ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 08:00
އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު
އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު
ރާއްޖެއެމްވީ
މެމްބަރު ވަހީދުގެ ފުރާނައަށް ނުރައްކާ
ވަހީދުގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި އަންނަނީ މަސައްކަތްކުރަމުން، މައްސަލަ ތަހުގީގުކުރަން ގޮވާލަން: އެމްޑީޕީ
 
މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަޙްޤީޤްކޮށް ފިޔަވަޅުއެޅުމަށް ގޮވާލާފައިވޭ
 
ވާހަކަ އަމާޒު ކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަށް
 
ވަޙީދު އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫން

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު، ކެމްޕޭން ތަޤްރީރެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ޢަމަލުތައް އެންމެ ހަރުއަޑުން ކުށްވެރިކުރާކަމަށާއި އެ މައްސަލަ ތަޙްޤީޤްކޮށް ފިޔަވަޅުއެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން ގޮވާލައިފިއެވެ.

މުހައްމަދު ވަހީދު ރަށްވެހި ފަތިސް ކެމްޕެއިން ތެރޭގައި ދައްކަވާފައިވާ ވާހަކައެއްގެ 24 ސިކުންތު ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުކުރަމުންނެވެ. މަރަށްމަރު ހިފުމަކީ ވަރަށް "ސިކު" ބައެއް ކުރާނެ ކަމެއްކަމަށް ވަހީދު ވިދާޅުވާކަމަށް ބުނެ މިވީޑިއޯ ސޯޝަލް މީޑިޔާގައި ދައުރުކުރަމުން އަންނައިރު ވަހީދުގެ ފޮޓޯ ޖަހައިގެން އެކި ކަހަލަ ޕޯސްޓްތައް ހަދައިގެން އަންނަނީ ސޯޝަލް މީޑިޔާގައި ދައުރުކުރަމުންނެވެ.

ވައިރަލް ވަމުންދާ މިވީޑިއޯގައި ވަހީދު ވިދާޅުވަނީ "އަޅުގަނޑުމެންގެ މުޅި މިނިވަންކަން ނަގާލަމުން މީހުން މަރަންވެގެން ގިސާސް ހިފާނަމޭ ކިޔައިގެން ކެބިނެޓަށް މިއޮށް ގަރުނުގައި ކެބިނެޓަށް އިންޖެކްޝަން ޖަހާލީމާ މަރުވާންދާއިރު ހަށިގަނޑު ވާންވާގޮތް ޕްރެޒެންޓޭޝަން ހަދައިގެން ހުށަހެޅި ބައެއް. ސިކު ބައެއްގެ ވާހަކަ މިދައްކަނީ. މިތަނުންދަނީ އޭކޭފޯޓީސެވަން އަޅުވައިގެން، ބަޑި ހިފައިގެން." މިހެންނެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމާއި، އެއާޚިލާފަށް އޭނާގެ ވާހަކަ އަމާޒު ކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށްވާއިރު، އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށެވެ.

މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިއާ ޑޮކްޓަރ އަފްރާޝީމް ޢަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައެވެ. ތަޙްޤީޤުތަކުން ދައްކާގޮތުގައި ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ޙަރަކާތްތަކެއްގެ ތެރެއިންނެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިވެއެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ބަޔާން

އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު ދެއްކެވި ވާހަކައެއްގެ ޙަޤީޤަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން ގޮވާލާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަޙްޤީޤްކޮށް ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
17 އޭޕްރިލް 2021 | ހޮނިހިރު 19:10
ސއ
ތިމާގެ ދުލުގެ ސަބަބުން ތިމާ ހަލާކުވެދާނެ! ތިމާގެ ދުލުގެ ސަބަބުން ތިމާގެ ޤަދަރު އުފުލިގެންވެސް ހިނގައިދާނެ. އަމިއްލަ ނަފްސުގެ ޤަދަ ދަމަހައްޓާނީ ތިމާ އަމިއްލަ ބަހާއި ޢަމަލުން. އެއީ އެހެން މީހަކު ތިމާއަށްޓަކައި ކޮށްދީފާނެ ކަމެއް ކަމަކަށް ނުބެލެވޭ.
17 އޭޕްރިލް 2021 | ހޮނިހިރު 09:17
ށަވިޔަނި
ލާދީނީ މީހުން ދައްކާ ވާހަކަ ލާދީނީ ޕާޓީން ދިފާޢުކުރާނެ. އޭނާ އެމޭރުމުން ވާހަކަ ދެއްކީ އަޅުގަނޑުމެން މާދަރީ ބަސް ކަމުގައިވާ ދިވެހި ބަހުން. އެވާހަކަ އޮޅުވާލަން ނޫޅޭ.