ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 19:53
ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު މަލީހު --
ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު މަލީހު --
ޓްވިޓަރ
ސަރުކާރުގެ މެނިފެސްޓޯ
ވެރިކަމަށް ވަޑައިގެންނެވި މެނިފެސްޓޯގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު މިސަރުކާރަށް ނެތް: މަލީހު
މެނިސްފެސްޓޯ ތައްޔާރު ކުރުމާއި ޕްރޮމޯޓް ކުރަން އުޅުއްވި އެއްވެސް ބޭފުޅެއް މިސަރުކާރަކު މިހާރަކު ނެތް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކާރުން  ވެރިކަމަށް އައުމަށް  ރައްޔިތުންނާ ހިއްސާ ކުރި މެނިފެސްޓޯގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ރައީސް ޔާމިންގެ ސަރުކާރުގެ ފުރަތަމަ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކުރީގެ މެމްބަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މަލީހު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ތައްޔާރު ކުރި މެނިފެސްޓޯގެ ވާހަކަ ދެއްކޭނެ އެއްވެސް ބޭފުޅެއް މިވަގުތު މިސަރުކާރުގެ ތެރޭގައި ނެތް ކަމަށާއި ހުދު ރައީސް ޔާމީނަށް ވެސް އެ މެނިފެސްޓޯގައި ހުރި ގިނަ ކަންކަން އެނގި ނުލައްވާނެ ކަމަށެވެ.

"އެ މެނިފެސްޓޯތަކާއި އެއްޗެއްހި ލިޔުނީ އަޅުގަނޑުމެން. އެ ޕްރޮމޯޓްކޮށް، އޭގެ ވާހަކަ ދައްކާ އޭގައިހުރި މަފްހޫމްތައް ދިވެހި ރައްޔިތުންނަށް ވިއްކީ އަޅުގަނޑުމެން. އެ މެނިފެސްޓޯގެ ކަންކަމުގައި ޝާމިލުވިި އެއްވެސް ބޭފުޅެއް މިވަގުތު ސަރުކާރުގެ ތެރޭގައެއް ނެތް. ރައީސް މައުމޫން ވެސް އެ ހުންނެވީ ރައީސް ޔާމީންގެ މިސަރުކާރުން ކަންކަން ކުރަމުންދާ ގޮތާއިމެދު ހިތްހަމަ ޖެހިވަޑައި ނުގަތް މިސަރުކާރާއި ދެކޮޅަށް ނިކުމެ ވަޑައިގަންނަވާފަ،" މަލީހު ވިދާޅުވި އެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ މިސަރުކާރުން މެނިފެސްޓޯގައި ހުރި، ދައްކަން ބޭނުންވާ މަދު ވާހަކައެއް ދައްކަވާ ކަމަށާއި އޭގެ ތެރޭގައި ދަނޑުވެރިންނަށް ދޭން ބުނި 8،000ރ އާއި މަސްވެރިންނަށް ދޭން ބުނި 10،000ރ އާއި ސަބްސިޑީސްތަކާއި އާސަންދައިގެ ވާހަކަ ދައްކާއިރު، އެކަންކަން އޮތްގޮތް ރައްޔިތުންނަށް އެނގޭ  ކަމަށެވެ.

މަލީހު ވިދާޅުވީ ދަނޑިވެރިންނަށާއި މަސްވެރިންނަށް ދޭންބުނި ފައިސާ ނުދެވޭއިރު، ސަބްސިޑީސްތައް ކަނޑައިލައިފައިވާ  ކަމަށެވެ. އަދި މީގެއިތުރުން އާސަންދައިން ބޭސްފަރުވާ ކުރުމަކީ މިހާރު ދިވެހި ރައްޔިތުންނަށް ސިއްހީ ފަރުވާލިބުމަށް އޮތް ބޮޑު އުނދަގުލަކަށް ވެފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ ދިވެހި ރައްޔިތުން މިއިން ދުވަހަކު ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދަން ދާންނުޖެހޭ މިންވަރަށް މިހާރަކަށް އައިސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަން ޖެހިފައިވާ ކަމަށެވެ. ދިވެހި ރައްޔިތުން ބޭސް ފަރުވާއަށް ސަލާން ޖެހަންޖެހޭތަން މިހާރު ފެންނަމުންދާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް