14 ޖޫން 2018 | ބުރާސްފަތި 23:28

އެއް ދުވަހަކު މީހަކު ލޮލެއްގައި ރިއްސާތީ ޖުހާ ކައިރިއަށް އަތުވެއްޖެއެވެ.

"އަހަރެންގެ ލޮލެއްގައި ރިއްސާތީ އުޅޭތާ ކިތަންމެ ދުވަހެއް. މިހާރު ލޮލަށް ނާޅާ ޒާތެއްގެ ބޭހެއް ވެސް ނެތް. ނުދައްކާ މީހަކު ވެސް ނެތް. ދެން މިކަމުގައި ހަދާނެ ގޮތެއް ނޭނގިގެން މިއުޅެނީ." އެމީހާ ބުންޏެވެ.

"އަހަންނަށް ދިމާވި ތިޔަ ކަހަލަ ކަމެއް. ދަތެއްގައި ރިއްސީ. އެ ވެސް ވަރަށް ވޭން ހުންނަ ކަމެއް. ނުކުރާ ބޭހެއް، ނުހަދާ ގޮތެއް ނޯންނާނެ. އެކަމަކުވެސް ރިހުމެއް ރަނގަޅެއް ނުވި. ވަރަށް ވޭނުގައި އުޅުނީ." ޖުހާ ބުންޏެވެ.

"ދެން ކިހިނެއް ހަދައިގެން ރަނގަޅުވީ؟" އެ މީހާ ޖުހާ ގާތުގައި އެއްސެވެ.

"ތަދު މުޅިން ފިލައިގެން ދިޔައީ ދަތް އުފުރާލީމަ. އެނޫން ގޮތެއް ނުފެނުނު." ޖުހާގެ ތަޖުރިބާ ކިޔައިދެމުން  ބުންޏެވެ.