ރައްޔިތުންގެ މަޖިލިސް: މެމްބަރުންގެ ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހު ފާސްކުރުން

  • މަޖިލިސް ޖަލްސާ ނިންމާލައިފި
  • ވޯޓަށް އެހުން
  • ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
 
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލިސް ޖަލްސާ ނިންމާލައިފި

މެމްބަރުންގެ ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސް ކުރުމަް މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނިންމާލައިފި.

13 މާރޗް 2018 | އަންގާރަ 13:46
Writer Profile Picture
މުހައްމަދު ފަޒީން
ވޯޓަށް އެހުން

މެމްބަރުންގެ ގޮނޑި ގެއްލޭ ބިލް މަޖިލީހުން 36 ވޯޓުން ފާސްކޮށްފި. 

ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލާއި އެބިލަށް ހުށަހެޅި އިސްލާހާއެކު ފާސްކޮށްފައި ވަނީ 38 ވޯޓުން.

ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް ހުށަހެޅި އިސްލާހަށް ފާސްކޮށްފައިވަނީ 37 މެމްބަރުންގެ ވޯޓުން. 

ވޯޓަށް އެހުމަށް މެމްބަރުންގެ ކާޑު ކޮޅުތައް ޗެކްކުރުމަށް ރިޔާސަތުން ދަނީ ތަކުރާރުކޮށް ދަންނަވައި. ވަރަށް ގިނަ ވަގުތު މަސީހު ވަނީ ވޯޓަށް އެހުމެއް ނެތި ދިގު ދައްމަވާފައި 

 

13 މާރޗް 2018 | އަންގާރަ 13:43
Writer Profile Picture
މުހައްމަދު ފަޒީން
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ

ސަރުކާރު ކޯލިޝަން މެމްބަރުންނަކީ އިހުލާސްތެރި މެމްބަރުން. ރައީސް ޔާމީންއަށް ދަންނަވަން އަޅުގަނޑުމެން މިތިބީ މަނިކުފާނާއެކު. ރައީސް ޔާމީން ގެންދަވަނީ ރާއްޖެ ތަރައްގީ ކުރައްވަމުން. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރަށް ނުގެނެވުނު ތަރައްގީ އެންމެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިވަނީ ގެނެސްފައި. 

ސަރުކާރާއެކު ދެމި ހުންނަވާތީ ސަރުކާރު ކޯލިޝަން އެމްޑީއޭއަށާއި އެޕާޓީގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދުއަށް ވަރަށް ބޮޑަށް ޝުކުރު ދައްނަވަން

މިއަދު ނެގޭ ވޯޓަކީ ގައުމަށް ގައްދާރުވާ މީހުންނާ ދެކޮޅަށް ދެވޭ ވޯޓެއް.

13 މާރޗް 2018 | އަންގާރަ 13:20
Writer Profile Picture
މުހައްމަދު ފަޒީން
މެމްބަރުންގެ ގޮނޑި ގެއްލޭ ބިލް މަޖިލީހަށް ހުށަހަޅުއްވައިފި

އެބިލަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް ބަހުސް ކުރައްވަމުން ވިދާޅުވީ މިއަދު މިއީ ޕީޕީއެމްގެ މެމްބަރުންގެ އިހުލާތެރިކަން އެނގިގެންދާ ބިލެއް.

13 މާރޗް 2018 | އަންގާރަ 13:10
Writer Profile Picture
މުހައްމަދު ފަޒީން
ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުން ނިންމާލައިފި

މި ބިލަށް ބަހުސް ކުރައްވާނެ މެމްބަރެއް ނެތުމުން ބަހުސް  ކުރުުގެ މަރުހަލާ ނިންމާލައިފި. ދެން އޮންނާނީ މި ރިޕޯޓަށް ބަހުސް ކުރުން. 

13 މާރޗް 2018 | އަންގާރަ 13:08
Writer Profile Picture
މުހައްމަދު ފަޒީން
ޖަލްސާ ފަށައިފި

ޖަލްސާ ފެށިއިރު ތިއްބެވީ 27 މެމްބަރުން: މަސީހު 

ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި.

ރިޕޯޓަށް އެއް އިސްލާހު ވަނީ ހުށަހަޅާފައި.

 

13 މާރޗް 2018 | އަންގާރަ 13:06
Writer Profile Picture
މުހައްމަދު ފަޒީން
ސަރުކާރު ކޯލިޝަނުން ވަނީ މަޖިލީހުގެ އިދާރާގައި މިއަދުގެ ޖަލްސާއާގުޅޭ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރު ކޯލިޝަން ޕީޕީއެމް-އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ބައްދަލުވުމެއް މަޖިލީހުގެ އިދާރާގައި ވަނީ ކުރިއަށް ގެންގޮސްފައި.

އެނގިފައިވާ ގޮތުގައި މިބައްދަލުވުމަކީ މިއަދު 13:00ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުމަށް ހަމަޖެހިފައިވާ ދެ ވޯޓަކާއި ގުޅިގެން ތްރީލައިން ވިޕް ނެރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް. 

މިބައްދަލުވުމުގައި މަޝްވަރާކުރި ކަމެއް އަދި ތްރީލައިން ވިޕް ނެރެފައިވާ ގޮތެއް އަދި ސާފެއް ނުވޭ.

މަޖިލީހުގެ މެމްބަރުކަން ގެއްލިއްޖެކަން ކަނޑައެޅުމުގެ ބާރު ސިޔާސީ ޕާޓީއެއްގެ ކުޑަ ކޮމެޓީއެއްގައި ހިމެނޭ ދެތިން މެމްބަރަކަށް ލިބިދޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް ފާސްކުރުމަށް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. 

ހޯމަ ދުވަހުގެ ޖަލްސާގައި އެބިލަށް ބަހުސްކުރެއްވި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ދެކޮޅުކަން ހާމަ ކުރައްވާފަ އެވެ. 

13 މާރޗް 2018 | އަންގާރަ 12:52
Writer Profile Picture
މުހައްމަދު ފަޒީން
ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލްގެ ތައާރަފް

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފިނަމަ، އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅަފައިވާ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފަ.

އެ ކޮމެޓީން އެ ބިލް ފާސްކޮށްފައިވަނީ އެ ބިލް ހުށަހެޅެއްވި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ގޮތަށް މާބޮޑު ބަދަލެއް ގެނައުމާނުލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވަނީ 36 މެމްބަރުންގެ އިއްތިފާގުން ނެވެ. 

ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ބިލުގައި ލިޔުއްވާފައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ކުރާ ހުކުމަކާ ގުޅިގެން، އެ ފަނޑިޔާރަކާ މެދު އަމަލުކުރާނެ އިޖުރާއަތު ފަނޑިޔާރުން ގާނޫނުގައި ބަޔާންކޮށްފައި ނުވާތީ، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފަނޑިޔާރަކާމެދު އަމަލު ކުރާނެ އިޖުރާއަތު ކަނޑައެޅުމަށް ކަމަށެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި ހާލަތެއްގައި ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަ ވަންދެން، މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމަށެވެ. ފަނޑިޔާރެއްގެ މައްޗަށް ދަށު ކޯޓަކުން ކުރާ ހުކުމެއް ހައި ކޯޓުގައި 10 ދުވަސް ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށާއި 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން އެ މައްސަލައަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގައިވެ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ހައި ކޯޓުގެ ނިންމުން، 10 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަންޖެހޭނެ ކަމަށާއި 30 ދުވަހުގެ ތެރޭގައި އެ ކޯޓުން ވެސް އެ މައްސަލަ ބަލައި ނިންމަޖެހޭނެ އެވެ.

"ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ކަމަށް ޝަރުއީ ކޯޓަކުން ކުރާ ހުކުމެއް ނިހާއީ ހުކުމެއް ކަނޑަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ،" ފަނޑިޔާރުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެއެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެގޮތަށް ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ނިހާއީ ހުކުމެއް ކޮށްފިނަމަ، ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް އޮންނަ އިޖުރާއަތެއް މި ހާލަތުގައި ނުހިނގާނެ ކަމަށެވެ.

ސަރުކާރުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ޖިނާއީ ތަހުގީގެއް ފަށައި ދައުވާ ކުރަން ފޮނުވާފައި ވަނިކޮށެވެ. ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން އުޅެނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު މަގާމުން ވަކިކުރުމަށް ބޭނުންވާ އަދަދަށް މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެތީ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެއެވެ.

13 މާރޗް 2018 | އަންގާރަ 12:47
Writer Profile Picture
މުހައްމަދު ފަޒީން
މެމްބަރުންގެ ގޮނޑި ގެއްލޭ، އެންޓި-ޑިފެކްޝަން ބިލްގެ ތައާރަފް

 

ބާރަ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅައި އެންޓި ޑިފެކްޝަން ބިލް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ. 

މި ބިލާ ގުޅޭ ގޮތުން ރާއްޖެޓީވީއާ ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މި ބިލްގައިވަނީ 13 ޖުލައި 2017 އިން ފެށިގެން އަމަލު ކުރާ ގޮތަށް ކަމަށް. މިފަދަ ގޮތަކަށް ބެކް ޑޭޓަކަށް ބިލްތައް ފާސްކުރުމަކީ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވަނީ 35 މެމްބަރުންގެ އިއްތިފާގުން.

އެންޓި ޑިފެކްޝަން ބިލް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު.

މިޖަލްސާގައި ސަރުކާރު ކޯލިޝަނުން ތްރީލައިން ވިޕް ނެރެފައިވަނީ މެމްބަރުންނާ މަޝްވަރާ ނުކޮށް.

އެންޓި-ޑިފެކްޝަން ބިލަކީ ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ، އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާ އެކު، އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއާތުތައް ބަޔާން ކުރާ ގާނޫނެކެވެ.

ބިލުގައިވާ ގޮތުގައި، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެންބަރަކު އެ ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ އޭނާގެ މައްޗަށް ވެސް ހިނގާނީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރުންގެ މައްޗަށް ހިނގާ އުސޫލެވެ. އެގޮތުން، އޭނާ ގުޅޭ ޕާޓީއިން ވަކިވުން ނުވަތަ ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަނޑައަޅައިދިނުމަށް ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، ޚިޔާލު ތަފާތުވުން ބޮޑުވި ސިޔާސީ ޕާޓީގެ ގާނޫނުގެ މާއްދާ އުވާލަން ވެސް ވަނީ ހުށަހަޅާފައެވެ. އެ މާއްދާއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އެވެ.

އެ މާއްދާގައިވަނީ، ގާނޫނުއަސާސީއާއި ގާނޫގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ. ސުޕްރީމް ކޯޓުގައި، ޝަރީއަތް ކުރިއަށްދިޔައިރު، މި މާއްދާ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދުނެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން އެ މާއްދާ ބާތިލްކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތުތައް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، ގާނޫނު އަސާސީގެ މި މާއްދާއަށް އިސްލާހު ގެނެއުމެއް ނެތި، މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ބަޔާންކޮށް ގާނޫނެއް ހަދައިފިނަމަ އެކަން ގާނޫނު އަސާސީއާ ތައާރުޒުވާނެއެވެ.

އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ނިހާނު ހުށަހެޅުއްވިއިރު، 12 މެމްބަރެއްގެ ގޮނޑީގެ މައްސަލަ ފެންމަތިވެ، ސަރުކާރު ކޯލިޝަނަށް ވަނީ މަޖިލީހުގެ މެޖޯރިޓީވެސް ގެއްލިފަ އެވެ.

13 މާރޗް 2018 | އަންގާރަ 12:44
Writer Profile Picture
މުހައްމަދު ފަޒީން
ޖަލްސާގެ އެޖެންޑާ

ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، މިނިވަން މުއަސްސަސާތަކުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއި އެންޓި-ޑިފެކްޝަން ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު.

އެ ދެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށްފަހު ވޯޓަށް އެހުން ވެސް އޮންނާނެ. 

13 މާރޗް 2018 | އަންގާރަ 12:32