ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 16:02
ރެއާލުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް ކުޅެމުން އަންނަ ގެރެތު ބޭލް
ރެއާލުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް ކުޅެމުން އަންނަ ގެރެތު ބޭލް
ގެޓީ އިމޭޖަސް
ރެއާލުން ބޭލް ވިއްކާލުން
ރެއާލުން ބޭނުންވަނީ ބޭލް ވިއްކާލަން
 
ބޭލް އަންނަނީ ލޯނު އުސޫލުން ޓޮޓެންހަމަށް ކުޅެމުން
 
އަންނަ ސީޒަނުގައިވެސް ޒިދާނުގެ ޕްލޭނުގައި ބޭލް ނުހިމެނޭ

ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ވޭލްސްގެ ތަރި ގެރެތު ބޭލް ވިއްކާލަން ރޭއާލް މެޑްރިޑުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލުން ބޭލް ވިއްކާލަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނިއިރު، އޭނާ އަންނަނީ މި ސީޒަނުގައި ލޯނު އުސޫލުން ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުންނެވެ. އެގޮތުން ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު، އޭރު ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލް އަނބުރާ ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން، މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. އެގޮތުން ރެއާލުން އުމުރުން 31 އަހަރުގެ ފޯވާޑް ލޯނު އުސޫލުން ދޫކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.

ރެއާލާއެކު ބޭލް މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާއިރު، އޭގެ ކުރިން މި އަހަރުގެ ހޫނު މޫސުމުގައި ބޭލް ވިއްކާލަން ރެއާލުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބޭލް ވިއްކާލަން ރެއާލުން ބޭނުންވަނީ ކުރިއަށް އޮތް ސީޒަނުގައިވެސް ރެއާލުގެ ކޯޗު ޒިނެދިން ޒިދާނުގެ ޕްލޭނުގައި ބޭލް ނުހިމެނޭތީ ކަމަށްވެސް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުން ޓޮޓެންހަމުން ބޭނުންވާނަމަ، ބޭލްގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުޞަތު އެބައޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބޭލް ވަނީ  ޓޮޓެންހަމަށް ބަދަލުވުމުގެ ބޭނުމަކީ ދާއިމީ ގޮތެއްގައި މެޗުތަކެއް ކުޅެ، މި އަހަރުގެ ހޫނު މޫސުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުން ކަމަށް ބުނެފައެވެ. އެހެންކަމުން އޭނާގެ ޙަޤީޤީ ޕްލޭނަކީ މި ސީޒަނުގައި ޓޮޓެންހަމަށް ކުޅުމަށްފަހު، ޔޫރޯގެ ފަހުން އެނބުރި ރެއާލަށް ދިއުން ކަމަށްވެސް ބޭލް ވަނީ ބުނެފައެވެ.

މީގެ ކުރިން ރެއާލާއެކު ޖުމްލަ 12 ތަށި ބޭލް ހޯދާފައިވީ ނަމަވެސް، ރެއާލުގެ ކޯޗުގެ މަގާމާ ޒިދާން ހަވާލުވި ފަހުން ބޭލަށް މާ ގިނަ ފުރުޞަތުތަކެއް ދީފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ރެއާލުގެ ޖާޒީގައި ބޭލް ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ. ނަމަވެސް މި ފަހަކަށް އައިސް ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ބޭލް އަންނަނީ ޓޮޓެންހަމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި ބޭލް ވަނީ ޓޮޓެންހަމަށް މިހާތަނަށް ކުޅެދިން 27 މެޗުގައި 10 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް