ވާހަކަ
ސިލްސިލާ ވާހަކަ
27 މާރޗް 2019 | ބުދަ 13:45
15 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

ނީލާ......." އަޑުގެ ނެތްކޮޅަށް އާތިފް ހަޅޭ ލަވައިގަތެވެ.

އަހަރެން ވަގުތުން އާތިފްގެ މޫނުގައި ބާލިސް އަޅާ ބާރުކޮށްލީމެވެ.

"އާތިފް. މަޑުކޮށްބަލަ. ހަޅޭ ނުލަވަބަ. މިއީ ރީމާއޭ،" އާތިފް މައިތިރިކުރެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ސިކުންތުކޮޅަކު އޭނާ ތެޅުނެވެ. އަދި މައިތިރިވިއެވެ.

"އޯކޯ. އޯކޭ. ހާސްވަނީ،" ބާލީހުގެ ތެރެއިން ފޭދިގެން އާތިފްގެ އަޑު އައެވެ. އާތިފް އެހެން ބުނުމުން އޭނާއަށް އަހަރެންކަން ޔަގީންވެއްޖަކަން އެނގުނެވެ. އޭނާގެ މޫނުމަތީގައި އެޅި ބާލިސް އަހަރެން ނެގީމެވެ.

"ކިރިޔާނުން މަރުނުވީ. އަހަރެން ދިޔައީ ސިއްސައިގެން. ތި ކަހަލަ ކަންތައް ކުރާކަށް ނުވާނެއެއްނު. ކީއްކުރަން މި ކޮޓަރިއަށް ވަނީ. ނީލާ އަތުވެދާނެ،" އާތިފް ފައްޗަކަށް އަމުނާލިއެވެ. އަދި ތެދުވެ އެނދުގައި ހަމަޖެހިލިއެވެ.

އޭނާ އިނނީ ޖެހިލުންވެފަ އެވެ. ބިރުގަނެފައެވެ. އަހަރެން ޖެހިލުން ކުޑަކަމާ އެކު ކޮޓަރިއަށް ވަނީމައެވެ. ދުވަހަކު ވެސް ނުކުރާ ކަމެއް ކުރީމައެވެ.

"ނީލާ އަންނަނީ ހެނދުނު ވީމައެއްނުން. އާތިފް ބަލާ ދިޔައިމަ ދޯ އަންނާނީ. އަދި ފަތިސް ނުވޭ،" ޖެހިލުންކުޑަ ގޮތަކަށް އަހަރެން ޖަވާބު ދިނީމެވެ.

"އާތިފް ވެސް އަހަރެން ކައިރި އަށް ވަންނަ އިރު ނުބަލާ ދޯ ނީލާ އަތުވެދާނެތޯ. އެހެންވެ އަހަންނަށް ވެސް ހަމަ އެ ގޮތަށް މި ކޮޓަރިއަށް ވަދެވިދާނެދޯ،" އާތިފް ކުރިމަތީގައި އަހަރެންގެ ލަދުހަޔާތް ކެނޑިއްޖެއެވެ.

އިރުކޮޅަކު އެހެން އިނުމަށް ފަހު އަހަރެން ކުރަން އައި ކަމުގައި މަސްއޫލުވީމެވެ. އެއީ އާތިފްއާ ވާހަކަ ދެއްކުމެވެ. އޮޅުން އަރާފައި ހުރި ކަމެއް ނަމަ އޮޅުން ފިލުވުމެވެ. ވާންވީ ކިހިނެއް ކަމާއި އަހަރެންގެ މަގާމަކީ ކޮބައިކަން ހޯދާފައި ނޫނީ މިރޭ ކޮޓަރިން އަހަރެން ނުނިކުންނާނަމެވެ. ޒުވާބުކުރަން ޖެހުނަސް މައްސަލައެއް ނެތެވެ. އާތިފް ރުޅިއައިސްގެން އަހަރެން ގެއިން ނެރެލިޔަސް މައްސަލައެއް ނެތެވެ. ވަންނާނެ ތަނެއް ނެތިއްޔާ ރަށަށް ނަމަވެސް ދާނީއެވެ. މަގުމަތީގައި ބިކަވެގެން އުޅެންޖެހުނަސް މައްސަލައެއް ނެތެވެ. ނޫނީ ގޭގޭގައި ގުލާނުކޮށްގެން އުޅެން ޖެހުނަސް މައްސަލައެއް ނެތެވެ. މި ނިންމުން ބަދަލެއް ނުވާނެއެވެ.

"އާތިފް ކީއްވެ އަހަންނަށް ތިޔަހެން ތި ހަދަނީ. އާތިފް ބޭނުންވީމާ ބޭނުން ކަމެއް ކޮށްލަންތައް އަހަރެން މި ގެއަށް ގެނައީ. އެކަން އެނގުނު ނަމަ އަހަރެން މި ގެއަކަށް ނާންނާނަން. މާލޭ މަގުމަތީގައި އުޅެން ޖެހުނަސް މިގެއަކަށް ނައީސް...." ހަމަ ރަނގަޅަށް ވެސް އަހަރެންގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ.

"ހިތުގައި ކުޑަ ވެސް ރަހުމެއް ނެތީތަ؟ އަހަރެން މި ދުނިޔެއަށް ތިޔަ ގިނަކުރަނީ ކީއްވެ؟ އާތިފްގެ ހިތަށް ކުޑަ ވެސް އެއްޗެއް ނާރަނީތަ؟ އާތިފްގެ ތިޔަ އަމަލުގެ ސަބަބުން ނީލާ އާއި ނީޝް އަށް ވާނެ ގޮތް ވިސްނިންތަ؟ ނީލާ އަށް އެނގިއްޖެ ނަމަ އަހަރެން ދައްކާނީ ކޮން މޫނެއް،" ހިތުގައި ހުރި ޝަކުވާތައް އަހަރެން ފުންޏަކަށް އޮއްސާލީމެވެ.

"އަހަރެން.. އަހަރެން، ރީމާ ދެކެ ލޯބިވަން. ފުރަތަމަ މަގުމަތިން ފެނުނު ދުވަހުން ފެށިގެން އަހަންނަށް ރީމާ ދެކެ ލޯބި ވެވިއްޖެ! ރީމާ އަށް ބޭނުންވެއްޖެ،" ކަރުގައި އެއްޗެއް އަޅައިގަނެފައިވާ މީހަކު ވާހަކަ ދައްކާ ގޮތަށް އާތިފް އަހަންނަށް ޖަވާބު ދިނެވެ.

އޭނާގެ އެ އަޑުގައި ރިހުމެއް ވެއެވެ. ޖެހިލުން ވެފައި ހުރި ނަމަވެސް ހިތުގައި އޮތް ވާހަކަތައް އޭނާ ވެސް ބޭރުކޮށްލިއެވެ.

"ތިއީ ލޯބިވާ މީހުން ކަންކުރާ ގޮތެއް ނޫން. ގަދަކަމުން ހޯދުމަށް ވުރެ އަހަރެން ކައިރީގައި ތި ވާހަކަ ނުބުނީ ކީއްވެ؟ އަހަރެން ވެސް މިއީ އިންސާނެއް. ހިއްސުތަކެއް ވޭ. އަހަރެންގެ ވެސް ބޭނުންވާ ކަންކަން ހުންނާނެ. އަހަރެންގެ އިހުސާސްތަކަށް ބެލުމެއް ނެތި ގަދަކަމުން އަހަރެންގެ ހަށިގަނޑަށް އާތިފް އަރައިގަތީ ވެސް ލޯބިވާތީތަ؟ އެއީ ލޯބިވާ މީހުން ކަންކުރާނެ ގޮތެއް ނޫން،" ގިސްލަމުން ކަހަލަ ގޮތަކަށް އަހަރެން ބުނީމެވެ.
"ރީމާ ކައިރީގައި ބުނަން ވަރަށް މަސައްކަތްކުރިން. އިޝާރާތުން ވެސް ބުނިން. ރީމާ ވެސް އެ އިޝާރާތްތަކަށް ޖަވާބު ދިނުމުން އަހަރެން ހީކުރީ ރީމާ ވެސް ހުރީ އަހަންނަށް ބޭނުން ވެފައި ކަމަށް. ނަމަވެސް އެރޭ ކޮޓަރިއަށް ވަނުމުން...." ބުނަން އުޅުނު ވާހަކަ ހުއްޓާލިއެވެ.

ބުނޭ ކޮން ރެޔަކު....ކީކޭ ތިޔަ ކިޔަނީ...." އަހަރެން އިނނީ އާތިފްގެ ވާހަކަ އަށް ކެތްމަދުވެފައެވެ.

އެއްވެސް ކަމެއް ފޮރުވިފައި އޮންނާކަށް ބޭނުމެއް ނޫނެވެ. އާތިފްގެ ހިތުގައި އޮތް އެއްޗެއް ހޯދަން އަހަރެން ބޭނުމެވެ. މި ކަމަކާ ހުރެ އަހަރެންގެ ކިޔެވުން ވެސް ހަލާކުވެ ދަނީއެވެ. ކުރިމަކުގައި ވާނެ ގޮތް ނޭނގި މި ގޮތުގައި ގަނޑަތެޅެން އަހަރެން ބޭނުމެއް ނޫނެވެ.

"ބޭބެ އަށް ގޮވި ރޭ.." އާތިފް އެހެން ބުނުމާ އެކު ބިރެއް ފެނިގެން ފަހަތަށް ޖެހޭ ގޮތަށް އަހަރެން އާތިފާ ދުރަށް ޖެހިލީމެވެ. ހީވީ ދުނިޔެ ބޯމައްޗަށް ވެއްޓުނުހެންނެވެ.

މާތް ކަލާކޯ! ހެޔޮ ނުވާނެ އަހަންނަށް އެހެން ހަދަން. ބޭބެއޭ!" އާތިފް ބުނި ޖުމްލަ ޔަގީން ނުވާ ފަދަ ގޮތަކަށް އަހަރެން ބުނީމެވެ.

" ހުމްމް.... އެރޭ ރީމާ ގޮވީ ބޭބެއަށް. ރީމާ އޮތީ ހަމަ ހެޔަކު ނޫންހެން އަހަންނަށް ހީވަނީ. ފާޑެއްގެ ގޮތެއް ވެފަ. ރީމާ އަށް އަހަރެން ނޭނގުނު...ވެފައި ހުރި ގޮތެއްގެ ސަބަބުން...، އެ ހާލަތުގެ ގޮތުން އަހަންނަށް ކެތް ނުވީ... ރީމާ އިރުއިރުކޮޅާ ބޭބެ ތިހެން ނުހަދާށޭ ގޮވި..." ކުޑަކުއްޖަކަށް ވާހަކައެއް ކިޔައިދޭ ފަދަ ގޮތަކަށް އާތިފް މަޑުމަޑުން ވާހަކަ ދެއްކިއެވެ.

މާތްކަލާކޯއެވެ! މި ހުރިހާ ދުވަހަކު އަހަރެން ޔަގީންކޮށްގެން ހުރީ އަހަރެންގެ އިއްފަތްތެރިކަން ނަގާލީ ނުބައި ބޭބެގަނޑު ކަމަށެވެ. ނަމަވެސް މި ގެއަށް ބަދަލުވުމާ އެކު އަހަރެންގެ ހަށިގަނޑު ޝިކާރަކުރީ ބޭބެއެއް ނޫންތާއެވެ. އެއީ އާތިފެވެ. އެއީ ހަމަ އާތިފެވެ. އެރޭ އަހަރެންގެ ހަށިގަނޑު ނޮޅައި ކެއީ އާތިފެވެ.

އަހަރެން އަޑުން އަޑުނަގާ ރޯން ފެށީމެވެ. ގިސްލަމުން ވާހަކަ ދެއްކޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އިތުރު އެއްޗެއް ބުނުމުގެ ހިތްވަރެއް އަހަރެންގެ ނެތެވެ. އާތިފް ދެކެ އައީ އަމަށަކު ރުޅިއެއް ނޫނެވެ.

"ސޮރީ ރީމާ. އަސްލު ވެސް އަހަންނަށް ކެތް ނުވީ. ހެޔޮނުވާނެ އަހަންށް މާފްކުރޭ! އައި ލަވް.....،"

އާތިފްގެ ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން އަހަރެން ފުންމައިގެން ތެދުވެ އާތިފްގެ މޫނުގައި ތަޅައިގަތީމެވެ. އަދި ވަކި އަޅައި ދަމައިގަތީމެވެ. ވެގެން ވާ ނަމަ މިރޭ އަހަރެން އޭނާ ރޮލާ ކާނަމެވެ.

" ސޮރީއޭ!....އަހަންނަށް...." ރޮމުން ގިސްލަމުން އަހަރެން އާތިފަށް އަނިޔާކުރަމުން ގެންދިޔައީމެވެ.

އަހަރެން ހުއްޓުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާގެ ބަޑިވެސް ފަޅައިގެން ހިނގައްޖެއެވެ. އަޑުން އަޑު ނަގާ ބޮޑު ފިރިހެނަކު ރޮނިކޮށް މީގެ ކުރިން އަހަރެން ނުދެކެވެ. އޭނާ ގުޑި ވެސް ނުލައި އިނދެ ކަރުނަ އަޅާ ރޮނީއެވެ. އިރުކޮޅަކު އާތިގެ މޫނުމަތީގައި ތެޅުމަށް ފަހު އަހަރެންގެ ވަރުދޫވެގެން އޭނާގެ މޭމައްޗަށް ތިރިވިއެވެ. އަދި އޭނާގެ މޭމަތީގެ އިސްތަށިތަކުގައި ބާރަށް ހިފަހައްޓައި މޫނު ފޮރުވީމެވެ.

" އަހަންނަށް މާފުކުރޭ...،" އާތިފް އެ ޖުމްލަ ތިން ހަތަރު ފަހަރު ތަކުރާރުކުރުމަށް ފަހު ވަރަށް ބާރަށް ފާރުގައި ބޯޖެހިއެވެ. އަހަންނަށް ރޭކާލީ ވެސް އޭނާ ތިން ހަތަރު ފަހަރު ފާރުގައި ބޯ ޖެހިފަހުންނެވެ.

"އާތިފް... މޮޔަވީތަ؟" އޭނަގެ ބޮލާއި ފާރާ ދެމެދަށް އަތް ލުމަށް ފަހު އަހަރެން ހަޅޭލަވައިގަތީމެވެ.

"އަހަރެން މިއީ ވަރަށް ގޯސް މީހެއް. އަހަރެން މިއީ ދިރިއުޅޭ ވަރު މީހެއް ނޫން. އަހަރެން މަރުވިޔަދީ. އެކަކު ވެސް އަހަރެން ދެކެ ލޯތްބެއް ނުވާނެ. އަހަނަށް މާފް ހައްގެއް ނޫން،" އާތިފް އަނެއްކާ ވެސް ފަރުގައި ވަރަށް ބާރަށް ބޯޖެހިއެވެ.

ނަމަވެސް މި ފަހަރު އެނބުރިލާފައި ނިތްކުރި ޖެހޭތޯ އޭނާ ބެލިއެވެ. އަހަރެން ވަގުތުން އޭނާގެ ހަށިގަނޑުގައި ހިފައި އޮޅުލައިގަތީމެވެ. އަދި އޭނާއަށް ގުޑިވެސް ނުލެވޭ ގޮތަށް ބާރަށް ހިފެހެއްޓީމެވެ. އަހަރެންގެ އަތުތެރެއިން ދެމިގަންނަން އޭނާ ވަރަށް މަސައްކަތް ކުރިއެވެ.

"ނޫން. ނޫން. އާތިފް. އަހަރެން ވެސް އާތިފް ދެކެ...." ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

"އާން! އަހަރެން ވެސް މިހާރު އާތިފް ދެކެ ލޯބިވަން،" އާތިފް މައިތިރިކުރެވޭނެ ހަމައެކަނި ގޮތަކީ އެއީކަން އަހަންނަށް ކަށަވަރުވިއެވެ.

އޭނާ ބޯ ތަޅަން ފެށުމުން އަހަރެން ބިރުގަތެވެ. ހާލަތުގެ ގޮތުން ހިތުގައި އޮތް ވާހަކަ ބޭރުކުރަން އަހަންނަށް މަޖުބޫރުވިއެވެ.

"ރީމާ.. އަސްލު ވެސްތަ؟. ނޫން. އަހަރެން މިއީ ރީމާގެ ލޯބި ހައްގު މީހެއް ނޫން. އެ އަށް ވުރެ މާ ނުބައި މީހެއް،" އެހެން ބުނުމާ އެކު އާތިފް އަނެއްކާ ވެސް ފާރުގައި ބޯޖެހިއެވެ. ނަމަވެސް މި ފަހަރު ހުރަހަކަށްވީ އަހަރެންގެ އަތެވެ. ވަރަށް ތަދުވެސް ވިއެވެ.

"ނޫން.. އާތިފް... ތިހެން ނުހަދާ. އަހަރެން މިހާރު ގަބޫލުކޮށްފީމޭ. އާތިފް އަހަރެން ދެކެ ލޯބިވާ ކަމަށް. ދެން ތިހެން ނުހަދާ. ހުއްޓާލަބަލަ. ހެޔޮ ނުވާނެ. ހުއްޓާލަބަލަ. ވެދިޔަ ކަމެއް ވެ ނިމުނީ. ދެން އެކަން ހަނދާން ނައްތާލާ. އަހަރެން އެކަން ހަދާ ނައްތާލައިފި. މާފްކޮށްފި،" ބޭއިހްތިޔާރުގައި އަހަންނަށް އިހުނަށް ވުރެ ބާރަށް އާތިފްގެ ހަށިގަނޑުގައި އޮޅުލައި ގަނެވުނެވެ. އަދި އޭނާ މޫނުން ދޮން ނަގަން ފެށީމެވެ.

" އޯ ރީމާ...." އަހަރެންގެ ހަރަކާތްތަކަށް އާތިފް ވެސް ރައްދު ދޭން ފެށިއެވެ. އޭނާ ވެސް އަހަރެންގެ މޫނުގައި ބޮސް ދޭން ފެށިއެވެ. އަދި ތުންފަތުގައި މަޑުމަޑުން ދަތް އަޅާލިއެވެ. ދެ މީހުން ވެސް ހޭވެރިކަން ގެއްލުނީއެވެ. ލޯބީގެ ކަނޑުގައި ގަރަގުވެ ނިމިއްޖެއެވެ. އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު އަހަރެން ވެސް ބޭނުން ވެގެންނެވެ. ލޯބީގެ އެ ކޯރުގައި ބެހިގެންދާން އަހަރެން ވެސް ބޭނުންވީއެވެ. އާތިފްގެ އަތުގައި ހިފައިގެން ދެވޭނެ އެންމެ ދުރަކަށް އަހަރެން ދާނަމެވެ.

އެރޭގެ ފަތިހުގެ އަލިކަން ފާއްދާލީ އަހަރެންގެ ހަޔާތަށް ވެސް އުންމީދުގެ އާ ދޯދިތަކެއް ގެނުވާފައެވެ. އާތިފްއާ އެކު ހޭދަކުރި އެ ވަގުތުކޮޅު ވެގެންދިޔައީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތުކޮޅަށެވެ. ހަޔާތުގައި މިހާތަނަށް ކުރިމަތިވި ހިތަދަތިކަމާއި އަނިޔާތައް މަތިން އަހަރެން ހަނދާންނެތި މާޔޫސްކަން ފިލާ ހިނގައްޖެއެވެ. އަހަރެންގެ ހިތުގައި ހުރި ލޯވަޅުތައް އާތިފްގެ ލޯބިން ބައްދަދީފިއެވެ. ޒަހަމްތަކުގައި އޭނާ މަލަން އަޅައިދީފިއެވެ. ދެ ހަށިގަނޑު އެކަތިގަނޑެއްގެ ގޮތުގައި، އެއްވެސް ހުރަހެއް ނެތި ބީހެމުން ދިޔައިރު އެ ބީހުންތަކާ އެކު އެތައް ވައުދުތަކެއް އަހަރެމެން ވީމެވެ. ދުވަހަކު ވެސް އެކަކު އަނެކަކާ ވަކި ނުވުމުގެ ވައުދެވެ. އެކަކު އަނެކަކަށް އިންތިހާ އަށް ލޯބި ދިނުމުގެ ވައުދެވެ. ހަމަ ރަނގަޅަށް ވެސް އަހަރެމެން ދެ ލޯބިވެރިންނަށް ވެ ނިމިއްޖެއެވެ. އަހަރެންގެ އިއްފަތްތެރިކަން ނަގާލީ ބޭބެ ނޫން ކަމާއި އާތިފްކަން އެނގިހުރެ ވެސް އަހަރެންގެ ހިތުގައި އާތިފާ މެދު އެއްވެސް ޝަކުވާއެއް ނެތެވެ. އަހަރެންގެ ހަށިގަނޑި އެކީއެކަށް ހިބައިން އޭނާ އަށް ދީ ނިމިއްޖެއެވެ.

***

ފަތިހުގެ އިރާއެކު އަހަރެން އާތިފް ދޫކޮށްފައި ކޮޓަރިން ނުކުތީ އެތައް ފަހަރަކު މަސައްކަތް ކޮށްގެންނެވެ. ފަތިހުގެ ބަންގީގެ އަޑާއެކު އެ ކޮޓަރިން ނުކުންނަށް އަހަރެން އާތިފާ ވަދާއީ ސަލާމް ކުރީމެވެ. ނަމަވެސް ތުންފަތުގެ އެ ބީހުމުން ކުރި ސަލާމް ހެނދުނު ހައެއް ޖަހައި ދިޔައިރު ވެސް ނުނިމެއެވެ. އެތައް ފަހަރަކު ތަކުރާރުކުރަންޖެހުނެވެ. އެނދުމަތީގައި އޮތް ޓީޝާޓް ލައިގެން ދޮރާ ދިމާއަށް އެތައް ފަހަރަކު އަހަރެން ހިނގައިގަތީމެވެ. އެތައް ފަހަރު ތަޅާ ހަމައަށް ވެސް ދިޔައީމެވެ. ނަމަވެސް އާތިފްގެ ލާނެތް ބީހުންތަކާ އެކު ދެ މީހުން އެނބުރި އެނދުމައްޗަށް ޖެހިގަންނަންޖެހުނީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ. އޭނާގެ ގާތިލާނާ އެ ހަރަކާތްތަކުގެ ޝިކާރައަކަށް އަހަރެން ހެދިއެވެ. އެ ލޯބީގައި ހަގީގަތުގައި ވެސް އަހަރެން ގަރަގުވެ ނިމިއްޖެއެވެ. އެ ލޮބުވެތި ބީހުންތަކުން މޮޔަކޮށްފިއެވެ. އަހަންނަށް ވެގެންވާ ނަމަ ހިނދުކޮޅަކަށް ވެސް އެ ކޮޓަރިން އަހަރެން ނުނިކުންނާނަމެވެ. އަނެއް ދުވަހުގެ އިރު އަރަންދެން ވެސް، އަދި ކީއްކުރަން ހެއްޔެވެ؟ އެތައް ޒަމާނެއް ވިޔަސް އާތިފްގެ އެ ތަނަވަސް މޭމަތީގައި އަހަރެން އޮވެދާނަމެވެ. އެ ލޯބި ފިރުމުންތަކާއި އޭނާގެ ވާހަކަތައް އަޑުއަހަން މުޅި އުމުރު ވެސް އެ ގޮތުގައި ހޭދަކޮށްފާނަމެވެ. ނަމަވެސް.....

-ނުނިމޭ-