ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 07:39
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
މަޖިލިސް
އިންޓަރނެޓް އަގުހެޔޮ ކުރުމުގެ މަސައްކަތް
އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް ކުރިޔަށް އޮތްތަނުގައި ބަދަލުތަކެއް ގެންނާނަން: ފައްޔާޒު
 
އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ފުއްދާދެވިފައިވާކަމަށް އަލީ ޞާލިހު ވަނީ ވިދާޅުވެފައި
 
މިކަމަށް އޮތް ހައްލަކީ ފެއާ ޔޫސޭޖް ޕްރައިސްއަށް ބަދަލު ގެނައުން ކަމަށް މިނިސްޓަރ ވިދާޅުވި
 
ސަރުކާރުގެ ބައިވެރިވުމަކާ ނުލައި އިންޓަނެޓު ޕެކޭޖުތަކުގެ އަގު ދަށަށް ގޮސްފައިވޭ

އިންޓަނެޓުގެ އަގު ހެޔޮކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒު މިމޭރުމުން ޓްވީޓް ކުރައްވާފައިމިވަނީ ކޮމިޔުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހު ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދު ފުއްދާދެވިފައިވާކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި އޭގެފަހުން ރާއްޖޭގައި އިންޓަނެޓުގެ އަގު ޖީބީއެއް ފަސް ރުފިޔާ ބަޔަށް ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވެ ވަނީ ޓްވީޓެއް ކުރައްވާފައެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަލީ ޞާލިހުއަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް މިނިސްޓަރ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ބައިވެރިވުމަކާ ނުލައި އިންޓަނެޓު ޕެކޭޖުތަކުގެ އަގު ދަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެހާ ބޮޑުވަރެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މިކަމަށް އޮތް ހައްލަކީ ފެއާ ޔޫސޭޖް ޕްރައިސްއަށް ބަދަލު ގެނައުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅޭ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިދިޔަ ފެބްރުއަރީ މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިނިސްޓަރުކަމުގެ މަގާމުން މަލީހު ވަކިކޮށްފައިވަނީ މާޗް މަހުގެ 1 ވަނަ ދުވަހުއެވެ. އޭގެފަހުން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އަންނަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒެވެ.

ކުރިން އެ މިނިސްޓްރީ އުވާލާން އުޅޭ ކަމަށް ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މިނިސްޓްރީ އުވާނުލަން ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް