ގްރޫޕް އޮފް ސެވެން (ޖީ-7) ގައި ހިމެނޭ ސިނާއީ ޑިމޮކްރަސީތަކުގެ ބައްދަލުވުމަށް އެ ގައުމުތަކުގެ އިސް ޑިޕްލޮމެޓުން ކެނެޑާގެ އޮންޓޭރިއޯ އަށް ވަޑައިގެންފި އެވެ.
ޖީ-7 ގެ ގައުމުތަކުން ބައްދަލު މި ކުރަނީ ދިފާއީ ހަރަދުތަކުގެ މައްސަލަ އާއި، ވިޔަފާރި އަދި ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމާއި، ރަޝިއާ-ޔުކްރެއިން ހަނގުރާމަ ނިންމުމުގެ މަސައްކަތްތަކާ ގުޅިގެން އެމެރިކާ އާއި ކެނެޑާ ފަދަ ދާއިމީ އެކުވެރިންނާ ދެމެދު ޓެންޝަން އިތުރުވަމުން އަންނަ ދަނޑިވަޅެއް ގައެވެ.
ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދު އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަންގާރަ އަދި ބުދަ ދުވަހު އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް އަދި ޖަޕާނުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރުމަށް ތައްޔާރުވަމުން ދާ ކަމަށާއި، ވިޔަފާރީގެ ޕްރެޝަރުތައް އޮތް ނަމަވެސް "ގިނަ މައްސަލަތަކެއްގައި ގުޅުން ދެމެހެއްޓުން ޖެހޭ،" ކަމަށެވެ.
ކެނެޑާ އިން ވަނީ ޖީ-7 ގެ ބޭރުން އޮސްޓްރޭލިއާ، ބްރެޒިލް، އިންޑިއާ، ސައުދީ އަރަބިއްޔާ، މެކްސިކޯ، ދެކުނު ކޮރެއާ، ދެކުނު އެފްރިކާ އަދި ޔުކްރެއިންގެ ފޮރިން މިނިސްޓަރުންނަށް ވެސް މި ބައްދަލުވުމަށް ދައުވަތު ދީފަ އެވެ.
އާނަންދު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ މަޝްވަރާކުރުމަށް ކަނޑައަޅާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި މެދުއިރުމަތީގައި ދިގު މުއްދަތުގެ ސުލްހަ އާއި ހަމަޖެހުން ކުރިއަރުވައި ދެމެހެއްޓުމާ ގުޅޭ މަޝްވަރާތައް ހިމެނޭ ކަމަށެވެ.