ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 18:03
އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ނޭޓޯ ސިފައިން
އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ނޭޓޯ ސިފައިން
ރޮއިޓަރސް
އަފްޣާނިސްތާނުން ސިފައިން ބޭލުން
އެމެރިކާގެ ސިފައިންނާއި ނޭޓޯ ސިފައިން އަފްޣާނިސްތާނުން ފައިބަނީ
 
އެމެރިކާ ސިފައިން ފޭބުމުގެ ކުރިން ނޭޓޯ ސިފައިން އަފްޣާނިސްތާނުން ފައިބާނެ
 
އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނީ ސެޕްޓެމްބަރު މަހު

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ފައިބާއިރު އެގައުމުގައި ހަރަކާތްތެރިވަމުން އަންނަ ނޭޓޯ ސިފައިންވެސް ފައިބާނެ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ވިދާޅުވެއްޖެއެވެ.

ސްޓޯލްޓަންބާގް ވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންގެ އިތުރުން ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކަށްފަހު ސްޓޯލްޓަންބާގް ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި ނޭޓޯ ސިފައިންނާއި، ނޭޓޯއަށް ވާގިވެރިވާ ގައުމުތަކުގެ ސިފައިން ވެސް އަފްޣާނިސްތާނުން ބޭލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ނޭޓޯގެ 7000 ސިފައިންނަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯޓާއި ޓްރާންސްޕޯޓް އެހީ ދޭނީ އެމެރިކާ ސިފައިން ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން އަންނަ ސެޕްޓެމްބަރުމަހުގެ 11 އަށް ފަސް ކުރައްވާފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާއެކު އެމެރިކާ ސޮއިކުރި އެއްބަސްވުމުގައިވާގޮތުން އަންނަ މޭ މަހުގެ އެއެއްގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބާލައި ނިންމަންޖެހެއެވެ. ތާލިބާނުންވަނީ އެމެރިކާ ސިފައިން މޭ މަހުގެ އެއެއްގެ ކުރިން ނުބާލައިފިނަމަ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދޭ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.

އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ހަތް ހާސް ސިފައިންވެސް އެމެރިކާ ސިފައިން އެގައުމުން ފޭބުމުގެ ކުރިން ބޭލުމަށް ވަނީ ހަމަޖެހިފައެވެ. މި ހަތް ހާސް ސިފައިން ނިސްބަތްވަނީ ނޭޓޯގެ ގައުމުތަކަށާއި ނޭޓޯއަށް ވާގިވެރިވާ އޮސްޓްރޭލިއާ، ކެނެޑާ އަދި ނިއުޒިލޭންޑް ހިމެނޭގޮތަށް 36 ގައުމަކަށެވެ.

އަންނަ ސެޕްޓެމްބަރުމަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުން ތާލިބާނުން އަފްޣާން ސަރުކާރުގެ މައްޗަށް ގަދަވެގަނެ އެސަރުކާރު ވައްޓާލައި ތާލިބާނުންގެ ވެރިކަމެއް އަފްޣާނިސްތާނުގައި ގާއިމް ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން އެމެރިކާއިން އަންނަނީ ތާލިބާނުންނާއިއެކު އަފްޣާނު ސަރުކާރުން އެއްބަސްވުމަކަށް އައުމަށް ބާރުއަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް