ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައެޅި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށް އުފުލާފައިވަާ ދައުވާގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލް ކޮށްފި އެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބޭއްވުމަށް ފުރަތަމަ ތާވަލު ކުރީ މިމަހުގެ 23 ވަނަ ދުވަހަށެވެ. ނަމަވެސް، ސައުދުއާ ޗިޓް ހަވާލުނުކުރެވުމުން އެ އަޑުއެހުން ކެންސަލްކޮށް، ހޯމަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑުއެހުން ކެންސަލްކުރީ އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑް ކޮށްފައި ހުރުމުންނެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑް ކުރީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސައުދާއި ހަނީފްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާއެވެ. ސައުދުއާއި ހަނީފްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ އެ ދައުވާ ސާބިތު ވެއްޖެނަމަ ސައުދުއާއި ހަނީފްގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ޖޫން މަހުން ފެށިގެން ދެ ފަހަރެއްގެ މަތިން ސައުދު ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ. އެ މައްސަލައިގައި ސައުދުއާ ސުވާލު ކުރިއިރު، އެ މައްސަލައާ ގުޅިގެން ހަނީފް ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހައްޔަރުގައި ބެހެއްޓިއެވެ.
ފަނޑިޔާރު ޝުޖާއުއާއި، ހަނީފްގެ އިތުރުން ސައުދުއަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.
ސައުދުގެ މައްޗަށް ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ކޮށްފައިވާއިރު، އެ ދައުވާގެ އިތުރުން، ގާނޫނު ތަންފީޒްކުރާ މުވައްޒަފުންނަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ދައުވާތައް ކޮށްފައިވަނީ މެންބަރެއް ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް ޖުލައި 24 ވަނަ ދުވަހު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ.
މަޖިލިހަށް ވަން މައްސަލައާ ގުޅިގެން ޖުލައި 27 ވަނަ ދުވަހު ސައުދު ހައްޔަރުކުރުމަށް ފަހު، ބަންދުން ދޫކޮށްލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.