ކ. މާލެ
|
8 މެއި 2021 | ހޮނިހިރު 15:57
ރައީސް ނަޝީދުގެ ހަށިކޮޅަށް އަނިޔާ ލިބުނު ތަންތަން ދައްކުވައިދޭ ކުރެހުން
ރައީސް ނަޝީދުގެ ހަށިކޮޅަށް އަނިޔާ ލިބުނު ތަންތަން ދައްކުވައިދޭ ކުރެހުން
ރާއްޖެއެމްވީ
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ
''ފުއްޕާމެއަށް ވަދެފައިވާ ދަގަނޑުކޮޅުން މޭ ކަށިގަނޑުގެ ކަށިކޮޅެއް ފުނޑުފުނޑު''
 
އަތާއި ފަޔަށް ވަދެފައިވާ ދަގަނޑުކޮޅުތައް ވަނީ ނަގާފައި
 
ހަތަރު ތަނަކަށް ބަނޑު ފޫއަޅުވާލާފައި އެތިކޮޅުތައް ވަދެފައިވޭ
 
ފުއްޕާމެއަށް ވަދެފައިވާ ދަގަނޑުކޮޅެއް ވެސް ނަގަން ޖެހުނު

ރައީސް ނަޝީދުގެ މޭކަށިގަނޑުގެ އެންމެ ތިރިއަށް ރޭޒަރ ފުކެއް ވަދެފައިވާ ކަމަށާއި އެންމެ ސެންޓިމީޓަރެއް ތިރިން ދިޔަނަމަވެސް މެއަށް އަރައި ފުރާނައަށް ގެއްލުންވީސް ކަމަށް އޭޑީކޭއިން ބުނެފިއެވެ.

ރައީސް ނަޝީދަށް ފަރުވާ ދިން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވިދާޅުވީ ސީޓީ ސްކޭނަށް އެންމެ ފަސޭހައިން ފާހަގަކުރެވުނީ މައުދަނުގެ އެތިކޮޅުތައް ކަމަށާއި ނަޝީދުގެ ހަށިކޮޅުގެ ތެރޭގައި އެކަހަލަ ވަރަށް ގިނަ އެތިކޮޅުތައް ހުރި ކަމަށެވެ.

ޑޮކްޓަރުން ވިދާޅުވީ ރޭޒާފުކެއްގެ އެތިކޮޅެއް ފުއްޕާމެއިން ނަގަން ޖެހުނު ކަމަށާއި އެ އެތިކޮޅު ވަދެގެން ދިޔައިރު ހިތަށް އަމާޒުނުވެ ސަލާމަތްވީ ކަށިގަނޑެއްގައި ޖެހި ފުނޑިގެން ދިއުމުން ކަމަށެވެ. އަދި ބަނޑާއި ގޮހޮރުގެ އެކި ތަންތަން ވެސް ފޫއަޅުވާފައި އެތިކޮޅުތައް ވަދެފައިވާ ކަމަށާއި ފުރަމޭގެ ތެރެއަށް ވެސް އެތިކޮޅެއް ވަދެފައިވާ ކަމަށެވެ. ހަށިކޮޅުގެ އެހިސާބުގައި ގާތްގަނޑަކަށް 7 ޒަޚަމެއް ހުރި ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވިއެވެ.

ލޭ މަނާކުރުމަށް ފަހު ފުއްޕާމޭގެ ޒަޚަމަށް ފަރުވާދީފައި ދެން ފަރުވާ ދިނީ ބަނޑުގައި ހުރި މައްސަލަތަކަށެވެ. އޭރު ސީޓީ ސްކޭނަށް ފާހަގަ ކުރެވުނު ތިން ދަގަނޑުކޮޅު ބަނޑުގައި އޮތެވެ. އެތެރެ ބެލުމުން ފާހަގަވީ މަސްގަނޑު ފޫއަޅުވާލާފައި އެތިކޮޅުތައް އެތެރެއަށް ވަދެފައިވާ ކަމެވެ. އެހިސާބުން ބަނޑު ފަޅައިގެން އެތެރެ އެކީ ބަލަން ޖެހުނު ކަމަށާއި ބަނޑުގެ ތެރެއަށް 700 އެމްއެލް ގެ ލޭ އެޅިފައި ހުރި ކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ. ބަނޑުގެ ހަތަރު ތަނަކުން އެތެރެއަށް އެތިކޮޅުތައް ވަދެފައިވާ ކަމަށާއި އެގޮތުން ފުރަމޭގެ ތެރޭގައި އިން ލޭޒަރ ފުކެއް ނެގި ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދުގެ އަތާއި ފަޔަށް ވަދެފައި ހުރި ދަގަނޑުކޮޅުތައް ނެގުމުގެ މަސައްކަތް ކުރީ ގޮހޮރުގެ އޮޕަރޭޝަނަށް ފަހުގައެވެ. އުޅަބޮއްޓާއި ފަލަމަސްގަނޑާއި ކަކުލު ހުޅުގައި ވެސް ރޭޒަރ ފުއްތައް ހުއްޓެވެ. ދަގަނޑުކޮޅުތަކުގެ އިތުރުން ޕްލާސްޓިކް އެތިކޮޅުތަކާއި އެނޫންވެސް ހުރެގެން ނުވާނެ ތަކެތި ހުއްޓެވެ. އެތަކެތި ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައިވަނީ ވާތްފަރާތުންނެވެ. ކަކުލާއި އުޅަބޮއްޓަށް އެރި ދެ ދަގަނޑުކޮޅު އިނީ ކަށިގަނޑުގެ ތެރޭގައި ތާށިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
13%
4%
70%
4%
2%
7%
ކޮމެންޓް