1 ޖޫން 2018 | ހުކުރު 20:56

ޖުހާގެ ހުރިހާވެސް އެއްޗަކީ އޭނާގެ ހިމާރެވެ.

އެއީ ވަރަށް ލޯބިން ޖުހާ ގެންގުޅޭ އެއްޗެކެވެ.

ކޮންމެ ތާކަށް ދާންޖެހުނަސް، އެއްޗެއް އުފުލަން ޖެހުނަސް ޖުހާގެ އެންމެ ބޮޑު އެހީތެރިއަކީ އޭނާގެ ހިމާރެވެ.

މިހެން އުޅެނިކޮށް އެއް ދުވަހަކު ޖުހާގެ ހިމާރު ގެއްލިއްޖެއެވެ.

ޖުހާގެ ހިމާރު ގެއްލުމުން އޭނާގެ ހިމާރު ހޯދަން ރަށުތެރެއަށް ނުކުމެ އެތަން މިތަން ބަލަން ފަށައިފިއެވެ.

މި ވާހަކަ ރަށުތެރެއަށް ފެތުރި ޖުހާގެ ރަހުމަތްތެރިންނާ ހަމައަށް ވެސް ވާހަކަ ފޯރައިފިއެވެ.

ޖުހާގެ ރަހުމަތްތެރިންނަށް މި ދެރަ ޚަބަރު ލިބިގެން އެމީހުންގެ ހަމްދަރީ އާ އެކު ޖުހާ ގާތައް ހިގަނއްޖެއެވެ.

ދިޔަ އިރު ފެނުނީ މުޅިން އެހެން މަންޒަރެކެވެ.

ޖުހާގެ ލޯބިވާ ހިމާރު ގެއްލިގެން ހިމާރު ހޯދަން އުޅޭތަން ފެންނަނީ މާ އުފަލަކުންނެވެ. އެކަމަށް ﷲ އަށް ހަމްދު ކޮށް ޝުކުރުކޮށް އުޅޭތީ ފެނުމުން ރަހުމަތްތެރިންވެސް ވަރަށް ބޮޑު ހައިރާން ކަމެއް ލިބިއްޖެއެވެ.

ޖުހާގެ ހިމާރު ގެއްލިގެން ﷲ އަށް ހަމްދު ކޮށް ޝުކުރު ކޮށް އެހާ އުފަލުން އެއުޅެނީ ކީއްވެތޯ ރަހްމަތްތެރިން ޖުހާ ގާތު އަހައިފިއިއެވެ.

"ހިމާރު ގެއްލުނު ވަގުތަކީ އަހަރެން އޭގެ މައްޗަށް އަރާ އިން ވަގުތަކަށް ވީ ނަމަ ކިހިނެއްވާނީ؟ އަހަރެންވެސް އެހެންނަމަ ހިމާރާ އެކު ގެއްލުނީސް، އެހެން އެކަން ދިމާ ނުވީ ހަމަ ނަސީބުން، އެހެންވެ އެކަމަށް ހަމްދު ކޮށް ޝުކުރު ކުރަނީ މި." ޖުހާ ބުންޏެވެ.