ކ. މާލެ
|
14 އޭޕްރިލް 2021 | ބުދަ 12:54
އިންޑިޔާގެ މުމްބާއީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެއް
އިންޑިޔާގެ މުމްބާއީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެއް
އަލްޖަޒީރާ
ކޮވިޑް-19 އިންޑިޔާގެ ހާލަތު
ރިކޯޑް މިންވަރަކަށް މީހުންނަށް ކޮވިޑް ޖެހި އިންޑިޔާގެ ހާލަތު ގޯސްވަނީ
 
އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިންޑިޔާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި
 
މިފަހުން ދުވާލެއްގެ މައްޗަށް ރިކޯޑް މިންވަރަކަށް އަންނަނީ ކޭސްތައް ފެންނަމުން
 
އިންޑިޔާގެ 13.9 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައި

ފާއިތުވި 24 ގަޑިއިރު އިންޑިޔާގައި ކޮވިޑް-19، 184،372 މީހުންނަށް ޖެހިފައިވާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީިން ބުނެފިއެވެ.

މިއީ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުންނަށް އެގައުމުގައި ކޮވިޑް ޖެހިގެން ރިކޯޑް ކުރެވުނު ދުވަހެވެ. އިންޑިޔާއަށް ކޮވިޑްގެ ދެ ވަނަ ރާޅެއް އައިސްފައިވާއިރު ކޭސްތައް ފެންނަ މިންވަރު އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ.

މިއަހަރުގެ ކުރީކޮޅު އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުރީ 10،000ށް ވުރެ ދަށުގައެވެ. ނަމަވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ދުނިޔޭގައި މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އަނެއް ދެގައުމުކަމުގައިވާ ބްރެޒިލް އާއި އެމެރިކާ ގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކަށްވުރެ އިންޑިޔާގައި ފެންނަ ކޭސްތައް ދެގުނަ އިތުރެވެ. ނަމަވެސް މީހުން މަރުވާ ރޭޓް އަނެއް ދެގައުމާ އަޅާބަލާއިރު މަދެވެ.

ކޭސްތައް އިތުރުވަމުން އައި ނަމަވެސް އެގައުމުގައި ކުރިޔަށްގެންދާ ހިންދީ ދީނުގެ ބޮޑެތި ހަރަކާތްތަކަށް ހުއްޓުމެއްނާދެއެވެ. މިހަރަކާތްތަކުގައި 650،000ށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަރަކާތްތަކުގައި ގައިދުރުކަމެއް ނޯންނައިރު މާސްކު އެޅުމެއް ވެސް ނޯވެއެވެ.

އަނެއްކޮޅުން ހަތަރު ސްޓޭޓެއްގައި ބޭއްވި އިންތިޚާބުތަކުގެ ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން ވެސް ކޭސްތައް ވަނީ އިތުރުވެފައެވެ.

މިހާތަނަށް އެގައުމުގައި 13.9 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 172،085ށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް