ވާހަކަ
ސިލްސިލާ ވާހަކަ
12 ނޮވެންބަރ 2017 | އާދީއްތަ 09:59
11 ވަނަ ބައި

ޕާާކުގައި ހުރެފައި އައިޝާ އެ ދިޔަގޮތަށް ދިޔައީ ގެއަށެވެ. ކޮޓަރިއަށްވަދެ ދޮރުލައްޕާލި އެވެ. އުޑުތިލަމައްޗަށް ވާގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. ސީލިންގ ގައި ހުރި ކުރެހުންތަކަށް ބަލަން ފެށިއެވެ. އެއީ އައިޝާ ޕްރައިމަރީ ގްރޭޑްތަކުގައި އުޅުނު އިރު ކުރަހާފައިވާ ކުރެހުންތަކެކެވެ.

ސައިޑް ޓޭބަލްމަތީގައި އޮތް އައިޝާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ފޯނަށް ބަލައިލުމާއިއެކު ކޯލަރ އައިޑީއަށް އަރާފައިވާ ނަން ފެނުނެވެ. އެއީ އީތަން އެވެ. ފޯންކޯލް އާންސަރ ބަޓަން އާއި ޑިކްލައިން ބަޓަން އާއި ދެމެދުގައި އައިޝާގެ ބޮޑުވައި އިނގިލި ޖައްސާލިއެވެ.

"ދެނެއް ނޫޅެން. ދުވަހަކުވެސް ފޯނެއް ނުނަގާނަން." އައިޝާ އަށް ބުނެލެވުނެވެ. ދެތިން މިނެޓެއް ވާންދެން ފޯނު ރިންގުވުމަށް ބޭއްވުމަށްފަހު ފޯނުކޯލަށް ޖަވާބު ނުދިނުމަށް ޑިކްލައިން އަށް ފިއްތާލަމުން ސައިޑް ޓޭބަލް މަތީގައި ފޯނު ބޭއްވިއެވެ.

އައިޝާ ތެދުވިއެވެ. ހަރުގަނޑުގައި އަޅުވާލާފައި އޮތް އޭނާގެ ބާތުރޯބް ނަގަމުން ފާޚާނާ އަށް ވަދެއްޖެއެވެ.

ބާތުޓަބް ގެ އިސްކުރުތައް ދޫކޮށްލަމުން ފެން އޮހޭތަން ބަލަން މަޑުކޮށްލިއެވެ.

"ޕާރފެކްޓް." ބާތުޓަބަށް އެރި އޮށޯވެލަމުން ލޯ މަރައިލިއެވެ. އިރުކޮޅެއް ނުވެ އައިޝާ އަށް ނިދިއްޖެ އެވެ.

އައިޝާއަށް ހޭލެވުނީ ވަރަށް ބާރަށް އެއްޗެއް ވެއްޓި ޖެހުނު އަޑަށެވެ. އެވަގުތު އޭނާގެ ފަޔަށް ކުދިކުދި ސޫފިތަކެއް އަރަމުންދާތަން ފެނުނެވެ. އެއީ މީގެ ކުރިން އައިޝާ ދުވަހަކުވެސް ނުދެކޭ ވައްތަރެއްގެ ސޫފިތަކެކެވެ. އެސޮރުމެންގެ ސިފަ ވައްތަރީ ތަންމަކުނާ އެވެ. ނަމަވެސް ތަންމަކުނަށްވުރެން ސައިޒް މާ ބޮޑެވެ.

ބިރުންގޮސް ދެފައި ތަޅުވައިގަންނަމުން ބިލިގާއިން އަރައި އަވަސް އަވަހަށް ބާތުރޯބް ލިއެވެ.

"އަދްހަމް" އަޑަށް ލެވުނުހައި ބާރެއްލަމުން އައިޝާ ހަޅޭއްލަވަން ފެށިއެވެ.

"އަދުހަމް." އަނެއްކާވެސް އަދުހަމް އަށް ގޮވާލިއެވެ. "އަދުހަމޫ. ކޮންތާކުތަ ތި އުޅެނީ؟" އެވަގުތު ބާތުޓަބް ތެރޭގައި ތިބި ސޫފިތައް ޓަބުން އެރުމަށް މަސައްކަތްކުރަމުންދާތަން އޭނާއަށް ފެނުނެވެ. ސޫފިތަކުން ދުވާ ނުބައިވަހެއްގެ ސަބަބުން އައިޝާއަށް ނޭވާލުމަށްވެސް އުނދަގޫ ވާން ފެށިއެވެ. އެސޫފިތަކުން ދުވަނީ ކޮށިއަރާކަހަލަ ވިހަ ވަހެކެވެ.

"އަދުހަމޫ." ފާޚާނާގެ ދޮރާއި ދިމާއަށް ހިނގައިގަންނަމުން އަނެއްކާވެސް އަދުހަމަށް ގޮވަން ފެށިއެވެ.

"އަޅެ އަހަރެން މިއޮށްގެން މަރުވަނީއޭ." ކަކޫމައްޗަށް އިށީންދެ، ދެލޯ މަރައިގެން އިނދެ ހަޅޭއްލަވަން ފެށި އެވެ.

"އައިޝް. އާ ޔޫ އޯކޭ؟ ކިހިނެތް ވެގެންތަ ތި އުޅެނީ؟" އައިޝާ ލޯ ހުޅުވައިލިއެވެ. އެވަގުތު އަދުހަމް ހުރީ އޭނާގެ ކުރިމަތީގައެވެ.

"ކިހިނެތްތަވީ؟" ވާނުވާއެއް ނޭނގި ހުރި އަދުހަމް އަހާލިއެވެ.

"ބާތުޓަބުގަ ކޮންމެވެސް އެއްޗެހިތަކެއް އެބައުޅޭ." އައިޝާ އިނީ ބިރުން ތުރުތުރު އަޅައަޅައެވެ. މުޅި މީހާ އިނީ އޮށްދާ ހިއްލާފައެވެ.

އައިޝާގެ ހަށިގަނޑުގައި އަޅަމުންދިޔަ ތުރުތުރެއް ނުކެނޑެއެވެ. ވަރަށް މަސައްކަތުން ވާހަކަދެއްކިއެވެ. "ބާތުޓަބުގަ އެބައުޅޭ ފާޑެއްގެ ސޫފިތަކެއް. އެ ސޫފިތައް އުޅުނީ އަހަރެން މަރައިލަން. އެސޮރުމެން-"

އަދުހަމް ބާތުޓަބަށް ބަލައިލިއެވެ. ހަމައެއާއިއެކު އައިޝާގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. 'ނެތޭ އެކައްޗެއްވެސް. ނިކަން ބަލާލަބަލަ."

ބާތުޓަބް ގައި އެއްވެސް އެއްޗެއް ނެތެވެ. ފެންގަނޑުވެސް ހުރީ ހަމަ ސާފުކޮށެވެ.

'އަވަހަށް އެނދުގަ އޮށޯވެ އަރާމުކޮށްލަންވީނު." އޯގާތެރިކަމާއެކު އަދުހަމް ބުންޏެވެ.

އައިޝާގެ އަތުގައި ހިފައިގެން އެނދާއި ހަމައަށް ގެންގޮސްދިނެވެ. އެނދުގެ ބާލީސްތައް ރަނގަޅުކޮށްލައި ބެޑްކަވަރު ކަހާލަ ދިނެވެ. އެއަށްފަހު އައިޝާ އެނދުގައި އޮށޯތުމަށް އެހީވިއެވެ.

"އެއީ އެއްވެސް ކަމެއް ނޫނޭ. ނިދާލެވޭތޯ ބަލާ އިނގޭ ދެން. އަހަރެން އެބަގެންދަން ޔޫ ގެ ފޯނު. އޭރުން އެކަކަށްވެސް އުނދަގުލެއް ނުކުރެވޭނެއެއްނު ދޯ. އެއްވެސް ކަމަކަށް ބޭނުންވެއްޖެއްޔާ މަށަށް ގޮވާލާތި." އައިޝާގެ ބޮލުގައި ފިރުމާލަމުން އަދުހަމް ބުންޏެވެ.

ކޮޓަރިން ނިކުންނަމުން ބޮކިތައް ނިއްވައިލިއެވެ. ދޮރުފަތް ކޮންމެވެސް ވަރަކަށް ހުޅުވާފައި ބަހައްޓަމުން ދޮރުމަތީގައި އިރުކޮޅެއް ވާންދެން މަޑުކޮށްލި އެވެ. އައިޝާއަށް ނިދިއްޖެކަން ޔަޤީންވަންދެނެވެ.

"އެއީ އެހައި ވަރުގެ ކަމެއް ނޫނޭ ސިސް." ދޮރުން އެތެރެއަށް ބޯދިއްކޮށް ބަލައިލަމުން އަދުހަމް ބުންޏެވެ.

އެވަގުތު އަދުހަމްގެ އަތުގައި އޮތް އައިޝާގެ ފޯނު ކުއްލިއަކަށް ވައިބްރޭޓް ވާން ފެށިއެވެ.

"އީތަން!! މިހާރު ކަލޭ ކޮންކަމެއް ބޭނުންވީ؟" ފޯނުކޯލަށް ޖަވާބުދެމުން އަދުހަމް ބުންޏެވެ.

"އައިޝާ އާއި ވާހަކަދައްކާލެވިދާނެތޯ؟ އަޅުގަނޑަކީ އޮފިސަރ ނަޒީހް." ފޯނުގެ އަނެއްކޮޅުން އިވުނީ ބީރައްޓެހި އަޑެކެވެ.

'އަޅުގަނޑަކީ އަދުހަމް. އައިޝާގެ ބޭބެ. ކިހިނެތްތޯ ވީ؟"

"ވަރަށް ހިތާމަޔާއެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުން އީތަން ވަނީ ކިޑްނެޕް ކުރެވިފައި."

ނުނިމޭ