ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 05:09
ސިޓީ އާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލީޑްސް މޮޅުވީ 2-1 ން
ސިޓީ އާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލީޑްސް މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ސިޓީ ބަލިވިއިރު، ލިވަޕޫލާއި ޗެލްސީއަށް މޮޅެއް
 
ލީޑްސް އަތުން ސިޓީ ބަލިވީ 2-1 ގެ ނަތީޖާއަކުން
 
ވިލާ އަތުން ލިވަޕޫލް މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ޕެލަސް އަތުން ޗެލްސީ މޮޅުވީ 4-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ ބަލިވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޗެލްސީ މޮޅުވެއްޖެއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ސިޓީ ބަލިވީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލީޑްސް ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މިއީ 2007 ވަނަ އަހަރު ރެޑިން އަތުން ބަލިވި ފަހުން، ލީގަށް އަލަށް ޕްރޮމޯޓުވި ޓީމެއް އަތުން އަމިއްލަ ދަނޑުގައި ސިޓީ ބަލިވި ފުރަތަމަ މެޗެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ލީޑްސްއިންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޓުއާޓް ޑަލަސްއެވެ. އެކަމަކު ލީޑްސްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ކެޕްޓަން ލިއަމް ކޫޕާއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

އެހެންކަމުން މި މެޗުގެ ދެވަނަ ހާފު އެއްކޮށް ލީޑްސްއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، މެޗުގެ 76 ވަނަ މިނެޓުގައި ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސެވެ. އެކަމަކު މި މެޗުން ލީޑްސް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ޑަލަސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 32 މެޗުން 74 ޕޮއިންޓާއެކުއެވެ. އަދި ސިޓީ ބަލިކުރި ލީޑްސް އޮތީ ތާވަލުގެ ނުވަވަނައިގައި 31 މެޗުން 45 ޕޮއިންޓާއެކުއެވެ.

ލިވަޕޫލާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-1 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ އެސްޓަން ވިލާ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މި އަހަރު އަމިއްލަ ދަނޑުގައި ލިވަޕޫލް މޮޅުވި ފުރަތަމަ މެޗެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި ލީޑު ނަގަން ލިވަޕޫލަށް ވަނީ ރަނގަޅު ފުރުޞަތުތަކެއް ލިބިފައެވެ. އެކަމަކު އެ ފުރުޞަތުތަކުގެ ބޭނުން ލިވަޕޫލް ހިފާފައިނުވާއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިލާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު ވިލާއަށް ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސްއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮބާޓޯ ފިރްމީނޯ ލިވަޕޫލަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ކުރިން ލިވަޕޫލުގެ ޑިއޯގޯ ޖޮޓާ އޮފްސައިޑުގައި ހުރި ކަމަށް ނިންމައި، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

ނަމަވެސް މި މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން 12 ވަނަ މިނެޓުގައި މުޙައްމަދު ސަލާހުގެ ލަނޑުން ލިވަޕޫލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މި މެޗުން ފަހަތުން އަރައި ލިވަޕޫލް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ކާމިޔާބުކުރި ލަނޑުންނެވެ.

ކްރިސްޓަލް ޕެލަސް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 4-1 ން - ގެޓީ އިމޭޖަސް

ދެން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުން ކްރިސްޓަލް ޕެލަސް އަތުން ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ކައި ހަވާޓްޒް ޗެލްސީއަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި ކާޓް ޒޫމާ ވަނީ ޗެލްސީގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މެޗުގައި ޕެލަސްއިން ޖެހި ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ބެންޓެކޭއެވެ. އެކަމަކު މެޗުގެ 78 ވަނަ މިނެޓުގައި ޕުލިސިޗް ވަނީ ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި ނަތީޖާތަކާއެކު ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 31 މެޗުން 54 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ފަސްވަނައިގައި އޮތް ލިވަޕޫލަށް 31 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
33%
33%
33%
0%
0%
ކޮމެންޓް