19 މެއި 2018 | ހޮނިހިރު 23:25

ޖުހާގެ އަނބިމީހާ މަރުވެއްޖެއެވެ. މިކަމުގެ ހިތާމައިގައި އުޅެމުން ދަނިކޮށް ފިރިމަރުވެފައި ހުރި އަންހެނަކާ ޖުހާ އާ ދިމާވެ އޭނާ އާ ހިތާ ވެއްޖެއެވެ.

ދެމީހުންނަށްވެސް އެކަކަކު އަނެކަކު ކަމު ދިޔުމާއެކު ދެމީހުންވެސް ނިންމީ ކައިވެނިކޮށްގެން އުފަލުގައި އުޅޭށެވެ.

ކޮންމެ އަކަސް ޖުހާ މި އަންހެން މީހާ އާ ކައިވެނި ކޮށްފިއެވެ.

އިނދެގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުފާވެރިކަން ގެއްލި ދެ މީހުންގެ ދެމެދުގައި މައްސަލަ ޖެހެން ފަށައިފިއެވެ.

މި ވާ ގޮތަކީ ކޮންމެ ރެޔަކު ޖުހާ ނިދަން އެނދަށް އަރާއިރަށް އަނބިމީހާ މި ފަށަނީ އޭނާގެ ކުރީގެ ފިރިމީހާގެ ވާހަކައެވެ. އޭނާގެ ފުރިހަމަ ކަމާއި، ރީތި ކަމާއި، މޮޅު ކަމާއި، ތޫނުފިލި ކަމާއި ހުށިޔާރު ކަމުގެ ވާހަކަ ތަކެވެ.

މި ވާހަކަތައް ފަށާއިރަށް ޖުހާ ވަނީ އަމަށަކު ފޫއްސެއް ނޫނެވެ.

އެންމެ ފަހުން ޖުހާ ބުނެފިއެވެ. "ތިޔަ ދައްކަނީ މިހާރު ދުނިޔޭގައި ނުވެސް ނެތް މީހެއްގެ ވާހަކަ. އޭނާ ކައްވަޅުގައި ހަމަޖެހިލައިގެން އޮތަދީ، މަރުވެފައި ތިބޭ މީހުންގެ ވާހަކަ ތި ވަރަށް ދައްކާކަށް ނުވާނެ."

ޖުހާ ބެލީ ރީތިކޮށް ވާހަކަ ދައްކާ ވިސްނައި ދީގެން އަނބިމީހާގެ އަނގަ ހުއްޓުވޭތޯ އެވެ.

އެކަމަކު އެކަމެއް ޖުހާ އަކަށް ނުވިއެވެ.

ހަމަ ކޮންމެ ރެޔަކު މެ މި ވާހަކަތައް ފޫހިވެ ހަލާކުވެފައި އޮވެގެން ޖުހާ އަށް އަޑުއަހާން އެބަ ޖެހެއެވެ.

މިކަން ނުހުއްޓުމުން ޖުހާވެސް އޭނާގެ މަރުވި އަނބިމީހާގެ ވާހަކަ ދައްކަން ފަށައިފިއެވެ.

ފިރިމީހާގެ މޮޅު ކަމުގެ ވާހަކަ ދައްކަން އަނބިމީހާ ފަށާއިރަށް ޖުހާ ހަދާ ގޮތަކީ، އޭނާގެ މަރުވި އަނބިމީހާގެ ވާހަކަ ފަށަނީއެވެ. އޭނާގެ މުރާލި ކަމާއި ރީތި ކަމާއި ފުރިހަމަ ކަމުގެ ވާހަކަ ދައްކަނީއެވެ.

ޖުހާ ހީކުރީ މިހެން ހަދައިގެން މިކަން ހައްލުވެދާނެ ކަމަށެވެ.

މިހެން އުޅެމުން އައިސް އެއް ރެޔަކު ނިދަން އެރި ތަނުން ޖުހާގެ އަނބިމީހާ އަނެއްކާވެސް އެއްކަލަ ފިރިމީހާގެ ވާހަކަ ފަށައިފިއެވެ. "މަގޭ ކުރީގެ ފިރިމީހާ ވަރަށް ރީތި ވާނެ.. ވަރަށް ފުރިހަމަ ވާނެ..." މިހެން ގޮސް އޭނާގެ މޮޅު ވާހަކަ ތަކެވެ.

މި ހިސާބަށް ދިއުމުން ޖުހާ އަކަށް އިތުރަށް ކެތެއް ނުވިއެވެ. އަނިބިކަނބުލޭގެ ކޮއްޕާ އެނދުން ވައްޓާލައިފިއެވެ.

އެނދުން ވެއްޓުމާއެކު އަނބިކަނބުލޭގެ އަޑުން އަޑުން ނަގާ ރޯން ފަށައިފިއެވެ.

އޭނާ ރޯ އަޑަށް ތަންގަނޑު އެންމެން ޖުހާގެ ގެއަށް އިސާހިތަކު ޖަމާވެއްޖެއެވެ.

މީހުންތައް އައުމާއެކު ގިސްލަގިސްލާފައި ޖުހާގެ އަންހެނުން އެމީހުން ގާތު ޖުހާ އޭނާ ކޮއްޕާ އެނދުން ވައްޓާލީ ކަމަށާއި، ވެއްޓި ޖެހުމުން ވީ ތަދުން ގުޑާވެސް ނުލެވޭ ކަމަށް ބުނެ އަޑުން އަޑުން އަޑުނަގާ ރޮނީއެވެ.

އަނބިކަނބުލޭގެ އަށް ކޮށްފައިވާ އަސަރުން އެކަމާ ދެރަވެ މީހުން ޖުހާ ދެކެ ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ.

އެތަނުން އެކަކު ބުންޏެވެ. "ތިއީ ވަރަށް ގޯސް މީހެކެވެ... ބޮޑު ކުށްވެރި އެކެވެ"

އެހެން މީހަކު ބުންޏެވެ. " ލަދެއް ނުގަނޭތަ އަންހެނުނަށް އަނިޔާ ކުރާކަށް؟"

މި މީހުން ކިޔާނެ އެއްޗެއް ކިޔަންދެން އެ ވާހަކަތައް އަޑުއަހަން ހުރެފައި ޖުހާ ބުންޏެވެ.

"އޭނާ އެނދުން ވެއްޓި ޖެހުނީ މަގޭ ކުށަކުން ނޫން. ތިޔަ ތިބި ޚުލްގު ރަނގަޅު މީހުން ރަނގަޅަށް ނިކަން އަޑުއަހާ ބަލަ ވީ ގޮތް ކިޔައިދޭނަން."

މީހުންގެ ސަމާލުކަން ޖުހާ އަށް ލިބުމުން އިތުރަށް ވެގެން އުޅޭ ގޮތް ސާފުކޮށް ދެމުން ޖުހާ ބުންޏެވެ.

"މި ވާގޮތަކީ އަހަރެމެން ދެ މަފިރިން ނިދަން މިހުންނަނީ ވަރަށް ކުޑަކުޑަ އެނދެއް... އެނދުގައި ދެމީހުންނަށް އޮވެވެނީ ކިރިޔަކިރިޔާ..މިހެން މިކަން މިހެން އޮއްވާ މި އެނދަށް ހަތަރު މީހުން ކޮންމެ ރެއަކު އެބަ ޖަމާވޭ، އަންހެނުންގެ ކުރީގެ ފިރިމީހާ އާއި މަގޭ ކުރީގެ އަނބިމީހާ އާއި އަދި އަހަރެމެން ދެމަފިރިން.... ހަތަރު މީހުން އެނދަށް ފެތެން ހަދައިގެން އޭނާ ވެއްޓުނީ... އެއީ އަހަރެން ކުރި ކަމެއް ނޫން..."

މި ވާހަކަ ޖުހާ ކިޔައިދިނުމުން ވެގެން އުޅޭ ގޮތް އެންމެންނަށް ވެސް އެނގިއްޖެއެވެ. އެއާ އެކު އެންމެން ނުކުމެގެން އެމީހަކު އައި ތާކަށް ހިނގައްޖެއެވެ.