30 މެއި 2018 | ބުދަ 21:07

އަނބިމީހާ އަށް އަޑު އިވުމުގައި މައްސަލަ އެއް އުޅޭ ކަމަށް ފިރިމީހާ އަށް ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އެކަމަކު އެކަން ޔަގީން ކޮށްފައި ނޫނީ އަނބިމީހާ ގާތު ބުނެގެން ނުވާނެއޭވެސް އޭނާ ހިތައް އަރައެވެ. ނޫނީ އަނބިމީހާ ހިތްހަމަ ވެސް ނުޖެހިދާނެތާއެވެ.

ހަދާނެ ގޮތަކާ މެދު ފިކުރު ކޮށްލުމަށްފަހު ނިންމީ ޑޮކްޓަރަކު ގާތު އެކަން ދެނެގަންނާނެ ފަސޭހަ ގޮތަކީ ކޮބާތޯ އަހާލާށެވެ.

ޑޮކްޓަރު ވަރަށް ފަސޭހަ ގޮތެއް ބުނެދީފިއެވެ.

"ހަދާނެ ގޮތަކީ އަންހެނުންނާ 40 ށް ފޫޓު ދުރުގައި ހުރެފައި އެއްޗެއް އަހާލާ އާއްމުކޮށް ވާހަކަ ދައްކާ އިރު އަޑު ބަހައްޓާ ވަރަށް އަޑު ބަހައްޓާފައި، އެ ހިސާބުން ނުއިވިއްޖެއްޔާ ގާތްގަނޑަކަށް 30 ށް ފޫޓަށް ކައިރިވެލާފައި އެއްޗެއް ބުނެލާ އަޑު އިވޭތޯ، ނީވޭނަމަ 20 ފޫޓަށް، ދެން މި ގޮތައް އިވެންދެން ކައިރިއަށް ޖެހެމުން ގޮސް އިވުނީ ކިހާ ދުރުމިނަކުން ކަން ބަލާލަބަލަ" ޑޮކްޓަރު ފިރިމީހާ  އަށް ކިޔައިދިނެވެ.

އެދުވަހު ހަވީރު ޑޮކްޓަރު ބުނި ވާހަކަ މަތިން ހަދާން ވެގެން ބަލާލިއިރު އަންހެނުން ހުރީ ބަދިގޭގައި ކައްކާށެވެ. ވަގުތުގެ ގޮތުން އެއީ ރޭގަނޑަށް ކައްކާ ގަޑިއެވެ.

ފިރިމީހާ ހިތައް އެރިއެވެ. "އޭނާ އެހުރި ހިސާބާ އަހަންނާ ދޭތެރޭގައި ހުންނާނީ ގާތްގަނޑަކަށް 40 ށް ފޫޓް، ވެއްޖެ ވާގޮތެއް ބަލަން"

"ކޯއްޗެއް ތި ކައްކަނީ؟" އަދައިގެ ބާރު މިނެއްގައި ފިރިމީހާ އަހާލައިފިއެވެ.

ޖަވާބެއް ނައެވެ.

ފިރިމީހާ ތަންކޮޅެއް ބަދިގެއާ ގާތައް ޖެހިލައިފިއެވެ. ޑޮކްޓަރު ބުނި ގޮތައް ލަފާ ކޮށްލާއިރު މިހާރު ފިރިމީހާ އާއި އަނބިމީހާ އާ ދެމެދުގައި ހުންނާނީ 30 ށް ފޫޓެވެ.

"ކޯއްޗެއް ކައްކަނީ؟" އަނެއްކާވެސް އަނބިމީހާ ގާތު އަހާލިއެވެ.

ޚަބަރެއް ނެތެވެ. އަނބިމީހާ އެއްޗެއް ނުބުންޏެވެ.

އަނެއްކާވެސް ގާތައް ޖެހިލައިފިއެވެ.

މިހާރު ގާތައް ޖެހެމުން ޖެހެމުން އައިސް ފިރިމީހާއަށް އެ ވަދެވުނީ ބަދިގެ ތެރެއަށެވެ. ކުޑުކުޑަ ބަދިއެއް ކަމުން ފިރިމީހާ މިހާރު އެހުރީ އަނބިމީހާ އާ ޖެހޭ ނުޖެހޭ ހާ ގާތުގައެވެ.

"ކޯއްޗެއް ތި ކައްކަނީ؟" ފިރިމީހާ އަހާލިއެވެ؟

"ކުކުޅު... މިހާރު 3 ވަނަ ފަހަރަށް މި ބުނަނީ... ކައްކަނީ ކުކުޅޭ! އަދި ބުނަންވީތަ؟" އަންހެނުން ހިތްހަމަ ނުޖެހިފައި ހުރި ރާގަކަށް ބުންޏެވެ.