ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުންތައް ބުރާސްފަތި ދުވަހުގެ ހެނދުނު ނިންމާލައި، ޚުލާސާ ބަޔާން ހުށަހެޅުން މެންދުރަށް ތާވަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ބޭއްވި އަޑުއެހުމުގަ އެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގުދެމިގެން ދިޔަ އަޑުއެހުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ޚުލާސާ ބަޔާން ހުށަހެޅުން މެންދުރު 2:30 އަށް ތާވަލުކުރައްވާފަ އެވެ.
ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރު ކޮށްގެންނެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވެފައިވާ ގޮތުގައި ގާސިމްގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަނީ ކޯޓުގެ މުވައްޒަފުންނަށާއި ފަނޑިޔާރުންނަށް ބަޔަކު އިންޒާރުދީ ބިރުދައްކަމުންދާތީއެވެ.
ސިއްރުކޮށްގެން ބޭއްވި އަޑުއެހުމުގައި ގާސިމްގެ އަޑުއެހުންތައް ނިންމާލައި، ޚުލާސާ ބަޔާން ހުށަހެޅުމަށް އެންގުމުން ގާސިމްގެ ވަކީލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށް މައުލޫމާތު ލިބެ އެވެ.
ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ވެސް ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހެކިންތަކެއްގެ ހެކި ބަސް ނެގި އެވެ.
ގާސިމް ޝަރީއަތުގައި މިމަހުގެ 6 ވަނަ ދުވަހު ތިން ފަހަރެއްގެ މަތިން އަޑުއެހުން ތާވަލު ކުރި އެވެ. ނަމަވެސް، ހާލުކޮޅު ދެރަވެ ހޮސްޕިޓަލުގައި ގާސިމް އެޑްމިޓް ކޮށްފައިވުމުން އަޑުއެހުންތަކަށް ވަޑައިގެންނެވޭ ގޮތެއް ނުުވި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުފުލީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރު ނުވުމުން އެ މައްސަލަ ބާތިލްކޮށް، ކޯޓުން މައްސަލަ އަނބުރާ ފޮނުވާލިއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބާތިލް ކުރުމުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އަލުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވަނީ ފަހުން އުފުލި ދައުވާގެ ސީޣާގައި ވެސް ހަމަ އެއް ވާހަކަތަކެއް ފާހަގަކުރައްވާ، ބާތިލްކުރި ގަޒިއްޔާ، ބާތިލް ކުރުމާ ހަމައަށް ކުރިއަށް ގޮސްފައިވާ ހިސާބުން ގުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.