ވާހަކަ
ސިލްސިލާ ވާހަކަ
7 މެއި 2018 | ހޯމަ 13:21
18 ވަނަ ބައި

"ނުވަންނާނަންތަ؟" އަނެއްކާވެސް މަލީޝާ ބުންޏެވެ.

"ކޮންމެވެސް އެހެން ފަހަރަކުން ދޯ!" އަދުހަމް އާއި އައިޝާ އެއްފަހަރާ ޖަވާބު ދިނެވެ.

"ދެން ހިނގާބަލަ!! އެއްމެން އެއްކުގަ ކޮފީއެއް ބޮއެލަން. ކޮފީއެއް ބޮއެގެންވެސް ތި މީހުންނަށް ގެއަށް ދެވިދާނެއެއްނު ދޯ!" މަލީޝާ ގޮތް ދޫކުރާކަށް ނޫޅުނެވެ.

"އޯކޭ." އެއްމެފަހުން އައިޝާ ގޮތްދޫކުރި އެވެ. އޭރު ލޮލުގެ ހިމަކޮޅުން އަދުހަމް އިނީ އައިޝާ އަށް ބަލާށެވެ. އެ ލޮލުން ބުނަމުން ދިޔައީ އަވަހަށް ގެއަށްދާން ބޭނުން ވާހަކަ ކަން އައިޝާ އަށް އެނގިހުރެވެސް މަލީޝާ ގެ އެދުމަށް ފުރަގަސްދޭން ބޭނުން ނުވީ އެވެ.

ކާރު ޕާކުކުރުމަށްފަހު އަދުހަމް ހިނިތުންވެލި އެވެ. ގަދަކަމުންކަން އައިޝާ އަށް ކިތައްމެ ރަނގަޅަކަށްވެސް އެނގުނެވެ. އަދުހަމް ގެ އަތުގައި އައިޝާ މަޑުމަޑުން ޖަހާލަމުން އަދުހަމް އަށް ބަހެއް އެއްލި އެވެ.

"ކޮފީއޭ؟ ކޮންއިރަކު މަލީ ކޮފީބޯން ފެށީ؟ ކޮފީ އަކީ ލޫޒަރސް ބޯ އެއްޗެއްނޫންތަ؟"

"ކޮން އިރަކުތަ އަހަރެން ތިހެން ބުނީ؟" ކޮނޑު އަރުވާލަމުން އަދުހަމް އެހިއެވެ.

"މީގެ ދެދުވަސް ކުރިން އަހަރެން ކޮފީބޮނިކޮށެއްނު އަދުހަމް އެހެން ބުނީ!!"

"މަލީޝާ އެއްނު ކޮފީ ބޯހިތުން އެ އުޅެނީ؟ މަށެއް ނޫނެއްނު!!" ލަދުރަކި ގޮތަކަށް އަދުހަމް ބުންޏެވެ.

"ޔާރައްބީ! އަދޫ ހަމަ އަސްލުވެސް އޭނައާ ލައިކް ވޭ ދޯ!" އަދުހަމް ގެ އަތުގެ މާކަޅުވާ މަސްގަނޑުގައި ބޮނޑިއެއް ޖަހަމުން ހިނިގަނޑަކާއެކު އައިޝާ ދިމާކުރަން ފެށި އެވެ. "އެއީ މަގޭ ފްރެންޑެކޭ... ދިސް އިޒް ރިއަލީ އޯކްވާރޑް އިނގޭ."

"އެހެންތަ؟ އެހެންޏާ ތީ މަގޭ ފްރެންޑަކާ ޑޭޓް ނުކޮށް ހުރި ސީދާ އަލިފެއް ވިއްޔަ." އަދުހަމް ވެސް ދިމާކުރަން ފެށިއެވެ. ހަމަ އެއާއިއެކު ކާރުގެ ލޯގަނޑުން މަލީޝާ އަށް ބަލައިލި އެވެ.

"ދެން ހިނގާބަލަ ދާން އުޅެމާ ދޯ." ކާރުގެ ބޭރުގައި ހުރި މަލީޝާ ބުންޏެވެ.

އަދުހަމް އާއި އައިޝާ ކާރުން ފޭބި އެވެ. މަލީޝާގެ ފަހަތުން ގެއާއި ދިމާއަށް ހިނގައިގަތެވެ. މަލީޝާ ހިނގަމުން ދިޔައީ ފުދޭވަރަކަށް ބާރަށެވެ. އައިޝާ ވެސް މަލީޝާ އާއި އަރާ ހަމަކުރެވޭތޯ ބާރަށް ހިނގަން ފެށި އެވެ. އައިޝާ އަށްވުރެން ބާރަށް ހިނގަމުން ދިޔަ އަދުހަމް ގެ އަތުގައި ހިފައި އޭނާ މަޑުކުރެވޭތޯ ބަލަމުން އައިޝާ މަސައްކަތް ކުރަމުން ދިޔައީ އަދުހަމް ގެ ކުރިއަށް އެރެވޭތޯ އެވެ.

"ކިހާ ބޮޑުކަމެއް!!" އުނދަގޫވެގެން އަދުހަމް ހަޅޭއްލަވައިގަތެވެ. މަލީޝާ ފަސް އެނބުރި ބަލައިލި އެވެ. އޭނާ ހުރީ ވާނުވާ ނޭނގި ހައިރާން ވެފައެވެ.

"އަނެއްކާ ކިހިނެތް ވީ؟" މަލީޝާ އަހާލި އެވެ.

"އެއްވެސް ކަމެއް ނުވޭ. ކޮފީ ބޯހިތުން މާބޮޑަށް އެކްސައިޓެޑް ވެވުނީކަން ނޭނގެ." އައިޝާ އަށް ދެވުނީ ހެއްވާ ޖަވާބެއްކަން ވިސްނުނީ ފަހުންނެވެ.

މަލީޝާ ގެ ގެއާއި އެމީހުން ކައިރިވަމުން ދިޔަވަރަކަށް، އެ ގެއަކީ ވަރަށް ދުވަސްވެފައިވާ ގެއެއްކަން އެނގުނެވެ. ކުލަވެއްޓިފައިވާ ފާރުތަކުން ފޮޅިފައިފައިވާ ކުލަތައް އެހާދުރަށްވެސް ފެންނަން ހުއްޓެވެ. ގޭގެ ދޮރުމަތީގައި އޮތް ކުޑަކުޑަ ބަގީޗާގައިވެސް އެއްވެސް ދިރުމެއް ނެތެވެ. އެއްމެ މަލެއްހައި ހިސާބުވެސް ގަހަކުން ފެންނާކަށް ނެތެވެ. ވިނަތައް އެގޮތް މިގޮތަށް ފަޅާފައި އޮތުމުން އެތަން ވައްތަރީ ފަޅަށް ބާއްވާފައި އޮންނަ ތަނަކާއި އެވެ. އައިޝާ ތަންކޮޅެއް ރަނގަޅަށް އެތަނަށް ބަލަން ފެށިއެވެ. ގޯތީގެ ހުރިހައި ދިމާއަކަށް ނަޒަރު ހިންގަމުންނެވެ. ކޮންމެވެސް ކަމެއް ހަނދާންވޭތޯ އުޅޭހެން އޭނާ އުޅުނު ގޮތުން ހީވެ އެވެ.

"މިއީ އަހަރެން ދެކުނު ތަނެއް!"

ކުއްލިއަކަށް މަލީޝާ ފަސްއެނބުރުނެވެ. "ކޮންތާކު!! ތީ އައިޝް އަށް ހީވާގޮތް!!"

"އެކަމަކުވެސް މިތަން އަހަރެން ދަންނަން. މި ދުވާ ވަސްވެސް ވަރަށް ފެމިލިއަރ." ތުން ފިއްތާލަމުން އައިޝާ ބުންޏެވެ.

"އޯހް. ތިވާނީ ވާރޭ ވެހޭތާ އެހާ ގިނަދުވަސްވުމުން މިތާ ބިންގަނޑުން ދުވާ ވަސްކަމަށް." ގެއާއި ދިމާއަށް އިޝާރާތް ކޮށްލަމުން މަލީޝާ ބުންޏެވެ. "ހިނގާބަލަ ދަމާ!"

"ތީނަ ބޭނުމިއްޔާ އޯކޭ ކާރުގަ މަޑުކުރިޔަސް!!" ހީލަތްތެރި ފާޑަކަށް ހިނިތުންވަމުން އަދުހަމް ބުންޏެވެ.

"އަދޫ ވަރަށް ބޭނުން ގޮތެއް ދޯ އެއީ." ދިމާކޮށްލަމުން އައިޝާ ބުންޏެވެ.

ތިން މީހުން ތިބީ ގޭގެ ފެންޑާ ކުރިމަތީގައެވެ. ކައިރީގައި ހުރި ގަސްމުށިތަކުން މުށިގަނޑެއް އުފުއްލާލަމުން އޭގެ ދަށުން ރިހިކުލައިގެ ތަޅުދަނޑި ފައްޗެއް މަލީޝާ ނެގި އެވެ. ތަޅުދަނޑިފަތިން ތަޅުދަނޑިއެއް ތަޅުވަޅަށް ޖެހިވަގުތު އައިޝާ ވާހަކަދައްކަން ފެށިއެވެ.

"އަހަރެން ހީކުރީ މަލީ ގެ މާމަ ގޭގަ އެބައުޅޭ ކަމަށް."

"ނޫނޭ. މާމަވީ ރައްޓެއްސެއްގެ ގެއަށް ދުވަސްކޮޅަކަށް ގޮސް." އަވަސް އަވަހަށް މަލީޝާ ޖަވާބު ދިނެވެ. "އޯކޭ. އަވަހަށް ވަދޭ އެތެރެއަށް." އަދުހަމް އާއި އައިޝާ އަށް އިޝާރާތްކޮށްލަމުން މަލީޝާ ބުންޏެވެ.

އައިޝާ ހީކުރިގޮތާއި ޚިލާފަށް ގޭތެރެއަށް ވަނުމުން އެ ގެއަކީ ބޮޑު ގެއެއްކަން އެނގުނެވެ. ހީވަނީ ބޮޑު ކިއްލާއެއް ހެންނެވެ. ސިޓިންގ ރޫމުގައި ބޮޑު ބިއްލޫރި ޗާންދަލިޔާއެއް ވެސް އެލުވާފައި އޮތެވެ. އިންޓީރިއާ ޑެކަރޭޝަން ކޮށްފައިވާގޮތުން ގޭތެރެއަށް ޝާހީ ގޮތެއް އައިސްފައިވެ އެވެ. ސިޓިންގ ރޫމް ގެ މެދަށް ވާގޮތަށް ހުރި ސިޑީގެ ސަބަބުންވެސް އެތަން ހީވަނީ ގަނޑުވަރެއްގެ އެތެރެ ހެންނެވެ.

ސިޓިންގ ރޫމްގެ ހުރިހައި ފަރުނީޗަރެއްގައި ހުރީ ހުދުކުލައިގެ ފޮތި އަޅައި ކަވަރު ކޮށްފަ އެވެ. އެތަނުން ފޮތިގަނޑެއްގައި އައިޝާ އަތް ހާކާލި އެވެ. ހުރިހައި ތަކެއްޗެއް ހުދުފޮތިން ކަވަރު ކޮށްފައި ހުރިނަމަވެސް ވަރަށް އާދަޔާޚިލާފު ގޮތެއް އެތަނުގައި ހުއްޓެވެ. އަވާމެންދުރެއްގެ ތެރޭގައި އުޅެވެނީއޭވެސް އައިޝާގެ ހިތަށްއެރި އެވެ.

ފާރުގައި ހުރި ބައެއް ތަކެތީގެ ތެރެއިން ފޮތިއަޅައި ކަވަރުކޮށްފައި ހުރި ބައެއް އެއްޗެހީގައިވެސް އައިޝާ އަތް ޖައްސަމުން ގެންދިޔައެވެ. ކޮންމެވެސް ތަފާތު އެއްޗެއްގައި އަތް ލެވުނުހެން ހީވެގެން ރަނގަޅަށް އަތް ހާކާލިއެވެ. އެ އެއްޗެއްގެ ބައްޓަން ވަކިކުރަން އެނގޭހާ ވަރަށެވެ. ފޮތިގަނޑުގެ އެއްކަން އުފުލާލުމާއި އެކު އޭނާގެ ހިޔަނި އޭގެ ތެރެއިން ފެނުނެވެ. 'ކީއްކުރަން ލޯގަނޑެއް ކަވަރުކޮށް ބަންދުކޮށްފަ މިހުރީކީ؟' ހިތާހިތާ އަހާލެވުނެވެ.

އަދުހަމް ވެސް އެތަން މިތަން ބަލަމުން މަލީޝާގެ ފަހަތުން ހިނގަމުން ދިޔައެވެ. އަދުހަމް މަސައްކަތްކުރަމުން ދިޔައީ މަލީޝާ އާއި ވާހަކަދައްކަން ފަށާނެ ކޮޅެއް ފެނޭތޯ އެވެ. "މި ގެ ވަރަށް ސަޅި." އެއްމެފަހުން އަދުހަމް ބުންޏެވެ.

"އެނގެއާ ތިކަން." ޖެއްސުމުގެ ރާގަކަށް ވަރަށް މަޑުމަޑުން މަލީޝާ ބުންޏެވެ.

"އެކަމަކު ކީއްވެގެން ހުރިހައި އެއްޗެއްގަ ފޮތި އަޅައި ބަންދުކޮށްފަ މިހުރީކީ؟" އަދުހަމް ގެ ދެއަތް ޖޯޑުކޮށްލަމުން ސުވާލުކުރިއެވެ.

"އެއީ މަގޭ މާމަގެ ކަންތައް. އެއްޗަކަށް ގެއްލުމެއް ލިބިދާނެތީ މާމަ ވަރަށް ކަންބޮޑުވާނެ. އެއްވެސް މީހަކު މިތަނުން އެއްވެސް އެއްޗެއްގަ އިނގިލިކުރި ޖައްސާލަންވެސް ޤަބޫލެއް ނުވާނެ."

"އެހެންތަ. ތީ ހާދަ އާދަޔާޚިލާފް މާމަ އެކޭ ދޯ." މަލީޝާ ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލަމުން އައިޝާ ބުންޏެވެ.

"ކީއްކުރާނީ. މާބޮޑަށް މުސްކުޅިވީމަ ވާގޮތްކަން ނޭނގެ. ތިއެއް ނޫނޭ. ތި މީހުން އިށީންދެ ހަމަޖެހިލަބަލަ. އަހަރެން އެބަ އަންނަން ކޮފީ ހަދައިގެން." މިހެން ބުނަމުން ބަދިގެބަޔާއި ދިމާއަށް މަލީޝާ ހިނގައިގަތެވެ.

ފޮތި އަޅާފައި ހުރި ސޯފާތަކުން ސޯފާއެއްގައި އައިޝާ އާއި އަދުހަމް ކިރިޔަކިރިޔާ ފޫކޮޅު ޖައްސާލައިގެން އިށީންނި އެވެ. އަދުހަމްގެ ކަންފަތް ދޮށަށް ޖެހިލަމުން ސިއްރުސިއްރުން އައިޝާ ބުންޏެވެ. "ހާދަ ތަފާތު ތަނެކޭ ދޯ!"

"ސިސް މޮޔަވީތަ؟ ހުރިހައި އެއްޗެއް ފޮތި އަޅައި ބަންދުކޮށްފަ-" އަދުހަމް ބުނަން އުޅުނު ޖުމްލަ ހުއްޓުވަމުން ވައި އަޑުން އައިޝާ ވާހަކަދައްކަން ފެށި އެވެ. "ނުވިތާކަށް ލޯގަނޑެއް ހުއްޓަސް އެވެސް ބަންދުކޮށްފަ."

"އާނ، ލޯގަނޑުތައްވެސް ދޯ." އަދުހަމް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލީ އައިޝާ ބުނި އެއްޗެއް ރަނގަޅަށް ވިސްނުމުންނެވެ. "ކީކޭ؟ ލޯގަނޑުތައްވެސް ކަވަރުކޮށްފައޭ؟" ހިންދިރުވާލަން މަޑުޖައްސާލަމުން އަނެއްކާވެސް އަދުހަމް ބުންޏެވެ. "އެވެސް ދެން އެހާވަރު ކަމެއްތަ؟ މަށަކަށް އެއީކީ އެއްވެސް އާދަޔާޚިލާފު ކަމެއް ނޫން." އަދުހަމް ވެސް ވާހަކަދެއްކީ ވައި އަޑުންނެވެ.

އައިޝާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަނުން އެމީހުންގެ ފުރަގަހުން ބަންކިޔާފައި ވަރުގަދަ އަޑެއް އިވުނެވެ. އެ އަޑާއިއެކު ދެމީހުންނަށް ތެޅިގަނެވުނެވެ. ބިރުންގޮސް އައިޝާ އަށް ފުންމައިގެން ކޮޅަށް ތެދުވުނެވެ. އަވަސް އަވަހަށް އަދުހަމް ގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓި އެވެ.

"އެއީ ކޮން އަޑެއް؟" އަނެއްކާވެސް ވައިއަޑުން އައިޝާ އެހިއެވެ.

"އެއީ ދޮރު ލެއްޕުނު އަޑު. މަލީޝާ އަހަރުން މިތާ ބަހައްޓާފަ ދޮރުލައްޕާ ތަޅުލީކަން ނޭނގެ." އައިޝާގެ އަތުގައި އަދުހަމް ބާރަށް ހިފަހެއްޓި އެވެ.

"އޯކޭ، ގައިމު މިހާރު އާދަޔަޚިލާފު ކަމެއް އުޅޭކަމަށް ޤަބޫލުކުރެވޭތަ؟" ތުރުތުރު އަޅާ އަޑަކުން އައިޝާ އަހާލިއެވެ.

ނުނިމޭ