13 ޖޫން 2018 | ބުދަ 22:27

ކުދިބަޔަކު އެއްދުވަހަކު ވަރަށް ހޫނު ބަހުސެއް ކުރަމުން ދިޔައެވެ.

ވާހަކަ ދެކެވެމުންދަނީ ބޮޑަށް އިންސާނުންނަށް ބޭނުންތެރީ ހަނދު ހެއްޔެވެ؟ ނޫނީ އިރު ހެއްޔެވެ؟

މި ބަހުސްގައި އެމީހުންގެ ތެރެއިން އެއްބަޔަކު ބުނަނީ ބޭނުންތެރިކަން ބޮޑީ ހަނދު ކަމަށެވެ. އަނެއް ބަޔަކު އެކަމާ ދެކޮޅު ހަދާ އެތައް ހެއްކެއް ދައްކަމުން އިންސާނުންނަށް ބޭނުންތެރިކަން ބޮޑީ އިރު ކަމަށް ބުނަމުން ދިޔައެވެ.

ކޮންމެ އަކަސް އަޑު އަހަން ތިބި މީހުންނަށްވެސް ނަގާނެ ކޮޅެއް ނޭނގޭ ވަރަށް ދެކޮޅަށްވެސް ރަނގަޅު އޮއްޓަރު ހުރި ހެކި ހުށަހަޅަމުން ވާހަކަތައް ދައްކަމުން ދިޔައެވެ.

މިހެން ދަނިކޮށް އެތަނަށް ޖުހާ އަތުވެއްޖެއެވެ.

ޖުހާ އައުމުން އެތަނުން އެކަކު ޖުހާ ގާތުގައި އަހައިފިއެވެ. "ޖުހާ ބުނަނީ ކީކޭ؟.. ކޮން އެއްޗެއް ބޮޑަށް އިންސާނުންނަށް ބޭނުންތެރި ވާނީ...ހަނދުތަ؟ އިރުތަ؟"

ސުވާލު ކުރުމާއެކު މާގިނަ އިރަކު ވިސްނާކަށް ވެސް ޖުހާ ބޭނުމެއް ނުވިއެވެ. "ހަނދު." ހަމަ ކުއްލިއަކަށް ބުނެފިއެވެ.

"އެއްވެސް ޝައްކެއް ނެތް، އިރަށް ވުރެ މާ ބޮޑަށްވެސް އިންސާނުންނަށް ބޭނުންތެރީ ހަނދު." ޖުހާ އަދި އިތުރަށް ބާރުލާފައި ބުންޏެވެ.

"އެއީ ކީއްވެ؟" ވަރަށް ޝައުގުވެރިކަމާ އެކު އެންމެން އެކުގައި ކަހަލަ ގޮތައް ޖުހާގާތުގައި އަހައިފިއެވެ.

"އެއީ...!، އިރު އަރަނީ ދުވާލުގެ ގަޑީގައި، މީހުން އެއަށް ބޭނުމެއް ނުވާ ވަގުތުތަކުގައި، އެއާ ޚިލާފަށް ހަނދު އަރަނީ ރޭގަނޑުގެ ވަގުތުގައި، އަނދިރިވީމަ، މީހުންނަށް އަލިކަމެއް ބޭނުންވާ ވަގުތުގައި، ދުވާލު ކީއްކުރާ އެހާ ބޮޑު އިރެއް؟ އޭގެ ބަދަލުގައި ރޭގަނޑު އަލިކަމެއް ބޭނުންވާ ވަގުތު ހަނދު އެހުންނަނީ އަރާ، އެހެންވީމާ އިންސާނުންނަށް އެންމެ ބޭނުންތެރީ ހަނދު." ޖުހާ ބުންޏެވެ.