މަޖިލީހުގެ ޖަލްސާ: އިންތިހާބާ ގުޅޭ ތިން ބިލު ހުށަހަޅައިފި

  • އިންތިހާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ވެސް ބަލައިގެންފި
  • މެމްބަރު ހުސައިން ހުށަހެޅުއްވި ބިލު ވެސް ބަލައިގެންފި
  • ނިހާން ހުށަހެޅުއްވި ބިލު ބަލައިގެންފި
 
Writer Profile Picture
ޙުސައިން ޙަސަން
އިންތިހާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ވެސް ބަލައިގެންފި

އިންތިހާބާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ބިލު ވެސް މަޖިލީހަށް ބަލައިގެންފި.

އެ ބިލު ބަލައިގެންފައި ވަނީ 37 މެމްބަރުންގެ އިއްތިފާގުން. ދިރާސާ ކުރަން ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމެޓިއަށް

26 ޖޫން 2018 | އަންގާރަ 13:44
Writer Profile Picture
ޙުސައިން ޙަސަން
މެމްބަރު ހުސައިން ހުށަހެޅުއްވި ބިލު ވެސް ބަލައިގެންފި

ރިޔާސީ އިންތިހާބުގެ ގާނޫނަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން ހުށަހެޅުއްވި ބިލު ވެސް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފި.

އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެމްބަރުންގެ އިއްތިފާގުން.

26 ޖޫން 2018 | އަންގާރަ 13:41
Writer Profile Picture
ޙުސައިން ޙަސަން
ނިހާން ހުށަހެޅުއްވި ބިލު ބަލައިގެންފި

ރިޔާސީ އިންތިހާބުގެ ގާނޫނަށް ނިހާން ހުށަހެޅުއްވި ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފި

އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެމްބަރުންގެ އިއްތިފާގުން.

26 ޖޫން 2018 | އަންގާރަ 13:36
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލީހަށް ހުށަހެޅިފައިވާ 3 ބިލް ބަލައިގަތުމަށް ވޯޓަށް އެހުން 13:30 ގައި

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ނިމުނު އިރު، އެޖެންޑާކޮށްފައިވާ 3 ބިލަށް ބަހުސްކުރުމުގެ މަރުހަލާ ވަނީ ނިންމާލާފައި. މެމްބަރުން ބަހުސް ކުރައްވާފައިވަނީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ނިހާނު ހުށަހެޅުއްވި ބިލަށް އެކަނި. އެއީ ރިޔާސީ އިންތިހާބުގައި ވާދަކުރާ މީހުންގެ ޝަރުތާގުޅޭ އިސްލާހެއް.

ދެން ޖަލްސާ ފެށޭނީ 13:30 ގައި. އެއީ އެ ތިން ބިލް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުން. 

އެތިން ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފި ނަމަ ދެން އެ ތިން ބިލް ފޮނުވާނީ ދިރާސާ ކުރަން ކަމާބެހޭ ކޮމެޓީތަކަށް. 

26 ޖޫން 2018 | އަންގާރަ 10:41
Writer Profile Picture
މުހައްމަދު ފަޒީން
އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ބަހުސް ކުރުން

މިބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު. 

އެބިލް ހުށަހެޅުމާއެކު ބަހުސް ކުރުމަށް ފުރުސަތު ހުށަޅުވާލެއްވި. ނަމަވެސް ބަހުސް ކުރައްވާނެ މެމްބަރެއް ނެތުމުން ބަހުސް މަރުހަލާ ވަނީ ނިންމާލާފައި. 

26 ޖޫން 2018 | އަންގާރަ 10:36
Writer Profile Picture
މުހައްމަދު ފަޒީން
ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ އިދާރީ ފީ 100،000ރ އަށް ބޮޑުކުރުން

މިއިސްލާހު ހުށަހަޅުއްވާ ދެއްވީ ސަރުކާރަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް.

ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 100،000ރ. އަށް އިތުރު ކުރުމަށެވެ. މިހާރު އިދާރީ ފީއެއްގެ ގޮތުގައި ނަގަމުން ދަނީ 40،000ރ.

މިބިލަށް ބަހުސްކުރައްވާނެ މެމްބަރެއް ނެތުމުން ވަނީ ބަހުސް މަރުހަލާ ނިންމާލައްވާފަ.

 

26 ޖޫން 2018 | އަންގާރަ 10:30
Writer Profile Picture
މުހައްމަދު ފަޒީން
އަބްދުއްރަހީމް އަބްދުﷲ

މިއިސްލާހުގެ އިތުރުން، ރާއްޖޭގައި އުޅުއްވިޔަސް އިސްލާމްދީނުގެ އަދުއްވުންނަށާއި ގައުމުގެ ހަމަޖެހުން ނަގާލާ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭނެ ގޮތަށް އިސްލާހު ކުރަންޖެހޭ. 

26 ޖޫން 2018 | އަންގާރަ 10:16
Writer Profile Picture
މުހައްމަދު ފަޒީން
އަބްދުﷲ ހަލީލު

އެހެން ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހެއްނަމަ ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލެވިގެން ނުވާނެ. ދުނިޔޭގެ ގިނަ ގައުމުތަކުން އަމަލު ކުރަނީ ވެސް އެގޮތަށް. ރާއްޖޭގެ ކުރިއެރުމަށްވެސް އެގޮތަށް އަމަލު ކުރުން މުހިއްމު.

26 ޖޫން 2018 | އަންގާރަ 10:05
Writer Profile Picture
މުހައްމަދު ފަޒީން
ރީކޯ މޫސާމަނިކު

ޗެލެންޖް ކޮށްފައި މިބުނަނީ ގ. ކެނަރީގެ މުހައްމަދު ނަޝީދުގެ ނަން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ، އެފުރުސަތެއް މި މަޖިލީހުން އިލެކްޝަންސް ކޮމިޝަނަކަށް ވެސް ނުދޭނަން. އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުންނަށްވެސް ވެރިކަމަށް ކުރިމަތި ނުލެވޭހެން އިސްލާހު ކުރަންފެނޭ.

26 ޖޫން 2018 | އަންގާރަ 10:02
Writer Profile Picture
މުހައްމަދު ފަޒީން
ބޭރު ގައުމެއްގެ ރައްޔިތުކަން ދޫކޮށްލިޔަސް، ރިޔާސީ އިންތިހާބަށް ވާދަކުރަން 10 އަހަރުގެ އިންތިޒާރެއް!

ދިވެހި ރައްޔިތަކުން ބޭރު ގައުމެއްގެ ރައްޔިތަކަށް ވުމަށް ފަހު، ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިޔަސް، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް 10 އަހަރު ދުވަހުގެ އިންތިޒާރެއް ކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެގައި ހުންނަަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ)ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާ ކަމަށްޓަކައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ، އެމީހަކު ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން.

 

26 ޖޫން 2018 | އަންގާރަ 09:45
Writer Profile Picture
މުހައްމަދު ފަޒީން
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާ

އަންގާރަ ދުވަހު ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާ. ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްތަކުގެ އިބްތިދާއީ ބަހުސް ކުރުމާއި އެ ބިލްތައް ދިރާސާ ކުރުމަށް ކޮމެޓީތަކަށް ފޮނުވުމަށް މި ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ބޭއްވި އިރު، ތިން ބިލެއްގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ. އެއީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ދެ ބިލަކާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް.

އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން އެތިން ބިލް ވެސް އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ)ގެ ދަށުން ވޯޓަށް އަހައިގެން ކުރިއަށް ގެންދާ ގޮތަށެވެ. އެއީ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބިލަކާ ގުޅިގެން ހިންގަންޖެހޭކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކިއެކި މަރުޙަލާތައް، އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ރައީސް ހުށަހަޅާ ހުށަހެޅުމަކުން، އަދި އިތުރު ބަހުސްއަކާ ނުލައި މަޖިލީހުން ފާސްކުރާ ގޮތަށް 

އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގެ (ހ)ގައި ބުނާ، މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއްގެވެސް ފުރަތަމަ ކިޔުން އިއްވައި ބިލު ތައާރުފުކުރުމަށްފަހު، 3 ދުވަހުގެ ނޯޓިސްދިނުމަށްފަހު، އެ ބިލުގެ އިބްތިދާއީ ބަހުސެއް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށްބުނި ނަމަވެސް، 3 ދުވަހުގެ ނޯޓިސް ދިނުމަކާ ނުލައި އެބިލުގެ އިބްތިދާއީ ބަހުސް ކުރުމާއި އެބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވިދާނެ.

އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ރައީސް ހުށަހަޅާ ހުށަހެޅުމަކުން، އަދި އިތުރު ބަހުސްއަކާ ނުލައި ވޯޓަށް އެހިދާނެ ކަމަށް ބުނާތީ، މިފަހުން މަޖިލީހަށް ހުށަހެޅޭ މުހިއްމު ގިނަ ބިލުތަކުގައި މަޖިލީހުގެ ރައީސް އަމަލު ކުރައްވަމުން ގެންދަވަނީ ވެސް އެގޮތަށް.

އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދެވޭގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރީވެސް ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަނުގައި ސާފު މެޖޯރިޓީ އޮތް ދުވަސްވަރުގަ އެވެ. އެގޮތުން އެންމެ ފުރަތަމަ މަޖިލީހުން ފާސްކުރި ބިލްތަކުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (ސެޒް) ބިލް ހިމެނެ އެވެ. އެބިލް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްފައިވަނީ 24 ގަޑިއިރުގެ ތެރޭގަ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްދާއިރު، މިހާރު ކުރިއަށް ދަނީ މަޖިލީހުގެ ގަވާއިދުގެ 75 (ނ)ގައިވާ ގޮތަށް، އެބިލްތަކަށް ބަހުސްކުރުމާއި ދިރާސާ ކުރުމަށް ފޮނުވުމުގެ މައްސަލައަށް ވޯޓަށް އެހުމާއި މިއަދުގެ ޖަލްސާ ޖެންޑާގައިވާ ކަންކަން ނިމެންދެން ކުރިއަށް ގެންދިއުމަށް ފާސްކުރުން. 

އެ ހަތަރު ވޯޓުވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑާއިގަންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ.

26 ޖޫން 2018 | އަންގާރަ 09:36