައި ޕާކް ކުރެވޭނީ އޮންނަ އުސޫލުގެ ތެރެއިން، ޤަވާއިދާއި އެއްގޮތަށް ހުރި އުޅަނދުތައް ކަމަށެވެ.އެގޮތުން، ބިންތައް ހަމަޖެހެނީ، ވިނަރެސް ފުލެޓު ސަރަހައްދާއި ހިޔާ ފުލެޓު ސަރަހައްދުގެ އިތުރަށް ހުޅުމާލެ ފުރަތަމަ ފިޔަވަހިން ކަމަށް ޒުހައިރު ވަނީ ވިދާޅުވެފަ އެވެ.