ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 07:53
ފްރާންސްގެ ހޮސްޕިޓަލެއްގައި ކޮވިޑްގެ ބަލި މީހަކަށް ފަރުވާދެނީ
ފްރާންސްގެ ހޮސްޕިޓަލެއްގައި ކޮވިޑްގެ ބަލި މީހަކަށް ފަރުވާދެނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގައި ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވާން ފަށައިފި
 
ފްރާންސްގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ ދަށަށްދާން ފަށާފައި
 
ދުވާލެއްގެ މައްޗަށް ބަލި ޖެހިގެން ރިޕޯޓްކުރަމުން އަންނަ އަދަދަށް އަދި ބަދަލެއް ނާދޭ
 
ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމުން އެޕްރީލް މަހުގެ ކުރީކޮޅު އެގައުމު ވަނީ ތިން ވަނަ ފަހަރަށް ލޮކްޑައުންކޮށްފައި

ކޮވިޑް-19 ޖެހިގެން ފްރާންސްގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު ދަށަށްދާން ފަށާފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ފްރާންސްގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމުން އެޕްރީލް މަހުގެ ކުރީކޮޅު އެގައުމު ވަނީ ތިން ވަނަ ފަހަރަށް ލޮކްޑައުންކޮށްފައެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު މަދު ނަމަވެސް ދުވާލެއްގެ މައްޗަށް ބަލި ޖެހިގެން ރިޕޯޓްކުރަމުން އަންނަ އަދަދަށް އަދި ބަދަލެއް ނާދެއެވެ. އެގޮތުން މިހާރުވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 300 މީހުންނަށް އަންނަނީ ބަލިޖެހިގެން ރިޕޯޓްކުރަމުންނެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު އައިސީޔޫތަކުގައި 5914 މީހަކަށް ދިޔައީ ފަރުވާދެމުންނެވެ. މިއީ އޭގެކުރީ ދުވަސް ކަމުގައިވާ ބުރާސްފަތި ދުވަހާ އަޅާ ބަލާއިރު 10 މީހުން މަދު އަދަދެކެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކޮވިޑްގެ ބަލި މީހުންގެ އަދަދު ޖެހިޖެހިގެން ހަތަރު ދުވަހު ވަނީ ދަށަށް ގޮސްފައެވެ.

ފްރާންސްގައި ކޮވިޑްގެ ހާލަތު މިހާރު ހުރިގޮތާއި ގުޅޭގޮތުން ސަރުކާރުގެ ސްޕޯކްސްމެން ގެބްރިއަލް ވިދާޅުވީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެންމެ ފުރަތަމަ އެޅި ހިސާބުތަކުގައި މަޑުމަޑުން ކޭސްތައް ފެންނަ މިންވަރު ދަށަށްދާން ފަށާފައިވާކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ކުރިޔަށް ގެންދަންޖެހޭކަމަށް ގެބްރިއަލް ވިދާޅުވިއެވެ.

ހުކުރު ދުވަހު ފްރާންސްގައި ވަނީ ކޮވިޑް ޖެހިގެން 331 މީހުން މަރުވެފައެވެ. މިއާއެކު އެގައުމުގައި މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 100،404ށް އަރާފައެވެ.

ވެކްސިން ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ މީގެ ކުރިއާ އަޅާބަލާއިރު ދަށަށް ގޮސްފައެވެ.

އެގޮތުން ހޯމް ކެއަރ ގައި ތިބޭ މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން އެގައުމުގެ ސަރުކާރުން ވަނީ ހަލުވިކަމާއެކު ކުރިޔަށް ގެންގޮސްފައެވެ. ހެލްތު މިނިސްޓަރ އޮލިވިއަރ ވެރަން ވިދާޅުވީ ހޯމް ކެއަރ ގައި ތިބި ހުރިހާ އެންމެންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ. އަދި ތިންބައިކުޅަ ދެބައި މީހުންނަށް ދެވަނަ ޑޯޒް ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް