ކ. މާލެ
|
15 އޭޕްރިލް 2021 | ބުރާސްފަތި 19:42
މާލޭގެ މަތިން ނަގާފައިވާ މަންޒަރުތައް، މާލެ ސަރަހައްދު ބަންދުވެފައި އޮންނަތާ އަހަރެއް ވަނީ ވެފައި
މާލޭގެ މަތިން ނަގާފައިވާ މަންޒަރުތައް، މާލެ ސަރަހައްދު ބަންދުވެފައި އޮންނަތާ އަހަރެއް ވަނީ ވެފައި
ރާއްޖެ އެމްވީ
ލޮކްޑައުނާއިއެކު ދިވެހީންގެ ދިރިއުޅުން
ބަންދެއްގައި ތިބޭތާ އަހަރެއް!
 
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ވަނީ ދީފައި
 
ލޮކްޑައުނުން އަރައިގަތީ ސަރުކާރުން ދެއްކި މަގުން ރައްޔިތުން ހިނގުމުން
 
ލޮކްޑައުނާއެކު ދިވެހީންނަށް އިތުރު ހާސްކަމެއް ގެނުވީ ރަމަޟާން މަހު

ކޮވިޑް-19 ގެ ނުރައްކާ ދިވެހީންނަށް ވިސްނުނީ މާލެއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވިކަން ރިޕޯޓް ކުރުމާއެކުގައެވެ. އެއީ މާލޭގައި ދިރިއުޅެމުން އައި މީހުން މީގެ ކުރިން ނުކުރާ ތަޖުރިބާއެއް ކުރަން ޖެހުނު ދުވަހެކެވެ. ކުރިން ހީވެފައި ނެތް އެތައްކަމެއް ތަޖުރިބާކުރަން ޖެހުނު ދުވަހެކެވެ.

ނިމިދިޔަ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހަކީ ދިވެހީން އެތައް ޒަމާނަކަށް އެދުވަހެއްގެ ވާހަކަ ދައްކާނެ ދުވަހެކެވެ. އެއީ ދިވެހީންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނުވައި މާލެ ފުރަބަންދު ކުރި ދުވަހެވެ. މ. ޖަރީމާގެއިން ކޮވިޑް ކޭހެއް ފެނުމާއެކު މާލޭ ސިޓީ ލޮކްޑައުން ކުރަން ސަރުކާރުން ނިންމިއެވެ.

ލޮކްޑައުން ކުރުމަށްފަހު ގައުމާ މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްވި ޚިތާބަކީ ކުރިޔަށް ދާނެ މަގު ދިވެހީން ކުރެހި ޚިތާބެވެ. ލޮކްޑައުނާއެކު ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދިވެހީން ވަނީ ވަރަށް ފުރިހަމައަށް ބޯލަނބައިފައެވެ.

މާލޭގެ ލޮކްޑައުނަށް ދެ ދުވަސް ނުވަނީސް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން އެންގުމާއެކު މުޅި ރާއްޖެވެސް ލޮކްޑައުނަކަށް ވަނީ ގޮސްފައެވެ. އެއާއިއެކު ދިވެހި އިގްތިސާދު މިއިން ދުވަހަކު ނުވެއްޓޭ މިންވަރަށް ވެއްޓިގެންދިޔައިރު، ދިވެހި އިގްތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތު އެއްކޮށް ހުއްޓިގެންދިޔައެވެ.

ލޮކްޑައުންއާއެކު ދިވެހީންނަށް އިތުރު ހާސްކަމެއް ގެނުވީ ރަމަޟާން މަހެވެ. ގޭގައި ބަންދުވެތިބެ ރޯދަ ހިފުންވީ ބުނަން ދަތި، ހިތްދަތި ތަކުލީފަކަށެވެ.

މާލޭ ސިޓީގެ ލޮކްޑައުނަށް އަހަރެއް ވެފައިވާއިރު އެޗްޕީއޭއިން ވަނީ މަޑުމަޑުން ލުއި ދޭން ފަށައިފައެވެ. އެއާއިއެކު ދިވެހީންގެ ދިރިއުޅުން އާންމު ހާލަތަށް ރުޖޫއަވަމުންދާއިރު ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތައް ތިން ހަތަރު ފަހަރު ލޮކްޑައުނަކަށް ވަނީ ގޮސްފައެވެ.

ރާއްޖެއިން ވަނީ ކޮވިޑްގެ ހާލަތާއެކުވެސް އެ ސިނާއަތަކަށް ދިވެހި އިގްތިސާދު ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ހުޅުވާލާފައެވެ. ރާއްޖެ ވެގެން ގޮސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތު އެންމެ ފުރަތަމަ ހުޅުވާލި ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. ކޮވިޑްގެ ހާލަތުގައިވެސް ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ އެވޯޑްތަކެއް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ހިމެނެއެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އެންމެ މުހިންމު އެއްޗަކީ ކޮވިޑް ވެކްސިނެވެ. ބައެއް ގައުމުތަކަށް ވެކްސިން ނުލިބިގެން އުޅެނިކޮށް ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ކަށަވަރު ކުރެވިފައިވާކަން އިއުލާން ކޮށްފައެވެ. އަދި މި ނިމުނު ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު، އާބާދީގެ ބޮޑު ބަޔަކަށް މިހާތަނަށް ވެކްސިން ޖަހާފައިވެއެވެ. މިހާރު ވެކްސިންގެ ދެވަނަ ޑޯޒް ދިނުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

އެހުރިހާކަމެއް މާޒީވެގޮސް މިއަދު ދިވެހީން މިތިބީ އެކަންކަމުން ފިލާވަޅު ނަގައި ކުރިޔަށް ދިޔުމުގެ އަޒުމުގައެވެ. ހަމަޔަގީނުންވެސް މި ހުރިހާ ކަމަކުން މި ކުޑަކުޑަ ދިވެހިރާއްޖެ އަރައިގަތީ ސަރުކާރާއި ރައްޔިތުން ދެއްކި ނަމޫނާގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް