ވާހަކަ
ސިލްސިލާ ވާހަކަ
27 ފެބްރުއަރީ 2019 | ބުދަ 16:03
7 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

ނީލާ އާއި އާތިފް ކޮޓަރިން ނުކުތުމުން އަހަރެއް ގޮދަޑި ބާއްވާލައި  އިށީނދެލީމެވެ. ކުޑަ ހިނދުކޮޅަކު އެހެން އިނުމަށް ފަހު ފާހަނާ އަށް ވަނީމެވެ. ތައްތަމެން ގޭ ކޮޓަރީގެ ފާހަނާ އަށް ވުރެ މާ ބޮޑަށް ވެސް ރީއްޗެވެ. ތަނަވަހެވެ. އާތިފްމެން ގެއަށް އައުމުގެ ކުރިން ފެންވަރައިގެން އައި ފާހަނާ މަތިން އަހަރެން ކުޑަކޮށް ހަނދާންކޮށްލީމެވެ. ނަމަވެސް މާ ގިނައިރު ނުކޮށް މޫނު ދޮވެލައިގެން އަހެރެން ނުކުމެ ގޮދަޑީގައި އަނެއްކާ ވެސް އިށީނނީމެވެ. ފެންވެރެން ވެސް އޮތީ ފޮށިން އެއްޗެހި ނަގައިގެންނެވެ. ނަމަވެސް ގޮދަޑިމަތީގައި އަހަންނަށް ގަނޑުވެފައި ކަހަލަ ގޮތަކަށް އިނދެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. އެއްވެސް ފިކުރެއް ނެތިއެވެ. އެއްވެސް ހިޔާލެއް ވެސް ނެތެވެ. ސިއްސައިގެން ދިޔައީ ކޮޓަރީގައި މީހަކު ޓަކިޖެހި އަޑަށެވެ. ފުންމައިގެން ތެދުވި އިރު، އަހަރެންގެ އިޝާރާތަކަށް ބެލުމެއް ނެތި އެ މީހަކު ދޮރު ހުޅުވައިފި އެވެ.

އެއްޗެއް ކައިގެން އައިސް އޮންނަންވީނުން،" އެއީ އާތިފެވެ. ޓަކި ޖެހި ނަމަވެސް އަހަރެން ދޮރު ހުޅުވުމުގެ ކުރިން އާތިފް ކޮޓަރިއަށް ވަނީމާ އަހަރެން ކުޑަކޮށް ލަދު ވެސް ގަތެވެ. ފާހަނާ އިން އައި ގޮތަށް ގޮދަޑިމަތީގައި އިނުމުން ހެނދުން ވެސް އޮތީ ކޮނޑުމަތިން ފައިބައިފައެވެ. އާތިފް ފެނުމާ އެކު އަހަރެން އަވަސް އަވަހަށް ހެދުން ރީތިކޮށްލައި ހަމަޖެހިލާ ގޮތް ދައްކައިލީމެވެ.

އަހަރެން ގެއިން އައީ ކައިގެން. ދެން ކާނީ ފަހުން،" ފުރަތަމަ ފެނުނު މީހަކާ ވާހަކަ ދައްކާ ފަދަ ކަހަލަ ގޮތަކަށް އަހަރެން އާތިފަށް ޖަވާބު ދިނީމެވެ.

"އޯކޭ! އެއްވެސް ކަމެއް ބޭނުމިއްޔާ ބުނެލާތި. އަހަރެމެން މީ ދެން ދުރު ބައެއް ނޫނެއްނުން ދޯ،" ނީލާ ނެތުމުން އަހަންނަށް އަނެއްކާ ވެސް ކުރީގެ އާތިފް ފެނުނެވެ. ލާނެތް ގޮތަކަށް އެހެން ބުނުމަށް ފަހު އޭނާ ނުކުމެގެން ދިޔައީ އެވެ.

ފެން ފޮދެއް ފިޔަވައި އެހެން އެއްޗެއް މިއަދު އަހަރެން އަދި ބަނޑަކަށް ނުލަމެވެ. ދައްތަ މޫނު ހަދައިގެން ހުރުމުން ހެނދުނު ސައެއް ވެސް އަދި މެންދުރު ކާން ވެސް އަހަންނަށް ނުކުރުނީ އެވެ. ނަމަވެސް ކައިގެން ކަމަށް އާތިފް ކައިރީގައި ބުނީ އެ ވަގުތު ކޮޓަރީގައި މަޑުކޮށްލަން ބޭނުންވީމައެވެ. އަދި އާވުމުން ކެއުމައިގެން އެހާ އަވަސް އަރުވައިގަނެގެން އުޅެން ބޭނުން ނުވުމުންނެވެ. އާތިފް ދިއުމުން އަހަރެން އަނެއްކާ ވެސް ގޮދަޑީގައި އިށީނނީމެވެ. ކުއްލިއަކަށް ކޮޅަށް ހުރެފައި އިށީނނުމުން ބޮލަށް އެނބުރުން އަރާ ގޮތް ހިއުސާސްކުރެވުނެވެ. މޫނުމަތިން ކުދިކޮކާ ބުރަން ފެށި އެވެ. ބަނޑުހައިވުމުން ކަމަށް ވެސް ވެދާނެ އެވެ. ވާތާވާހެން ހީވުމުން އަހަރެން ގޮދަޑީގައި އޮށޯވެލީމެވެ.

*****

މަޑުމަޑުން ދޮރު ހުޅުވާލާފައި މީހަކު ކޮޓަރި ތެރެއަށް ވަނެވެ. އަހަރެން އޮތީ ދެބަ ނިދީގައި ކަމަށް ވެފައި އަދި އެނބުރުން އަރާފައި ހުރުމުން އެއީ ކާކުކަން ދެނެގަންނަން އުނދަގޫވި އެވެ. ހިޔަންޏެއް ފަދަ ގޮތަކަށް ފެންނަ ހުރި އެ މީހާ އަހަރެން އޮތް ގޮދަޑިއާ ކައިރި އަށް އައިސް ހުއްޓުނެވެ. ލޯ ހުޅުވާލާފައި އެއީ ކާކުތޯ ބަލާލަން އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް ހަށިގަނޑަށް ކުޑަ ގުޑުމެއް ވެސް އަހަންނަށް ނުގެނެވުނެވެ. އެ މީހަކު މަޑުމަޑުން އަހަރެން ކައިރިއަށް ތިރިވެލި އެވެ. ފައިލާ ކޮޅުގައެވެ.

އިރުކޮޅަކު އަހަންނާ ދިމާއަށް އެ މީހަކު ބަލަން އިންހެން ހީވިއެވެ. ލޯރަނގަޅަށް ނުހުޅުވޭތީ ފެންނަނީ ކަޅު ހިޔަންޏެއްހެންނެވެ. އެއްވެސް ބަހެއް ނުބުނެއެވެ. މަޑުމަޑުން އޭނާގެ އިނގިލިތަކުން އަހަރެންގެ ފައިތިލައިގައި ފިރުމާލީ ކަހަލަ އިހުސާސެއް ކުރެވުނެވެ. ފަޔަށް ހީލި އެރިއެވެ. ކުއްލިއަކަށް ފައި ދަމައިގަންނަން އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް ހަމަ ގުޑުވާ ވެސް ނުލެވުނެވެ. އޭނާގެ އަތް މަޑުމަޑުން މައްޗަށް ގެންނަން ފެށިއެވެ. ފައިތިލައިން ފެށިގެންނެވެ. ހަރުވާޅު މަތިން ކަކުލާ ހަމައަށެވެ. ލޯބިވެރިއެއްގެ މަޑުމަޑު ފިރުމުމެއް ފަދަ ގޮތަކަށެވެ. އަހަންނަށް އަރާމު އިހުސާސެއް ކުރެވުނެވެ. ނަމަވެސް އެއީ ކާކުކަން ނޭނގޭތީ އަހަރެން އެތައް ފަހަރަކު ފައި ދަމައިގަންނަން މަސައްކަތްކުރީމެވެ. ލޯ ހުޅުވާލާފައި އެ މީހަކު ހުއްޓުވަން ބޭނުންވިއެވެ. އޭނާގެ އަތުގައި ޖަހައި ފޮޅާލަން މަސައްކަތްކުރީމެވެ. ހަމަ ހިލާ އެއް ކަމެއް ވެސް ނުކުރެވުނެވެ.

ހިޔަނީގެ އަތް މަޑުމަޑުން މައްޗަށް ގެނައެވެ. އެ ހިޔަނި ކުރިއަށް ވުރެ ކައިރިއަށް ޖެހިލިއެވެ. އެއް އަތުގެ ބަދަލުގައި ދެ އަތުން އަހަރެންގެ ހަށިގަނޑުގައި ބީހެން ފެށިއެވެ. ކަކުލުން މައްޗަށް އަތް ގެނައެވެ. ނާޒުކު ގުނަވަންތަކުގެ މަތިން ފޫޅުން މައްޗަށެވެ. ދެ އަތާ އެކު އޭނާގެ މޫނު ވެސް އަހަރެންގެ ހަށިގަނޑާ ގާތްކޮށްލިއެވެ. މޭމަތި އޮތީ އޭނާ ހިބަކޮށްފައެވެ. އަހަރެންގެ ހަށިގަނޑު ރޫރޫއަޅައެވެ. ގައިން ހީބިހި ނަގަމުން ދިޔައެވެ. އެއީ ބިރުން ކަމެއް ނުވަތަ އެ ފިރުމުންތަކުން ކުރެވުނު އިހުސާސުން ކަމެއް ބުނެދޭކަން ނޭނގެއެވެ.

ފޫޅުން މައްޗަށް އައިސް އަހަރެންގެ މެއާ ހަމައަށް އެ ދެ އަތް ފޯރިއެވެ. އިރުކޮޅަކު މޫނު ކައިރިވާހެން އަހަންނަށް ހީވިއެވެ. ރަނގަޅަށް ލޯ ނުހުޅުވޭތީ އެ މޫނު އަދިވެސް ފެންނަނީ ހިޔަންޏެއް ގޮތަށެވެ. އެއީ ކާކުކަން ސިފަކުރާކަށް ނޭނގެއެވެ.

އެ މޫނު އައިސް އަހަރެންގެ މޭމަތީގައި ބާއްވާލި އެވެ. ބަރު އިހުސާސެއް ކުރެވުނެވެ.

"ދައްތި! ދައްތި!" އެއީ ކުޑަކުޑަ ނީޝްއެވެ. އޭނާ އޮތީ އަހަރެންގެ މޭމަތީގައެވެ. އަހަރެން ހިތްވަރުކޮށްފައި ދޮލޯ ހުޅުވާލީމެވެ. އަރިއަކަށް ޖެހިލައި ނީޝް އަށް ސަމާލުވެލީމެވެ.

ބޭބެގެ އަނިޔާވި އަމަލުތަކަށް ފަހު އަހަރެން ހާލަކީ މިއީއެވެ. އަބަދު ވެސް ހުންނަނީ ބިރުގެންފައެވެ. ނިދީގެ ތެރޭގައި ފެންނަ ހުވަފެން ވެސް އަހަންނަށް ހީވަނީ ހަގީގަތެއް ހެންނެވެ. ހުވަފެނާއި ހަގީގަތް ވެސް އޮޅޭ މިންވަރަށް އަހަރެންގެ ހާލަތު ދަށަށް ހިނގައްޖެއެވެ. ހިތުގައި ވާހަކަތައް ފޮރުވައިގެން ހުރުމުން ނަފްސާނީ ގޮތުން ވަނީ ބަލިކަށިވެފައެވެ.

*****

"ކޮބާ އާ ގެ ކިހިނެއް ވަނީ؟" ސްކޫލަށް ދިއުމަށް އަހަރެން ނުކުން އިރު ދޮރުމަތީގައި ހުރި ޒުއްބަ އެހިއެވެ.

މިނެޓެއްހާ އިރު ތެރޭގައި ދެވޭހާ ކައިރީގައި ސްކޫލް ހުރި ނަމަވެސް ޒުއްބައާ ވާހަކަ ދައްކާލުމުގެ މަގުސަދުގައި ވިއްސަކަށް މިނިޓް ކުރިން އަހަރެން ގެއިން ނުކުތީމެވެ. ގޭގެ ދޮރާ ކުޑަތަންކޮޅެއް ދުރުގައި އަހަރެމެން މަޑުކޮށްގެން ތިބީމެވެ.

"އަދި ވަރަށް ސަޅި. ނީލާ ވަރަށް ހެޔޮ. ކުއްޖާ ވެސް ވަރަށް ލޯބި. ހީވަނީ ރަނގަޅުވާނެހެން،" ޒުއްބަ އަށް ޖަވާބު ދިނީމެވެ.

"ދެން ކޮބާ އާތިފް؟" ލާނެތް ހިނިތުންވުމަކާ އެކު ޒުއްބަ އެހިއެވެ.

ތެދެކެވެ. އާތިފް ކޮބައި ހެއްޔެވެ؟ މި ދެ ތިން ދުވަހު އޭނާ ގެއިން ވެސް ފެނުނީ ދެތިން ފަހަރަކުއެވެ. އެ ވެސް ނީލާ ހުންނަ ގަޑިތަކުގައި ކަމަށް ވުމުން ރަނގަޅަށް ވާހަކަ ވެސް ދައްކާ ނުލެވެއެވެ. ފަހަރުގައި އޮފީހުގައި މާ ބޮޑަށް ބިޒީ ކަންނޭނގެއެވެ. ސިފައިންގެ އަހަރީ ދުވަސް އަންނާތީ ބިޒީވާނެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ބުނި ހަނދާނެއް އަހަރެން ވެއެވެ.

"މި ދެތިން ދުވަހު އޭނާ ވަރަށް ނުފެނޭ. އެހެން ނޫނީ މި ތަނުގައި އަހަރެމެންގެ އިންތިޒާރުގައި މަދު ދުވަހަކު ނޫނީ އޭނާ އިންނާނެ ދޯ. ގެއިން ވެސް ނުފެނޭ،" އާތިފްގެ މަތިން ހަނދާންކުރަމުން އަހަރެން ޒުއްބައަށް ދޯދިނީމެވެ.

ކުޑައިރުކޮޅަކު އެ ތަނުގައި ވާހަކަ ދައްކަން ތިބުމަށް ފަހު އަހަރެމެން ސްކޫލަށް ދިޔައީމެވެ. ދިޔަ މަގުމަތީގައި ވެސް ދެ ފަހަރަކު އަހަރެން ފަހަތަށް އެނބުރި ބެލީމެވެ. ސައިކަލް މަތީގައި އާތިފް އިނދެދާނެތީއެވެ. ނަމަވެސް އޭނާ ފެންނާކަށް ނެތެވެ. މަދު ދުވަހަކު ނޫނީ އޭނާ އެ ތަނުގައި އިންނާނެއެވެ. ބައެއް ދުވަސް ދުވަހު ޔުނީފޯމުގައެވެ. ޗުއްޓީ ދުވަހެއް ނަމަ ކުލަ ހެދުމުގައެވެ. ސްކޫލަށް ދާ ކުދިން ބަލަން ކަމަށް ވެދާނެއެވެ. ކުއްލިއަކަށް ބޭއިހްތިޔާރުގައި އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"ހޫން. މިހާރު ތި ހެނީ ކީއްވެގެންނޯ؟ އަހަރެން ހީގަތީ ކީއްވެގެންކަން ޒުއްބައަށް ނުވިސްނުމުން އޭނާ މޫނު ހަދާލިއެވެ.
"ހަހަހަހަހަ.......އެއްކަލަ ދުވަސް މަތިން...." އަނެއްކާ ވެސް އަހަރެންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

ބިރުވެރިކަމާއި ހިތްދަތިކަމުގެ ތެރެއިން ވެސް އަހަންނަށް އުފާވެރިކަން ގެނެސްދިނީ އާތިފްގެ ހިޔާލެވެ. ފަހަތަށް އެނބުރި ބަލާލުމުން އަހަންނަށް ފެނުނީ އޭނާ ސައިކަލް މަތިން ވެއްޓޭ ތަނެވެ. ނޫނެކެވެ. އެއީ މީގެ ކުރީގެ ދުވަހެއްގައި ހިނގި ކަމެކެވެ.

"އާތިފް ވެއްޓުނު ދުވަސް މަތިން ހަނދާންވީ.." ޒުއްބަ ކުނިމޫނު ހަދާލުމުން އަހަރެން ހިނިގަނޑު މައިތިރިކޮށްފައި ވީގޮތް ބުނެދިނީމެވެ.

"ހަހަހަ... ވެރީ ފަނީ އިނގޭ،" ޒުއްބަ ހިންޏެއް ނައެވެ. އަހަރެން ސްކޫލަށް ވަނީ ވެސް ހެމުން ހެމުންނެވެ.

- ނުނިމޭ -