20 ޖޫން 2018 | ބުދަ 01:02

އެއް ދުވަހު މަގުމަތީގައި އުޅެނިކޮށް ޖުހާގެ ފަޔަށް ތޫނު ކައްޓެއް ހެރިއްޖެއެވެ.

ވީ ތަދުން ވަރަށް ބާރަށް ހަޅޭއް ލަވައިވެސް ގަތެވެ. އެކަމަކު އެޔާ އެކު އެކީ ހަމްދުކޮށް ޝުކުރުވެސް ކޮށްފިއެވެ.

ކޮންމެ އަކަސް ކަށި ހެރުނު ފައި ބިމުގައި ނުޖައްސާ ކޮރު ޖަހަމުންޖަހަމުން ޖުހާ އައިސް ގޭތެރެއަށް ވަދެއްޖެއެވެ.

ގެއަށް އައި އިރުވެސް ހަމްދު ލިއްލާލިﷲ އޭ ކިޔަމުން ދެއެވެ. އޭރު ކަށިހެރުނު ތަނުން ލޭތައް ފައިބަނީއެވެ.

ޖުހާގެ އަންހެނުން އަވަސް އަވަހަށް އައިސް ވެގެން އުޅޭ ގޮތް އަހައިފިއެވެ.

"ކިހިނެއްވީ ފަޔަށް؟" ޖުހާގެ އަންހެނުން އެއްސެވެ.

"ފަޔަށް ކައްޓެއް ހެރުނީ، ކަށި ވަރަށް ފުނައް ވަތްހެން ހީވަނީ، ވަރަށް ތަދު އެބަވޭ، ވަރަށް ލޭވެސް އަތުވެއްޖެ. އެކަމަކު މީ ވަރަށް ބޮޑު ނަސީބެއް" ޖުހާ ވެގެން އުޅޭ ގޮތް ކިޔައިދެމުން ބުންޏެވެ.

"ދެން ތިހާ ބޮޑު ކަމެއް ވެގެން ގެއަށް އައި އިރު ހަމްދުކޮށް ޝުކުރު ކުރަމުން، އެއީ ނަސީބެކޭ ތިޔަ ކިޔަނީ ޔޯ؟" ޖުހާގެ އަންހެނުން ހައިރާންވެ ހުރެ އެއްސެވެ.

"އިހައް ދުވަހު ގަތް އައު ފައިވާނަށް ނާރާ ނަސީބަކުން ނުކުމެވުނީ، ވިސްނާލާ، މަގޭ ފައި ފޫއަޅުވާލި ގޮތައް އެހެން ނަމަ މި ކަށި އެ ފައިވާން ފޫއަޅުވާލީހެއްނޫންތަ؟" ޖުހާ ބުންޏެވެ.