ކ. މާލެ
|
13 އޭޕްރިލް 2021 | އަންގާރަ 12:47
ރަމަޟާން މަހު އެންމެ ގިނައިން އިސްރާފު ކުރެވެނީ ކާބޯތަކެތިން
ރަމަޟާން މަހު އެންމެ ގިނައިން އިސްރާފު ކުރެވެނީ ކާބޯތަކެތިން
ގްލޯބަލް ސިޓިޒެން
1442 ވަނަ އަހަރުގެ ރަމަޟާން މަސް
ރަމަޟާން މަހަކީ އިސްރާފުގެ މަހަކަށް ނުހަދާށެވެ. އެއީ ޝައިޠާނާގެ އަމަލެކެވެ.
 
އެއީ އޭގެ ސަބަބުން ސިއްހީ އަދި މާލީ ގެއްލުން މުޖްތަމައުއަށް ފޯރާނެ ކަމެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ މުސްލިމުން އެންމެ އިންތިޒާރުކުރާ އެއް މަހަކީ މާތް ވެގެންވާ ރަމަޟާން މަހެވެ. މި މަސް އައުމުގެ ކުރިން ދުރާލާ އެކަމަށް ތައްޔާރުވުމާއެކު މި މާތް މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރެއެވެ.

ރަނގަޅެެވެ. ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާކިޔުމަށް ތައްޔާރުވާން ޖެހެއެވެ. އަދި އެ މަހުގެ ބަރަކާތްތެރިކަން ލިބިގަތުމަށްޓަކައި މާއްދީ ގޮތުންނާއި ރޫހާނީ ގޮތުން ވެސް ތައްޔާރުވާން ޖެހެއެވެ. ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ފަދައިން ނަފްސުތައް ވެސް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި، މުންކަރާތްތަކުން ދުރުހެލިކުރަން ޖެހެއެވެ. ނަމަވެސް މިއަދު ފެނިގެން ދަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި އެ މަހަށް ޚާއްސަކޮށް ކުރެވޭ ބައެއް ކަންކަން އިސްރާފުގެ ތެރޭގައި ހިމެނިގެންދާ މަންޒަރެވެ. މިކަންކަމުން ދުރުހެލިވުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހެެއެވެ.

އިސްރާފަކީ ކޮންމެ ކަމެއްގައި ވެސް ހައްދުފަހަނަޅައި ދިޔުމެވެ. ކީރިތި ގުރުއާނާ ރަސޫލާގެ ސުންނަތުން އެނގޭ ގޮތުގައި އެއީ ބޮޑުވެގެންވާ ނުބައި ކަމެކެވެ. އިސްރާފުކުރާ މީހުން ދެކެ ﷲ ސުބްހާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. އެއީ ޝައިތާނާގެ އަމަލެކެވެ. އަދި އެއީ އޭގެ ސަބަބުން ސިއްހީ އަދި މާލީ ގެއްލުން މުޖްތަމައަށް ފޯރާނެ ކަމެކެވެ. 

އިންސާނުންނާ މިއަދު ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިތަކުގެ ތެރޭގައި ފާސިގުކަމާއި އިސްރާފުކުރުން ހިމެނޭއިރު މި މާތް މައްސަރުގައި އާއްމުކޮށް ކުރެވޭ ބައެއް އިސްރާފުތައް ދެނެގަތުމަކީ މުހިއްމު ކަމެކެވެ.

ރަމަޟާން މަހަށް ތައްޔާރު ވުމަށްޓަކައި އެކަނިވެސް މިއަދު ގިނަ އިސްރާފުތަކެއް އެބަ ކުރެވެއެވެ. އެގޮތުން ބައެއް މީހުން ގޭގައި ބޭނުން ކުރެވޭ ރަނގަޅު އައު ފަރުނީޗަރު ހުރި ނަމަވެސް މި މަހަށް ޚާއްސަކޮށް މުޅި ގޭގެ ފަރުނީޗަރު ބަދަލު ކުރުމާއި، ހިފައިގެންގުޅޭ ތަކެތި މުޅިން އެއްކޮށް އައު ކޮށްލުމުގެ އިތުރުން މުޅި ގޭގައި އަލުން ކުލަލުން ފަދަ އެތައް ކަމެއް ކުރެއެވެ. އަދި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ގެއަށް ކާބޯތަކެތި ހޯދުމަކީ މިއަދުގެ މުޖްތަމައުން ފެންނަ ބައެއް ކަންކަމެވެ.

މީގެ އިތުރުން ވެސް ރަމަޟާން މަހު ރޯދަ ކުރުކޮށްލުމުގެ ގޮތުން ކުޅިވަރާއި މަޖަލުގައި ގިނަ ވަގުތު ހޭދަކޮށްލުން ނުވަތަ ގިނަ ވަގުތު ނިދުމަކީ މުޖްތަމައުގައި އާއްމު ވެފައިވާ ކަންކަމެވެ. ގިނަ ވައްތަރުގެ ކާބޯތަކެތި ތައްޔާރު ކުރުމުގައި މުޅި ދުވަސް ހޭދަކޮށްލެވެނީ ރޯދަ ވީއްލާ ގަޑިއަށް އިންތިޒާރު ކުރާ ހާލުއެވެ. ގިނަ ފަަހަރަށް މުޅި ދުވަހު ބުރަކޮށް ތައްޔާރު ކުރާ ކާތަކެތި ވަނީ އިސްރާފަކަށެވެ. އެއީ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތައްޔާރު ކުރެވޭތީއެވެ. މިކަންކަމަކީ އަހަރެމެން އެންމެން ވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމެވެ. މިއީ ހަމަ އިސްރާފެވެ.

މާތް ވެގެންވާ ރަމަޟާން މަހަކީ ކޮންމެ މީހެއްގެ ވެސް މުޅި ހަޔާތް ހެޔޮގޮތުގައި ބަދަލު ކޮށްލުމަށް ލިބިގެންދާ މަހަކަށް ވާއިރު މިފަދަ އިސްރާފުތަކުން ދުރުވެ އަޅުކަމުގެ މި މޫސުމަށް ތައްޔާރުވެ މި ބަރަކާތްތެރި މައްސަރުގެ ހަގީގީ މަގުސަދު ހާސިލުކުރުމަށް މި މަހުގެ ދުވަސްތަކާއި ރޭތައް ހެޔޮ ގޮތުގައި ހިފައި، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ވަގުތު ހުސްކުރަން ޖެހެއެވެ. ކުރެވޭ ބައެއް ކުދިކުދިން ކަންކަމަކީ އަގު ނުކުރެވޭ އަދި ބޮޑެތި އިސްރާފަށް ވެގެން ދާއިރު މީގެ ބަދަލުގައި ގިނަގިނައިން ﷲ ގެ މަގުގައި ހޭދަ ކުރުމަށް އިސްކަން ދިނުން މުހިއްމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
100%
0%
0%
0%
0%
0%
ކޮމެންޓް