ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 05:13
ރެއާލާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-1 ން
ރެއާލާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް
 
ބާސާ އަތުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލީ 66 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އެލް ކްލަސިކޯ މެޗުން ބާސެލޯނާ ބަލިކުރުމަށްފަހު، ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ރެއާލުން ވަނީ މި ސީޒަނުގެ ލީގުގައި ކުޅުނު ކްލަސިކޯ ދެ މެޗުންވެސް މޮޅުވެފައެވެ.

މި މެޗު ބާސާއިން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، މެޗުގެ ވަރަށް ކުރީކޮޅު ރެއާލުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ލޫކަޒް ވަޒްކުއޭޒް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަރިމް ބެންޒެމާއެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޓޯނީ ކްރޫސް ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު ދެވަނަ ހާފުގައި ބާސާއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ޖޯޑީ އަލްބާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ އޮސްކާ މިންގޭޒާއެވެ. އަދި އޭގެ ފަހުންވެސް ނަތީޖާ އެއްވަރުކުރުމަށް ބާސާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި މެޗުގެ ފަހުކޮޅު ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ރެއާލުން މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ ފަހު މިނެޓުގައި ރެއާލުގެ ކަސެމީރޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލިއިރު، އެ ޓީމަށް ކުޅުނު 30 މެޗުން ވަނީ 66 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައަށް ވެއްޓުނު އެތުލެޓިކޯއަށް 29 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ތާވަލުގެ ތިންވަނައިގައި ބާސާ އޮތީ ކުޅުނު 30 މެޗުން ލިބުނު 65 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
75%
0%
25%
0%
0%
ކޮމެންޓް