" އަނިޔާވެރިކަމާ ދެކޮޅަށް " ރާއްޖޭގެ އެކި ރަށްތަކުގައި މުޒާހަރާ ކޮށްފި އެވެ.
ސަރުކާރާ ދެކޮޅަށް މުޒާހަރާ ކޮށްފައި ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ގއ. ވިލިނގިލީގެ އިތުރުން ގދ.ތިނަދޫ ގައެވެ.
މުޒަހާރާގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅު ޝުއޫރުތަކުގެ އަޑު އުފުލާފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އާބާދީތައް ހިމެނޭ މި ރަށްރަށުގައި ރައީސް އަބްދުﷲ ޔާމިންގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.
އަދި މިހާރު ހައްޔަރު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިނިވަން ކުރުމަށް އާންމުން ވަނީ އަޑު އުފުލާފަ އެވެ. ހަމަ އެހެންމެ ސިފައިންނާ ފުލުހުން ގާނޫނުތަކަށް ތަބާވުމަށް ގޮވާލާފައިވެ އެވެ.
ރައްޔިތުން ފާޅުކުރި ޝުއޫރުތަކުގެ ތެރޭގައި އަބްދުﷲ މަސީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނޫން ކަމަށާއި މަޖިލިސް މިނިވަން ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި މެމްބަރުން ހިފާ ހައްޔަރު ކުރުމަކީ ވެސް އަނިޔާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ޖިނާއީ ތަހްގީގުތަކެއް ދަނީ ހިންގަމުންނެވެ. އަދި ބައެއް މެމްބަރުންގެ މައްޗަށް ޖިނާއީ ދައުވާތައް އުފުލައިގެން ކުރިއަށްދާއިރު ސިޔާސީ އިސް ލީޑަރުންތަކެއްގެ މައްޗަށް މިހާރުވެސް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާއިރު އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހުންނެވީ 12 އަހަރު ޖަލު ހުކުމެއްގަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް މިހާރު ކުރިއަށް އެބަ ދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖަލުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝްގެ މައްޗަށް ހިންގާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ވެސް ކުރިއަށްއެބަ ދެ އެވެ. އޭގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ވެސް ހުންނެވީ ޖަލުގަ އެވެ.