ކ. މާލެ
|
15 އޭޕްރިލް 2021 | ބުރާސްފަތި 11:38
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ބީބީސީ
އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުން
އެމެރިކާގެ އެންމެ ދުވަސްވީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ޖެހިއްޖެ- ބައިޑެން
 
އެމެރިކާ ސިފައިން ފޭބި ނަމަވެސް އެމެރިކާއިން އެގައުމަށް މިހާރު ދެމުން އަންނަ އެހީތަކަށް ހުއްޓުމެއް ނާންނާނެ
 
ނޭޓޯ އާއި އެމެރިކާއިން އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގައި މިހާރު 9،600 ސިފައިން އުޅޭ
 
އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަންހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 11ގައި

އެމެރިކާގެ އެންމެ ދުވަސްވީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ޖެހިއްޖެ ކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރައްވައިފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އަފްޣާނިސްތާނަށް ހަމަލާދީ އެގައުމު ސުންނާފަތި ކޮށްލައި އެގައުމު އަޅުވެތި ކޮށްފައިވަނީ މީގެ 20 އަހަރު ކުރިންނެވެ. 20 އަހަރުވީ މިހަނގުރާމަ ނިމުމަކަށް ގެނެސް އެގަައުމުގައި ތިބި އެމެރިކާ ސިފައިން ސެޕްޓެމްބަރު މަހު 11 ވަނަ ދުވަހު ފައިބާނެކަން ބައިޑަން ވަނީ އިއުލާން ކުރައްވާފައެވެ. މިކަން އިއުލާން ކުރައްވަމުން ބައިޑަން ބުނެފައިވަނީ، އެގައުމުން އެމެރިކާ ސިފައިން ފޭބި ނަމަވެސް އެމެރިކާއިން އެގައުމަށް މިހާރު ދެމުން އަންނަ އެހީތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަބަދުވެސް އެމެރިކާއިން އަފްޣާން ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ބައިޑަން ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހަކީ އެމެރިކާއަށް ތާރީޚީ ދުވަހެކެވެ. މީގެ 20 އަހަރުކުރިން އެމެރިކާއިން އަފްޣާނިސްތާނަށް ހަމަލާދީ އެގައުމު އަޅުވެތިކުރީ އަލްގައިދާ ޖަމާއަތުން އެމެރިކާގެ ޓުވިން ޓަވަރަށް ދިން ހަމަލާއާ ގުޅިގެންނެވެ.

ނޭޓޯ އާއި އެމެރިކާއިން އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގައި މިހާރުވެސް އެ ގައުމުގައި 9،600 ސިފައިން އުޅެއެވެ. އޭގެ ތެރެއިން 2،500 ސިފައިންނަކީ އެމެރިކާ މީހުންނެވެ. ބާކީ ސިފައިން ނިސްބަތްވަނީ ނޭޓޯގެ އެހެން ގައުމުތަކަށެވެ.

އެމެރިކާ ސިފައިންނާއެކު ނޭޓޯ ގައުމުތަކުގެ ސިފައިން ވެސް ސެޕްޓެމްބަރު 11 ގެ ކުރިން އަފްޣާނިސްތާނު ދޫކޮށް އެނބުރި ގައުމުތަކަށް ދާނެއެވެ. އެމެރިކާ އާއި ނޭޓޯގެ އޮފިޝަލުން ބުނެފައިވަނީ އަފްޣާނިސްތާނުގައި ހަމަނުޖެހުން ކުޑަކުރުމާބެހޭ އެއްބަސްވުމަށް ފަހުވެސް ތާލިބާނުން އެއާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ބުނީ އެމެރިކާ އާއި ނޭޓޯގެ ސިފައިން ފައިބާ ދަނޑިވަޅުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް