20 މެއި 2018 | އާދީއްތަ 23:28

ރަސްގެފާނު ޖުހާ ހޯދައިގެން ގެނައުމަށް ވިދާޅުވެއްޖެއެވެ.

ރަސްގެފާނުގެ އަރިހަށް ޖުހާ އައުމުން ރަސްގެފާނު ވިދާޅުވިއެވެ. "އޭ ޖުހާ އަހަރެން ބޭނުން މި ޝަހަރުގައި ތިބި މޮޔައިންގެ ލިސްޓެއް ހަދަން، އެ ލިސްޓް ތަރުތީބު ކޮށްފައި އޮންނަން ވާނީ މޮޔައިންގެ ތަރުތީބުން، އެންމެ ބޮޑު މޮޔަ އެންމެ ކުރީގައި.. އެގޮތައް."

ރަސްގެފާނު މިހެން ވިދާޅުވުމުން ޖުހާ އާދޭހޭ ދެންނެވުމަށް ފަހު ހިނގައްޖެއެވެ.

އޭގެ ދުވަސް ކޮޅެއް ފަހުން ޖުހާއަށް ހަވާލު ކުރި މަސައްކަތް ފުރިހަމަ ކުރުމަށް ފަހު ރަސްގެފާނު އަރިހަށް އަތުވެއްޖެއެވެ.

ރަސްގެފާނުގެ އަތްޕުޅަށް ލިސްޓު އެރުވުމުން އެ ބައްލަވަން އިންނަވާފައި ރަސްގެފާނުގެ މޫނުފުޅު މުޅިން ރަތް ވެއްޖެއެވެ. ވަރަށް ބޮޑަށް ހިތްޕުޅާ ނުވި މަންޒަރު އެންމެންނަށް ވެސް ފާހަގަ ވެއްޖެއެވެ.

ލިސްޓަށް ބައްލަވަން އިންނަވާފައިވާ ރަސްގެފާނު ވިދާޅުވިއެވެ. "އޭ ޖުހާ ކަލޭ ތައްޔާރު ކުރި މޮޔައިންގެ ލިސްޓުގެ އެންމެ ކުރީގައި މި އޮތީ އަހަރެން، އެއީ ކިހިނެއް ވާނެ ކަމެއް؟ ކީއްވެ އަހަރެން މޮޔަޔަކަށް ވާންވީ؟ ބުނެބަލަ ނިކަން. ކަލޭ ތިޔަ ބުނަނީ މި ޝަހަރުގައި ހުރި އެންމެ ބޮޑު މޮޔަޔަކީ މަށޭތަ؟"

ޖުހާ އިސްތަށަށް ޖަހައިގެން ހުރެ މަޑުމަޑުން ބުންޏެވެ. "އޭ މާތް ރަސްގެފާނު، މަނިކުފާނު އަސްތަކެއް ބައްލަވައިގަންނަން މީހަކަށް ފައިސާ ތަކެއް ދެއްވިންތޯ؟ އެ ފައިސާތައް ދެއްވި މީހާ އެ ފައިސާތަކާ އެކު ވީ ނުވީއެއް މިއަދާ ހަމައަށްވެސް އެނގިވަޑައި ނުގަންނަވާ ނޫންތޯ؟"

ރަސްގެފާނު ޖުހާގެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. "އާނ އަހަރެން ބައިވަރު ފައިސާ މީހަކަށް ދިނިން އަސްތަކެއް ގަންނަން، އަހަންނަށް ޔަގީން އޭނާ ވަރަށް އަވަހަށް އެ އަސްތައް ހިފައިގެން އަންނާނެކަން."

"އެހެން ވިއްޔާ އެންމެ ރަނގަޅު" ޖުހާ ދެންނެވިއެވެ. "އޭނާ އާދޭތޯ އަޅުގަނޑު ހުންނާނަން ބަލަން' އޭނާ އައުމުން ލިސްޓު އަޅުގަނޑު އިސްލާހު ކޮށް ރަސްގެފާނުގެ ނަންފުޅު ނަގާ އޭނާގެ ނަން ލުމަށް ފަހު ލިސްޓް އިސްލާހް ކޮށްލައިގެން މަނިކުފާނަށް އަރުވާނަން."