ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 15:18
ލޮނުމެދަކީ ރޯގާއަށް ވެސް ރަނގަޅު އެއްޗެއް
ލޮނުމެދަކީ ރޯގާއަށް ވެސް ރަނގަޅު އެއްޗެއް
ލޮނުމެދުން ލިބޭ ފައިދާ
ކާންވީ ލޮނުމެދު، ސަބަބު މިއޮތީ!
 
ލޮނުމެދަކީ ލޭހޮޅިތަކުގެ ތެރޭގައި ނުރަނގަޅު ސަރުބީ ތަތްވެ ހަރުލުމަށް ހުރަސްއަޅާ މާއްދާއެއް

ލޮނުމެދަކީ ކުރިއާ ޚިލާފަށް މިހާރުގެ ގިނަ ޒުވާނުންނަށް ވަރަށް ކަމުދާ އެއްޗަކަށް ވަނީ ވެފައެވެ. ދަތުރެއްގައި ދާއިރު، ނުވަތަ ބާބަކިއުއެއް ހެދުމަށް ރާވަމުންދާއިރު ގާލިކް ބްރެޑް ދަނީ މުހިއްމު ރޯލެއް އަދާކުރަމުންނެވެ.

މީގެ ކުރިން ލޮނުމެދުން ނުބައިވަސް ދުވާތީ އެއްގޮތަކަށްވެސް ބޭނުން ނުކުރާ މީހުންނަށް ވެސް މިހާރު ލޮނުމެދު ކަމުދާން ފަށައިފިއެވެ. ސްޕެގެޓީ ކެއްކިއަސް، ނުވަތަ މީރު ބަތްގަނޑެއް ނުވަތަ ލުއި ކާނާއެއްގެ ގޮތުގައި ކާލުމަށް ހަދާ ސޭންޑްވިޗްގައިވެސް ލޮނުމެދު ހިމެނުން ބައެއް މީހުންގެ އާދައަކަށް ވެއްޖެއެވެ.

ކޮންމެއަކަސް މިއީ ވަރަށް ރަގަޅު ކަމެކެވެ. ސަބަބަކީ ލޮނުމެދަކ ހަށިގަނޑަށް ފައިދާހުރި ތަފާތު ގިނަ ފައިދާތަށް އޭގެން ލިބޭ އެއްޗަކަށް ވުމެވެ.

ލޮނުމެދުގައި "އެލިސިން" ކިޔާ ކޮމްޕައުންޑެއް އެކުލެވިގެންވެއެވެ. މިއީ ލޭހޮޅިތަކުގެ ތެރޭގައި ނުރަނގަޅު ސަރުބީ ތަތްވެ ހަރުލުމަށް ހުރަސްއަޅާ މާއްދާ އެކެވެ. އެހެންކަމުން ލޮނުމެދަކީ ސަރުބީ މަތިވެފައިވާ މީހުންނަށް ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑުގައި ޓްރައިގްލިސެރައިޑް، އަދި މުޅި ހަށިގަނޑުގައި ޖުމުލަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް މަދުކުރުމުގެ ކުޅަދާނަކަން ލޮނުމެދަށް ލިބިފައިވެއެވެ.

މީގެ އިތުރުން ޑޮކްޓަރުން ވިދާޅުވެފައިވަނީ ކޮންމެ ދުވަހެއްގެ ކެއުމުގައި ލޮނުމެދު ހިމެނުމަކީ ހަށިގަނޑުގެ ހަޖަމު ކުރާ ނިޒާމް ރަގަޅުކޮށްދޭނެ ކަމެއް ކަމަށެވެ. ހަޖަމުކުރުމުގެ މަސައްކަތް ފުރިހަމަ ގޮތުގައި ގެންދިއުމަށް ގޮހޮރަށް ލިބޭ އެހީއަކަށް ލޮނުމެދު ބޭނުންކުރުން ލިބިފައިވާއިރު ހަޖަމުކުރާ ނިޒާމުގެ އެތެރޭ ބައިތަކުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށް ވެސް ލޮނުމެދު ބޭނުންކުރުން އެހީއަކަށް ފުދޭ ކަމަށް ޑޮކްޓަރުން ހާމަކުރައްވައެވެ.

ތަފާތު ގިނަ ފައިދާތަކެއް ވާއިރު ރޯ ލޮނުމެދަކީ ކެއްސުމާއި، އަރިދަފުސް ރޯގާ ޖެހުމުން ވެސް ކާން ރަނގަޅު އެއްޗެކެވެ. އަރިދަފުސްރޯގާ ޖެހޭތާ ކުރީކޮޅު ކޮންމެ ދުވަހަކު ލޮނުމެދު ބޭނުންކުރުމަކީ ރޯގާ އަވަހަށް ފަސޭހަވެ، ރަނގަޅުވާ ކަމެއްކަމަށް ދުނިޔޭގެ ގިނަ ސައިންވެރިން ވަނީ އިއްތިފާގު ވެފައެވެ.

ގަދީމީ ބޭސްވެރިކަމުގައި ގައިގައި ހެދިފައި ހުންނަ ފާރުގަނޑުގައި އެޅުމަށް ލޮނުމެދު ބޭނުންކޮށްފައި ވާއިރު މިއީ މިހާރު ވެސް ދިވެހި ބޭސްވެރިކަމުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ފާރުގަނޑުގައި ލޮނުމެދު އަޅަނީ ހިމުންކޮށް ޗިސްކުރުމަށްފަހު، ފެނާ އެއްކޮށްގެނެވެ.

ލޮނުމެދުގައި ހުންނަ އިތުރު ފައިދާތަކަށް ބަލާއިރު ބަރުދަން ލުއިކުރުމަށްވެސް ބައެއް މީހުން ލޮނުމެދު ބޭނުން ކުރެއެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ދަށް ކުރުމާއި، ހަކުރު ބަލި ކޮންޓްރޯލު ކުރުމަށްވެސް ލޮނުމެދުގައި އެކުލެވިގެންވާ މާއްދާތައް އެހީވެއެވެ.

ކަށި ވަރުގަދަ ކުރުމާއި ބައެއް ބާވަތްބަތުގެ ކެންސަރުކަމަށް ވާ ސިކުނޑިއަށް ޖެހޭ ކެންސަރު، އަދި ފުއްޕާމޭގެ ކެންސަރު ޖެހުމަށް އަޅާ ހުރަހަކަށްވެސް ލޮނުމެދު ވެގެން ދާކަމަށް ސައިންވެރިންގެ ދިރާސާތަކުން ވަނީ ހާމަވެފައެވެ. މިހުރިހާ ކަމެއްގެ އިތުރަށް ލޮނުމެދަކީ ނިކަން ވަރުގަދަ އެންޓިބައޮޓިކެކެވެ.

ލޮނުމެދުން ލިބޭ ފައިދާ ގިނަގުނައެވެ. ވުމާއެކު ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ލޮނުމެދުގެ ކޮންމެވެސް ވަރެއް ހިމަނާލުމަކީ މުހިއްމު ކަމެކެވެ. ލޮނުމެދު ކާން ބޭނުންނުވާ ފަރާތްތަކުންވެސް ލޮނުމެދުން ލިބޭ ފައިދާތަކަށްޓަކައި ލޮނުމެދުގެ އަޖުމަ ބަލާލުމަކީ ކުރެވިދާނެ ކަމެކެވެ. މިއީ ޑޮކްޓަރުންނާ ސައިންވެރިންވެސް އެކަމަށް އިއްތިފާގު ވެފައިވާ ހަށިގަނޑަށް ބޭނުންވާ ހަށިގަނޑުގެ މިތުރެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
0%
0%
0%
0%
67%
ކޮމެންޓް