ޓެންޒޭނިއާގައި ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބު، ތަފާތު ބޮޑު ނަތީޖާ އަކުން މިހާރުގެ ރައީސް ސަމިއާ ސުލުހު ޙަސަން ކާމިޔާބު ކުރައްވައިފި އެވެ.
ހޮނިހިރު ދުވަހު ސަރުކާރުގެ ޓީވީ މެދުވެރިކޮށް އިލެކްޝަން ކޮމިޝަން އިން އިންތިޚާބުގެ ނަތީޖާ އިއުލާން ކުރިއިރު، ސުލުހު ވަނީ ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބު ކުރައްވައިފަ އެވެ. މި އިންތިޚާބު ބާއްވާފައި ވަނީ އިދިކޮޅު ކެންޑިޑޭޓުން ޖަލަށްލުމާއި، ވޯޓު ލުމުގެ ހައްގު ގެއްލުވުމާލުމާ ދެކޮޅަށް ގިނަ ދުވަސް ތަކެއް ވަންދެން ނުރައްކާތެރި މުޒާހަރާތައް ކުރިއަށް ދަނިކޮށެވެ.
އިލެކްޝަން ކޮމިޝަން އިން އިއުލާން ކޮށްފައިވާ ރަސްމީ ނަތީޖާ ދައްކާ ގޮތުން ސުލުހު ވަނީ އިންތިޚާބުގައި 97.66 އިންސައްތަ ވޯޓު ހޯއްދަވައިފަ އެވެ. އަދި ސަރުކާރުގެ ޓީވީ އިން ހާމަ ކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު އޮންނަ ހަފުލާއެއްގައި ސުލުހު ރައީސް ކަމުގެ އިތުރު ދައުރަކަށް ހުވާ ކުރައްވާނެ އެވެ.
މިއި އިދިކޮޅު ޕާޓީ ޗަޑެމާ އިން ބުނާ ގޮތުގައި އިންތިޚާބު ބޭއްވި ދުވަހުން ފެށިގެން ކުރިއަށް ދިޔަ މުޒާހަރާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ހުރަސް އަޅާފައިވާތީ، ހަމަ ނުޖެހުން ތަކުގައި ހަތަރު ސަތޭކަ މީހުން ވަނީ މަރުވެފަ އެވެ. ޓެންޒޭނިއާގެ ރައީސް ކަމުގެ މަގާމަށް ސުލުހު ވަޑައިގެންނެވީ، 2021 ވަނަ އަހަރު ރައީސް ޖޯން މަގުފުލީ ކުއްލި ގޮތަކަށް އަވަހާރަވުމުންނެވެ. އޭރު އޭނާ ހުންނެވީ ނައިބު ރައީސް ކަމުގެ މަގާމުގަ އެވެ.
ބައެއް ވިޔަފާރީ ވެރިން ބުނާ ގޮތުގައި ސުލުހު ވަނީ ސިފައިންގެ ބައެއް އޮފިޝަލުންގެ ދެކޮޅުވެރިކަން އަދި ކުރީގެ ރައީސް މަގުފުލީ އަށް ތާއީދު ކުރާ މީހުންގެ ދެކޮޅުވެރިކަމާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. އެހެންކަމުން ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރުމަށް އޭނާ މަސައްކަތް ކުރެއްވީ، ރައީސް ކަމުގެ ބާރުތައް އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް ވެސް އެ މީހުން ދެކެ އެވެ.
ޗަޑެމާ ޕާޓީ އަށް ވަނީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ބަންދު ކޮށްފަ އެވެ. އެ ޕާޓީ އަށް އިންތިޚާބުގައި ވާދަ ކުރުން މަނާ ކޮށްފައި އޮތްއިރު، އެ ޕާޓީގެ ލީޑަރުގެ މައްޗަށް ވަނީ ޤައުމަށް ޚިޔާނާތްތެރިވުމުގެ ދައުވާ ވެސް އުފުލައިފަ އެވެ. ހަމަނުޖެހުން ބޮޑު ދުވަސް ތަކަކަށް ފަހު، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އޮތް ނަމަވެސް، އިންތިޚާބު އޮތް ދުވަހު ޤައުމުގެ އެކި ސަރަހައްދުގައި ހަމަނުޖެހުންތައް ވަނީ ހިނގައިފަ އެވެ.
މުޒާހަރާތައް ހޫނުވެފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ވަނީ ސުލުހުގެ ޕޯސްޓުރު ތަކަށް ގެއްލުން ދީ، ވީދާލައިފަ އެވެ. އަދި ފުލުހުންނާއި، ވޯޓުލާ މަރުކަޒު ތަކަށް އަމާޒުކޮށް ވެސް ވަނީ ހަމަލާ ދީފަ އެވެ. އެކަމުގެ ސަބަބުން އެ ޤައުމުގެ އިންޓަނެޓުގެ ޚިދުމަތް ބަންދު ކުރިއިރު، ޤައުމުގައި ވަނީ ކާފިއު ވެސް އިއުލާން ކުރާ ހިސާބަށް ގޮސްފަ އެވެ.
ޓެންޒޭނިއާގައި ހަމަނުޖެހުންތައް ފެށުނު ފަހުން ސުލުހު އެއްވެސް ބަޔާނެއް ދެއްވާފައި ނުވެ އެވެ. އޭނާގެ ސަރުކާރުން ބާރުގެ ބޭނުން ބޭހެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ކޮށްފައިވާ ތުހުމަތު ދޮގު ކޮށްފައިވެ އެވެ. ޤައުމުގައި އިންޓަނެޓު ބަންދު ކޮށްފައި ވުމުގެ ސަބަބުން ނޫސްވެރިންނަށް ވެސް ވަނީ ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެކަމާ ގުޅޭ ގޮތުން އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ގުޓަރޭސްގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޓެންޒޭނިއާގެ ޙާލަތާ މެދު ގުޓަރޭސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ޚާއްސަކޮށް މުޒާހަރާ ތަކުގައި މީހުން މަރުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވާތީ، އެކަމާ ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.