ޓްރެފިކް މޮނިޓަރުން ތަމްރީން ކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ޢިއްޒުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ތަމްރީންކޮށް އެ ކުދިންނަށް ލިޔުމާއި ޓެގް ބުދަ ދުވަހުގެ ރޭ ވަނީ ހަވާލުކޮށްފައެވެ. ޓްރެފިކް މޮނިޓަރުން ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް އެކަމުގެ ލިޔުންހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމެވެ.
މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަހަރަށް ޢިއްޒުއްދީން ސްކޫލްގެ ދަރިވަރުން ވަނީ ތަމްރީންކޮށްފައެވެ. އަދި ދަރުމަވަންތަ ސްކޫލްގެ ޓްރެފިކް މޮނިޓަރުންނާ އަލަށް ގުޅުނު ދަރިވަރުންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ ލިޔުން ހަވާލުކޮށްފައެވެ. މި ދެ ސްކޫލުން ޖުމްލަ 51 ދަރިވަރުން ތަމްރީންކޮށްފައެވެ.
ޓްރެފިކް މޮނިޓަރުން ތަމްރީން ޕްރޮގްރާމްއަކީ އެޑިޔުކޭޝަން މިނިސްޓްރީއާއި ފުލުހުން ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.