29 މެއި 2018 | އަންގާރަ 01:07

އެއްދުވަހަކު ޖުހާގެ ގާތައް އޭނާގެ ރަހުމަތްތެރިއަކު އައިސް ޖުހާގެ ހިމާރު އަނބުރާ ގެންނަ ގޮތައް ލިބިދާނެތޯ އަހައިފިއެވެ.

ރަހުމަތްތެރިޔާ ބޭނުންވީ އަވަށުން ބޭރަށް ގޮސްލަން ޖުހާގެ ހިމާރު ދެތިން ގަޑީއިރަށް ޖުހާ އަތުން ހޯދުމަށެވެ.

ޖުހާ ގާތުގައި މިކަމަށް އެދުމުން އޭނާއަށް އެކަން ކޮއްދޭ ހިތެއް ނުވިއެވެ.

އިރުކޮޅަކު ވިސްނަން ހުރެފައި ޖުހާ ބުންޏެވެ.

"ވަރަށް ބޭނުން ތިކަން ކޮށްދޭން، އެކަމަކު އެހެން މީހަކު ބޭނުން ވެގެން ހިމާރު ވަނީ ގެންގޮސްފައި، މިހާރަކު ނެތް ހިމާރެއް."

ރަހުމަތްތެރިޔާ އަށް ޖަވާބު ލިބުމުން އެނބުރި ދިއުމަށް ހިނގައިގަތުމަށް ތެދުވި ތަނުން އޭނާއަށް ހިމާރެއްގެ އަޑާ ވައްތަރު އަޑެއް އިވިއްޖެއެވެ.

އިރުކޮޅަކުން އަދި މާ ބާރަށް އެއެއްޗެއް ގޮވާލައިފިއެވެ. މާ ސާފުކޮށް އެ އަޑު އިވިއްޖެއެވެ.

އަނެއްކާވެސް އިރުކޮޅަކުން އެއަށްވުރެ ބާރަށް އެ އެއްޗެއް ގޮވާ އަޑު އިވިއްޖެއެވެ.

އެއީ ހިމާރުގެ އަޑުކަން އެނގުމުން ރަހުމަތްތެރިޔާ ވަރަށް ހިތްހަމަ ނުޖެހި ހުރެ ޖުހާ އާ ދިމާލަށް ބުންޏެވެ.

"ދެންމެ ތިޔަ ހެދީ ކިހާ ބޮޑު ދޮގެއް؟ ކީއްވެ އޮޅުވާލީ ހިމާރު ނެތޭ ކިޔާފަ؟"

ރަހުމަތްތެރިޔާ މިހެން ބުނުމުން ޖުހާ ގާތައް އަދި މާ ބޮޑަށް ރުޅި އަތުވެއްޖެއެވެ.

"އޭ މިހިރަ މޮޔަޔާ، ކަލޭ ހަމަތަ؟ ކަލޭ އިތުބާރު ކުރަނީ މަށައްތަ؟ ހިމާރައްތަ؟"