ކ. މާލެ
|
8 މެއި 2021 | ހޮނިހިރު 15:03
ދާދި ފަހުން އިންޑިއާގައި ބެންގަލޫރުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން
ދާދި ފަހުން އިންޑިއާގައި ބެންގަލޫރުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން
ބެންގަލޫރު އެފްސީ
ބެންގަލޫރުގެ ކުޅުންތެރިން ނެގެޓިވްވުން
ބެންގަލޫރު ޓީމުގެ ހުރިހާ ކުޅުންތެރިން ކޮވިޑަށް ނެގެޓިވް
 
ޕްލޭއޮފް މެޗަށް ބެންގަލޫރު ޓީމު ރާއްޖެއައީ ހުކުރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައި
 
ބެންގަލޫރުގެ ކުޅުންތެރިން ފާއިތުވި އަށް މަހުގައި އުޅުނީ އަމިއްލަ "ބަބްލް" އެއްގެ ތެރޭގައި
 
އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅޭނީ އަންގާރަ ދުވަހުގެރޭ 21:00 ގައި

އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން ރާއްޖެ އައި އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ޕްލޭއޮފުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މާލެ އައިސްފައެވެ. ހޮޓެލް ޖެންގައި ބެންގަލޫރު ޓީމު ކޭމްޕްކުރަމުން އަންނައިރު، ރާއްޖެ އައުމުން އެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ. އަދި މިހާރު އެ އެންމެންގެ ނަތީޖާ ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށް އެފްއޭއެމުން ވަނީ މައުލޫމާތުދީފައެވެ.

ބެންގަލޫރު ޓީމު ރާއްޖެއައިރު، އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފާއިތުވި އަށް މަހެއްހާ ދުވަހު އުޅުނީ އަމިއްލަ "ބަބްލް" އެއްގެ ތެރޭގައެވެ. އަދި މި މުބާރާތުގެ ކުރިން އެ ޓީމު ކޭމްޕްކޮށްގެން ތިބީ އިންޑިއާގެ ގޯއާގައެވެ. އޭއެފްސީ ކަޕަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާއިރު، ބެންގަލޫރުގެ ކުޅުންތެރިންނަށް ހޮޓަލުން ދެން ނުކުމެވޭނީ ހަމައެކަނި ތަމްރީނުތަކަށާއި މެޗުތައް ކުޅެން އެކަންޏެވެ. އަދި ގަވާއިދުން ދުވާލަކު އެއް ފަހަރު ހޫނުމިން ޗެކްކުރުމަށްފަހު ފޮނުވަން ޖެހޭނެއެވެ. އަދި ބޭނުންވި ކޮންމެ ހިނދެއްގައި ރޭންޑަމް ސާމްޕަލް ދޭން ޖެހޭނެއެވެ.

ރާއްޖެ އައުމަށްފަހު ބެންގަލޫރު ޓީމު ވަކިން ކޭމްޕްކުރަމުން އަންނައިރު، އޭއެފްސީ ކަޕުގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމު ކަމަށްވާ އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ބުރާސްފަތި ދުވަހު ކޮވިޑަށް ޓެސްޓުކުރުމަށްފަހު، ކޭމްޕްކޮށްފައެވެ.

ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި - އެފްއޭއެމް

މި ފަހަރުގެ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާއިރު، މި މެޗު ކުޅުމުގެ ފުރުސަތު ބެންގަލޫރުން ހޯދީ ޕްރިލިމިނަރީ ދެވަނަ ބުރުގައި ނޭޕާލުގެ އާމީ ކުލަބު އަތުން މޮޅުވެގެންނެވެ. އަދި މި މެޗުން އީގަލްސްއަށް ފުރުސަތު ލިބުނީ ޕްރިލިމިނަރީ ދެވަނަ ބުރުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވަކިކުރަން ނިންމުމުންނެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

ކޮވިޑުގެ ކޭސްތައް ރާއްޖޭގައި ގިނަވެ ހާލަތު ގޯސްވާތީ އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗާއި ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާއެކު މީގެ ކުރިން މަޝްވަރާކުރި ނަމަވެސް، އޭއެފްސީގެ ނިންމުމަކީ މިހާރު އޮތް ތާވަލާ އެއްގޮތަށް އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށެވެ. އެގޮތުން އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށްފަހު މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މަހު ރާއްޖޭގައި އޭއެފްސީ ކަޕް ބާއްވަން ތާވަލުކޮށްފައިވާއިރު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ފަހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ވަކި ޚާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް އަންގާފައިވާއިރު، އިންޑިއާއިން އަންނަ މީހުން 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެކަމަކު ފަހުން އެޗްޕީއޭއިން ވަނީ އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުމަށް ޚާއްސަ ހުއްދައެއް ދީފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އޭއެފްސީ ކަޕް ވެގެންދާނީ ކޮވިޑުން ރައްކާތެރިވުމަށް އެހެނިހެން ދާއިރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށްވުރެ، މާ ރަނގަޅު ފިޔަވަޅުތަކެއް އެޅިގެން ބޭއްވިގެންދާނެ މުބާރާތެއް ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށްގެން ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވާއިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެކަމަކު ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
50%
50%
0%
ކޮމެންޓް