9 ޖޫން 2018 | ހޮނިހިރު 21:04

ފުލުހުންގެ ވެރިޔާ އޭނާގެ އެންމެ މަގްބޫލު 10 އޮފިސަރުންނަށް ހަދިޔާއަކަށް ދޭން އަސްދޫނި ތަކެއް ހޯދައިފިއެވެ.

ކަން ދިމާކުރި ގޮތުން ލިބުނީ 9 އަސްދޫންޏެވެ. އުޅެއުޅެ ވެސް 10 އަސްދޫނި ހަމަކުރެވޭ ގޮތެއް ނުވިއެވެ.

މިކަމުގައި ހަދާނެ ގޮތަކާ މެދު ފިކުރު ކުރަމުން ގޮސް އެންމެ ފަހުން ނިންމީ ޖުހާގެ ލަފައެއް ހޯދުމަށެވެ.

ޖުހާ ގެނެސް ވެރިޔާ ވިދާޅުވެއްޖެއެވެ. "މި އުޅެނީ ވަރަށް ދެރަގޮތެއް ދިމާވެގެން، އަހަރެންގެ 10 އޮފިސަރުންނަށް ދޭން ލިބުނީ 9 އަސްދޫނި، ދެން ކިހިނެއް މި މީހުންގެ މެދުގައި އިންސާފުވެރިކޮށް އަސްދޫނިތައް ބަހާނީ؟"

"ތިޔައީ އެއްވެސް ކަމެއް ނޫން." ވަރަށް ހަމަ ޖެހިލާފައި ހުރެ ޖުހާ ބުންޏެވެ.

މިހެން ބުނެ ބޭރަށް ނުކުމެ ހުރިހާ އޮފިސަރުން ބަރިއަކަށް އެތުރޭން ޖުހާ ބުނެފިއެވެ.

ހުރިހާ އޮފިސަރުން ބަރިޔަކަށް އެތުރުމުން އެމީހުންގެ ކުރިމަތީގައި އަސްދޫނިތައް ގެނެސް އެތުރާލުމަށް ޖުހާ އަންގައިފިއެވެ.

އަސްދޫނިތައް އެތުރުމާއެކު ހުރިހާ އޮފިސަރުން ގާތުގައި ކޮންމެ މީހަކު އަވަހަށް އެތަނުން އަސްދޫންޏެއް ނެގުމަށް ޖުހާ ބުނެފިއެވެ.

އެއާއެކު އަވަސް އަވަހަށް މީހަކު އަސްދޫންޏެއް ނަގާ ދޫނިތައް ހުސްވެއްޖެއެވެ.

އެކަމަކު ދޫންޏެއް ނުލިބި އެކަކު ބާކީވެއްޖެއެވެ.

"ކޮބާ އަހަރެންގެ އަސްދޫނި؟" އަސްދޫނި ނުލިބުނު އޮފިސަރު އަވަސް އަވަހަށް އައިސް ޖުހާ ގާތުގައި އެއްސެވެ.

"އަސްދޫނިތައް ހުރީ ކަލޭގެ ކުރިމަތީގައި، ބޭނުން އެއްޗެއް ނަގަން ބުނީ، ދެން ކީއްވެ އަސްދޫންޏެއް ނުނެގީ؟" ޖުހާ ބުންޏެވެ.

އޮފިސަރަށް ބުނާނެ އެއްޗެއްވެސް ނޭނގި މަޑުމަޑުން އިސްޖަހައިގެން ހުރެ ހުސްއަތާ ހިނގައްޖެއެވެ.