ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން

  • ހަމަލާގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައެއް ނުވޭ - ސީޕީ ހަމީދު
  • ތަހުޤީޤާ ގުޅޭ މައުލޫމާތު ޕީޖީއާ ވަނީ ހިއްސާ ކުރެވިފައި - ސީޕީ ހަމީދު
  • މިހާތަނަށް ބެލި ބެލުމުން މިއީ ގަސްތުގައި ރައީސް ނަޝީދުއަށް ދީފައިވާ ހަމަލާއެއް ކަމަށް ފާހަގަކުރެވޭ - ސީޕީ ހަމީދު
 
Writer Profile Picture
ނަހުފާ މުހައްމަދު
ހަމަލާގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައެއް ނުވޭ - ސީޕީ ހަމީދު

މި ޙަމަލާއަށްފަހު ޤައުމީ ސަލާމަތާއި ބެހޭ މަޖިލިސްގެ ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި، މި ޙަމަލާގެ ކުރިން އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިވެތޯ މަޝްވަރާ ކުރެވިފައިވާއިރު، ހަމަލާގެ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައި ނުވާކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.

7 މެއި 2021 | ހުކުރު 15:07
Writer Profile Picture
ނަހުފާ މުހައްމަދު
ތަހުޤީޤާ ގުޅޭ މައުލޫމާތު ޕީޖީއާ ވަނީ ހިއްސާ ކުރެވިފައި - ސީޕީ ހަމީދު

ތަހުގީގާ ގުޅޭ މައުލޫމާތު މިއަދު ހެނދުނު ޕީޖީއާ ހިއްސާކުރެވިފައި ވާކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.

7 މެއި 2021 | ހުކުރު 15:04
Writer Profile Picture
ނަހުފާ މުހައްމަދު
މިހާތަނަށް ބެލި ބެލުމުން މިއީ ގަސްތުގައި ރައީސް ނަޝީދުއަށް ދީފައިވާ ހަމަލާއެއް ކަމަށް ފާހަގަކުރެވޭ - ސީޕީ ހަމީދު

މިހާތަނަށް ބެލި ބެލުމުން މިއީ ގަސްތުގައި ރައީސް ނަޝީދުއަށް ދީފައިވާ ހަމަލާއެއް ކަމަށް ފާހަގަކުރެއްވޭ ކަމަށް ސީޕީ ހަމީދު ވިދާޅު ވެއްޖެއެވެ.

7 މެއި 2021 | ހުކުރު 15:03
Writer Profile Picture
ނަހުފާ މުހައްމަދު
ހަމަލާދިން ސަރަހައްދުން ޝައްކު ކުރެވޭ ހަތަރު މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭ - ސީޕީ ހަމީދު

ޙަމަލާދިން ސަރަޙައްދުން ޝައްކު ކުރެވޭ ޙަރަކާތްތަކެއް ހުރި ބަޔަކު ފާހަގަ ކުރެވިފައިވާކަމަށާއި، އެފަދަ 4 މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.

7 މެއި 2021 | ހުކުރު 15:01
Writer Profile Picture
ނަހުފާ މުހައްމަދު
މި މައްސަލަ ތަހުގީގު ކުރަމުން ދަނީ މިވަގުތު އޮތް އެންމެ ޕްރިއޯރިޓީ ކޭސްގެ ގޮތުގައި - ސީޕީ ހަމީދު

މި މައްސަލަ ތަހުގީގު ކުރަމުން ދަނީ މިވަގުތު އޮތް އެންމެ ޕްރިއޯރިޓީ ކޭސްގެ ގޮތުގައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

7 މެއި 2021 | ހުކުރު 14:57
Writer Profile Picture
ޝިއުނާ ސޯލިހް
ނޫސްވެރިންގެ ބައްދަލުވުން 14:30 ގައި

ރައިސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުނަ 14:30 ގައި

7 މެއި 2021 | ހުކުރު 14:19
Writer Profile Picture
ނަހުފާ މުހައްމަދު
މީ ސީދާ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމާލާއެއް - އިންތި

މި ހަމަލާއަކީ ސީދާ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އަދި މިއީ ހަމައެކަނި މީހެއްގެ ފުރާނައަށް ދެވުނު ހަމަލާއެއް ނޫން ކަމަށާއި މުޅި ގައުމަށް ދެވުނު ހަމަލާއެއް ކަމަށް އިންތި ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ނަން ކިލަންބުވެގެން ދާނެކަމަށް ވެސް އިންތި ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 14:16
Writer Profile Picture
ނަހުފާ މުހައްމަދު
ހަމަލާ ތަހުގީގު ކުރަމުން ދަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި - ފުލުހުން

މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މިހަމަލާ ތަހުގީގު ކުރަމުން ގެންދަނީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމް ހަމަލާއެއްގެ ގޮތުން ކަމަށް ފުލުހުން ބުނެފިއެވެ.

7 މެއި 2021 | ހުކުރު 13:23
Writer Profile Picture
ނަހުފާ މުހައްމަދު
މިހާތަނަށް ރައީސް ނަޝީދުގެ ހަށިކޮޅުގައި ހެދުނު ހުރިހާ ސާޖަރީއެއް ވެސް ކާމިޔާބު - އޭޑީކޭ

ހަމަލާއަށްފަހު ރައީސް ނަޝީދު އޭޑީކޭއަށް ގެނެވުނު ފަހުން ކާމިޔާބުކަމާއެކު ގިނަ ސާޖަރީތަކެއް ނިންމާލެވިފައި ވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެހެން ނަމަވެސް އަދި އެއް ޕްރޮސީޖަރ ކުރިއަށްދާނެކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ.

7 މެއި 2021 | ހުކުރު 12:24
Writer Profile Picture
ނަހުފާ މުހައްމަދު
ރައީސް ނަޝީދަކީ ބިރުން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން – ޑރ. އެސް ޖައިޝަންކަރު

ރައީސް ނަޝީދަކީ ބަޔަކު ކުރާ ކަމަކަށް ބިރުން ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާންޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޑރ. ޖައިޝަންކަރު މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ހަށިކޮޅަށް ދެވުނު ހަމަލާއާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

7 މެއި 2021 | ހުކުރު 12:09
Writer Profile Picture
ނަހުފާ މުހައްމަދު
ހަމަލާއާއި ގުޅިގެން ފުލުހުންގެ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މެންދުރުފަހު

ބުރާސްފަތި ދުވަހުގެރޭ ދިން ނިރުބަވެރި ހަމަލާއައި ގުޅިގެން ފުލުހުންގެ ޚާއްސަ ނޫސްވެރިންގެ ބައްދަލު ވުމެއް މިއަދު 13:45ށް ތާވަލުކޮށްފިއެވެ.

7 މެއި 2021 | ހުކުރު 12:04
Writer Profile Picture
ނަހުފާ މުހައްމަދު
ރައްކާތެރިކަން ލިބިގެންވާ ބޭފުޅަކަށް މިފަދަ ހަމަލާއެއް ދެވޭއިރު އާންމު ރައްޔިތުންނަށް އޮތީ ކޮން ގޮތެއް؟ - މަވޯޓާ

ފުލުހުންނާއި ސިފައިންގެ ރައްކާތެރިކަމާއި ބޮޑީގާޑުން ލިބިގެންވާ ބޭފުޅަކަށް މިފަދަ ހަމަލާއެއް ދެވޭއިރު އާންމު ރައްޔިތުންނަށް އޮތީ ކޮން ގޮތެއްކަމާ މެދު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ސުވާލު އުފައްދަވައިފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ މަވޯޓާ ސިފަކުރެއްވީ ނުރައްކާތެރި ބިރުވެރި ކަމެއްގެ ގޮތުގައެވެ. އަދި މިކަމާ ކަންބޮޑުވެ ވަޑައިގެން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

7 މެއި 2021 | ހުކުރު 11:52
Writer Profile Picture
ނަހުފާ މުހައްމަދު
މިއީ ރައީސް ނަޝީދަށް ގަސްތުގައި ދިން ހަމަލާއަށް ކަމަށް ބެލެވޭ – އާދަމް ޝަރީފް

މީ ރައީސް ނަޝީދަށް ގަސްތުގައި ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބުރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަރީފް ވިދާޅުވީ، މީ ގައުމީ ސަލާމަތަށް ނުރައްކާވެއްޖެކަން އަންގައިދޭ ހަމަލާއެއް ކަމަށާއި، ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއްކަމަށެވެ.

7 މެއި 2021 | ހުކުރު 11:32
Writer Profile Picture
އަމްނާ އިމާދު
މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިން އަނިޔާއެއް: ބިލެތްދޫ ދާއިރާގެ މެމްބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިން އަނިޔާއެއް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ޚަލީމް (ދޮންބިލޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ލައިވް ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުގައި މެމްބަރު ހަލީމް ވިދާޅުވީ ރައީސް ނަޝީދަކީ މުޅި ރާއްޖޭގައި ދުނިޔޭގައި ވެސް މަގުބޫލު ލީޑަރެއް ކަމަށާއި، މިގައުމަށް ރައްޔިތުން އެދޭ ފަދަ ބަދަލެއް ގައުމަށް ގެންނަވާފައިވާ މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

މުޅި ގައުމަށްދިން ހަމަލާއެއްކަން ސިފަކުރައްވާ މެމްބަރު ހަލީމް ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެވުނު އަނިޔާއެއް ކަމަށެވެ.

ރައްޔިތުންނަށް އެންމެ ލޯބިވާ ލީޑަރު މިވަރުގެ ބޮޑު އަނިޔާ އެއް ދެވުމަކީ ގަބޫލުކުރެވޭނެ ކެމެއް ނޫން. ވީހާ ވެސް އަވަހަށް މިމީހުން ހޯދާ އިންސާފުގެ ކުރި މައްޗަށް ގެނައުމަށް.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ޚަލީމް

މެމްބަރު ހަލީމް ވިދާޅުވި ކޮވިޑް-19ގެ މިހާލަތުގައި މިކަމުގެ ސަބަބުން އިގްތިސާދަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ބޮޑު ގެއްލުމެއް ލިބޭނެކަން މެމްބަރު ފާހަގަކުރެއްވިއެވެ.

7 މެއި 2021 | ހުކުރު 11:32
Writer Profile Picture
ނަހުފާ މުހައްމަދު
ރައީސް ނަޝީދު އަދިވެސް ހޭފުޅުނާރާ، އޮންނެވީ އައިސީޔޫގަ

އޮޕްރޭޝަނަށްފަހު ރައީސް ނަޝީދު އަދިވެސް ހޭފުޅުނާރާކަމަށާއި އޮންނެވީ އައިސީޔޫގައި ކަމަށް މިވަގުތު އޭޑީކޭ ހޮސްޕިޓަލުގައި ހުންނެވި ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

ދޮންބިލެއް ވިދާޅުވީ، ރައީސް ނަޝީދުގެ ހާލުކޮޅު ސްޓޭބަލް ކަމަށާއި، އެހެން ނަމަވެސް ސީރިއަސް ކަމަށެވެ.

7 މެއި 2021 | ހުކުރު 11:22
Writer Profile Picture
ނަހުފާ މުހައްމަދު
ހެލްތު މިނިސްޓަރު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފި

ހަމަލާއަށް ފަހު ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުންދާއިރު، އެ ހޮސްޕިޓަލަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ޒިޔާރަށް ކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް ގިނަ އަދަދެއްގެ ވަޒީރުންނާއި، ސަރުކާރުގެ އެހެން އިސްވެރިން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވަމުންނެވެ.

7 މެއި 2021 | ހުކުރު 10:56
Writer Profile Picture
ނަހުފާ މުހައްމަދު
މިކަހަލަ ކަމެއް ދިމާވީމަ އެންމެން އެކަތި ގަނޑަކަށް ވާންޖެހޭ - ޑރ. މުއިއްޒު

މިފަދަ ކަމެއް ދިމާވުމުން ސިޔާސީ ފިކުރާއި ދެކޮޅުވެރިކަން އެއްފަރާތްކޮށް އެންމެން އެކަތި ގަނޑަކަށް ވާންޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް ދެވުނު ހަމަލާއާއި ގުޅިގެން 'ރާއްޖެ ޓީވީ' އިން ކުރިއަށް ގެންދާ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވަނީ މި ހަމަލާގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މިހަމަލާ އެއްވެސް ގޮތަކަށް ވެސް ބަލައިނުގެންނެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅުގައި، މާލެ ސިޓީގައި ހިނގާ މިފަދަ ކަންކަން މަދުކުރުމާއި، ތަހުގީގު ކުރުމަށް ރަނގަޅު ސީސީޓީވީ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

7 މެއި 2021 | ހުކުރު 10:48
Writer Profile Picture
އަމްނާ އިމާދު
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ މުޅި އިންސާނިއްޔަތަށް ދިން އަނިޔާއެއް: މެމްބަރު ޖީހާން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ މުޅި އިންސާނިއްޔަތަށް ދިން އަނިޔާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ލައިވް ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުގައި މެމްބަރު ޖީހާން ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީއަށް ދޭން ޖެހޭ އެއްބާރުލުން ދެމުންދާނެ ކަމަށެވެ. މިހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ޖީހާން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި ވިދާޅުވީ މިހަމަލާއަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

7 މެއި 2021 | ހުކުރު 10:14
Writer Profile Picture
ނަހުފާ މުހައްމަދު
ކަންބޮޑުވީ ނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން - އެޗްއާރްސީއެމް

ނިރުބަވެރި ހަމަލާއާ ގުޅިގެން ކަންބޮޑުވީ ނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް ސަމާލުކަން ދިނުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފިއެވެ.

7 މެއި 2021 | ހުކުރު 09:21
Writer Profile Picture
ނަހުފާ މުހައްމަދު
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކަމަދޫ ކައުންސިލުން ކުށްވެރިކޮށްފި

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބ،. ކަމަދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

ކަމަދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވަނީ، މި ޙަމަލާގެ މައުލޫމާތު ލިބުމުން ކުއްލި ޝޮކެއް ލިބިފައިވާ ކަމަށާއި، މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އަދި މި އަމަލަކީ ރަހުމްކުޑަ ދަރަޖައިގެ އަމަލެއް ކަމަށް ސިފަކޮށް، މި ޓެރެރިޒަމްގެ އަނިޔާވެރި އަމަލާމެދު ކަންބޮޑުވެ ހިތާމަކުރާކަމަށް ބުނެފައިވެއެވެ.

ކަމަދޫ ކައުންސިލްގެ ބަޔާނުގައި މި އަމަލު ހިންގި ފަރާތްތަށް ހިފާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވެއެވެ.

7 މެއި 2021 | ހުކުރު 08:43
Writer Profile Picture
ޝުރުފާ މުހައްމަދު
އޮޕަރޭޝަން ތިއޭޓަރުގައި ހަ ގަޑި އިރު

ނިރުބަވެރި ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ރައީސް ނަޝީދުގެ އޮޕަރޭޝަންތަކެއް ކުރިއަށްދާތާ ހަ ގަޑިއިރަށް ވުރެ ގިނަ އިރު ވީ އިރު އަދިވެސް އެމަނިކުފާނު އޮންނެވީ ތިއޭޓަރުގައެވެ.

ރައީސް ނަޝީދު ތިއޭޓަރަށް ވެއްދިކަން އޭޑީކޭ ހޮސްޕިޓަކުން ކަށަވަރުކޮށްދިނީ ރޭ 1 ޖެހިހާއިރެވެ. ރޭ 20:30ން ފެށިގެން އެ ހޮސްޕިޓަލުގައި އެމަނިކުފާނު ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

7 މެއި 2021 | ހުކުރު 07:41
Writer Profile Picture
ޝުރުފާ މުހައްމަދު
ރައީސް ނަޝީދުގެ ތިންވަނަ އޮޕަރޭޝަނެއް

މިހާރުކުރަމުންދަނީ ރައީސް ނަޝީދުގެ ތިން ވަނަ އޮޕަރޭޝަންއެއް ކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

އެންމެ ފުރަތަމަ އެމަނިކުފާނު ގެންގޮސް ކޮށްފައިވަނީ ބޭރުފުށުން ފެނުނު ޒަހަމްތަކަށް ފަރުވާދިނުމުގެ މަސައްކަތެވެ. އޭގެ ފަހުން ބޮލަށް ލިބިފައިވާ އަނިޠާތަކަށް ފަރުވާދިނުމަށް ފަހު ހެދި ސީޓީ ސްކޭނަކުން އެނގުނު ގޮތުގައި އެމަނިކުފާނުގެ މޭ ކައިރިން ފުއްޕާމެއަށް އަސަރުކޮށްފައިވެއެވެ.

އޭގެ ސަބަބުން ދެވަނަ އޮޕަރޭޝަން ކޮށްފައިވަނީ ފުއްޕާމެއަށް ފަރުވާ ދިނުމަށެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި މިހާރު ކުރަނީ ގޮހޮރުގެ އޮޕަރޭޝަނެއް ކަން ވެސް އެނގިފައިވެއެވެ.

ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ މެއަށް އަސަރުކޮށްފައި ހުރެދާނެތީ ކަމަށްވާއިރު، އަދި އެފަދަ ކަމެއް ވެފައިވާކަން އެނގިފައެއް ނުވެއެވެ.

7 މެއި 2021 | ހުކުރު 06:19
Writer Profile Picture
ޝުރުފާ މުހައްމަދު
މިއީ ސިޔާސީ ހަމަލާއެއް ނޫން، ޒަމާނީ ރާއްޖެއެއް އުފައްދަން ކުރި މަސައްކަތަށް ދިން ހަމަލާއެއް: އާޒިމް

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ސިޔާސީ ހަމަލާއެއް ނޫން ކަމަށާއި، އެއީ ރައީސް ނަޝީދު ޒަމާނީކޮށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ލިބުނު ހަމަލާއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކިޔަވައިގެން ތިބި ޒުވާނުންތަކަކަށް މި ގައުމު މޮޑާން ގައުމަކަށް ހެދުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާ އެއް ބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ. އެގޮތުން ރާއްޖެ އޮތީ ދަށް ފެންވަރެއްގައި ކަން ގަބޫލުކޮށް، ރާއްޖެ އިތުރަށް ތަރައްގީކުރަން އަބަދުވެސް މަސައްކަތްކުރައްވާ ކަމަށެވެ. އަދި އަބަދުވެސް މި ގައުމުގައި އަނދިރި ދައުލަތެއް އޮތްކަން ރައީސް ނަޝީދު ފާހަގަކުރައްވާ އެ ކަންކަމަށް ވަކާލާތުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކަންކަމާ ހެދި ސޯޝަލްމީޑިއާގައި އެކި ޕޯސްޓުތައް އަބަދުވެސް ފެންނަ ކަމަށެވެ. ރައީސް ނަޝީދަކީ އިސްލާމް ދީނާ ދެކޮޅު ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ދުނިޔޭގައި ނުބަހައްޓަން ގޮވާލައި ކުރާ ޓުވީޓުތައް ވެސް އަބަދުވެސް ފެންނަ ކަމަށް ވިދާޅުވިއެވެ. އެހެންވީމަ އެއީ އެކަހަލަ ކަމެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ހާލަތުގައި ސިޔާސީ ޕާޓީތަކުން އަމަލުކުރާ ގޮތާއި މެދު ވަރަށް ހިންހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި މިރޭ ބޭއްވި ޖަލްސާގައި ވެސް އަމަލުކުރެއްވީ ވަރަށް ގުޅިގެން ކަމަށާއި، މި އަމަލު ކުށްވެރިކޮށް، ސިޔާސީ ފިކުރުގައި ޖެހިގެން ނުތިބެ މި އަމަލުތަކަކީ ރާއްޖެ ބޭނުންވާ އަމާޒަށް ގެންދެވޭނެ ގޮތް ނޫން ގަބޫލުކުރީތީ ވަރަށް އުފާވާ ކަމަށް ވިދާޅުވިއެވެ،

7 މެއި 2021 | ހުކުރު 05:16
Writer Profile Picture
ޝުރުފާ މުހައްމަދު
ސީން ހަލާކުނުވަނިސް ބޭރުގެ އެކްސްޕާޓުން ގެންނަން ޖެހޭ: އާޒިމް

ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބެލުމަށް ބޭރުގެ އެކްސްޕާޓުން ގެނަންނަން ޖެހޭނީ އެ ކްރައިމް ސީން ހަލާކު ނުވަނީސް ވީހާވެސް އަވަހަށް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ރައީސް ނަޝީދަކީ ވަރަށް ހުޅުވިފައިވާ ޖައްވެއްގައި ދުނިޔޭގެ އެކި މައްސަލަތަކާ ގުޅޭގޮތުން ވަރަށް މިނިވަންކޮށް ވާހަކަފުޅުދައްކަވާ ބޭފުޅެއް ކަމަށެވެ. އެހެންވެ ރައީސް ނަޝީދަށް ލިބުނު ހަމަލާއަކީ ބޭރުގެ ބަޔަކު ދިން ހަލަމާއަކަށް ވުން އެކަށީގެންވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް މީހުން ހައްޔަރުކުރުމުން އެއީ ސިޔާސީ ކަމަކަށް ނުހެދުމަށް ގޮވާލާ ކަމަށެވެ. އަދި މި ތަހުގީގު ރަނގަޅަށް ދާ ނަމަ މިހާރު ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބެން ޖެހޭ މީހުން އެބަތިބި ކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގެ ބައެއް ޝޭހުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިކަންކަން މިހިސާބަށް ބޮއްސުންލައިގެން ދަނީ ގާނޫނި ރަނގަޅަށް ތަންފީޒު ނުކުރެވޭތީ ކަމަށެވެ. އަދި ގާނޫނުގައި މައްސަލައެއް ހުރި ނަމަވެސް މަޖިލީހަށް އެންގުމުން ވީ އެންމެ އަވަހަކަށް އެކަމެއް ކޮށްދެއްވާނެ ކަމަށެވެ. އެކަމަކު މިހާރު ވެސް އެފަދަ ބަދަލެއް ގެނެސްފައިވާނެ ކަމަށާއި، އެކަމަކު އަދިވެސް ގާނޫނުތައް ރަނގަޅަށް ތަންފީޒު ނުވާ ކަމަށެވެ.

އެހެންވީމާ މިފަދަ ކަންކަން ހައްލުކުރުމަށް ޒިންމާދާރު މުއައްސަސާތަކުން ހަރުދަނާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 05:11
Writer Profile Picture
ލައިޝާ އަހްމަދު
މިއީ އިޤްތިސާދާއި ޑިމޮކްރަސީއަށް ދިން ޙަމަލާއެއް، މިފަދަ ޙަމަލާއަކަށް ޖާގައެއް ނެތް: ރައީސް
7 މެއި 2021 | ހުކުރު 03:13