ލިޓަސް ގަރާޖުގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލި، މުހައްމަދު އަނަސްގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ރ. ދުވާފަރުގައި ވެސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ހުކުރު ދުވަހުގެ ހަވީރު، ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހަރަކާތުގައި އެ ރަށު ރައްޔިތުން ގޮވާލާފައި ވަނީ އަނަސްގެ ގާތިލުން ހޯދައި އެ ފަރާތްތަކަށް ހައްޤު އަދަބު ދިނުމަށެވެ. އަދި މައްސަލައިގެ ތަހުޤީޤް އަވަސް ކުރުމަށް ވެސް އެ ރަށު ރައްޔިތުން ގޮވާލާފައިވެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ދުވާފަރު ކައުންސިލް މެމްބަރަކު ވިދާޅުވީ، ކަޅު ހެދުމުގައި، ދުވާފަރު ގިނަ ރައްޔިތުންތަކެއް ބައިވެރި މި ހަރަކާތުގައި، އަނަސްގެ އާއިލާގެ މެމްބަރުން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އާއިލާ މެމްބަރުން ވެސް އަނަސްގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުވާފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ވަނީ ހާއްސަ ދުއާއެއް ވެސް ކޮށްފަ އެވެ. އޭގެއިތުރުން ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ހުށައެޅުމަށް އަނަސްގެ އާއިލާއިން ތައްޔާރު ކުރާ ޕެޓިޝަންގައި އެ ރަށުގެ ގިނަ ރައްޔިތުން ވަނީ ސޮއި ވެސްކޮށްފަ އެވެ.
#RTVLive: Anas ge marah insaafu hoadhaidhinumah govaaalaa, R. Dhuvaafarugai baavvaa evvun. @Raajje_tv pic.twitter.com/6mZN4YWNeh
— RaajjeTV Live (@RaajjeTVLive) August 11, 2017
އަނަސް މަރާލާފައިވަނީ ޖުލައި 31 ވަނަ ދުވަހުގެ ރޭ 09:10 ހާއިރު އެވެ. މަންޒަރު ފެނުނު މީހަކު ބުނިގޮތުގައި އަނަސް މަރާލާފައި ވަނީ ތިން ސައިކަލެއްގައި ދިޔަ މޫނު ފޮރުވައިގެން ތިބި ބައެއް ކަމަށެވެ.
އަނަސް އަކީ ލޯންޗެއްގެ ކެޕްޓަނެކެވެ. އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް މަރާލުމާއި ގުޅިގެން އޭނާގެ އުފަންރަށް ރ. މީދޫގައި އަންނަނީ އޭނާގެ މަރަށް އިންސާފަށް ގޮވާލާ އަޑު އުފުލަމުންނެވެ.
އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯގައި އޭނާ އަށް ހަމަލާ ދިނުމުގައި ހަތަރު މީހަކު ފެނެއެވެ. އޭގެ ތެރެއިން އެކަކު ހުރީ މޫނު ވެސް ނުފޮރުވައެވެ. އަދި ވީޑިއޯ އިން އޭނާގެ މޫނު ސާފުކޮށް ފެނެއެވެ. ފުލުހުން ވަނީ އަނަސް މަރާލުމުގައި ބައިވެރިވި ގާތިލުން ކަމަށް ބުނެ ބަޔަކު ހައްޔަރު ކޮށްފަ އެވެ. އަދި އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން ވަނީ ޖަހައިފަ އެވެ.
އަނަސް މަރާލި މައްސަލާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، ކުށްވެރިއަކީ އަނަސް ނޫން ކަމަށާއި އޭނާ ލައިގެން ހުރި ޓީޝާޓް ކަމަށެވެ.