ކ. މާލެ
|
10 އޭޕްރިލް 2021 | ހޮނިހިރު 23:40
ޓީސީ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ ދެ ޓީމަށްވެސް ލަނޑެއް ނުޖެހި
ޓީސީ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ ދެ ޓީމަށްވެސް ލަނޑެއް ނުޖެހި
ގެޓީ އިމޭޖަސް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޓީސީ އާއި ގްރީންގެ ކުރިމަތިލުން އެއްވަރު
 
ޓީސީ އާއި ގްރީން އެއްވަރުވީ ލަނޑެއް ނުޖެހި
 
ތާވަލުގެ ތިންވަނައިގައި ގްރީން އޮތީ 18 ޕޮއިންޓާއެކު
 
ތާވަލުގެ ފަސްވަނައިގައި ޓީސީ އޮތީ 13 ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމަށްވެސް ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު މެޗުގެ 36 ވަނަ މިނެޓުގައި ޓީސީގެ ކެޕްޓަން މުޙައްމަދު އައްޒާމް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގްރީންގެ މިސްރު ޑިފެންޑަރު މުޙައްމަދު ސައީދަށް ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 67 ވަނަ މިނެޓުގައި ގްރީންގެ އަންޞާރު އިބްރާހީމް (އަންކޮ) ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އެ ހަމަލާ ޓީސީގެ ގޯލްކީޕަރު މަމަދޯފް އާޒާދު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އޭގެ ފަހުން މި މެޗުގައި ޓީސީއަށް މައްސަލަތަކެއް ކުރިމަތިވީ މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެ ޓީމުގެ ނިޝާމް މުޙައްމަދު ރަޝީދަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކީ ގްރީންގެ ހުސެއިން އަބްދުﷲ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. އަދި އޭގެ ފަހުން ރެފުރީއާ ދިމާލަށް ބުނި އެއްޗަކާ ގުޅިގެން ޓީސީގެ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދަށްވެސް ރެފުރީ ވަނީ ރަތް ކާޑެއް ދައްކާފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ ތިންވަނައިގައި ގްރީން އޮތީ ކުޅުނު 12 މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ފަސްވަނައިގައި ޓީސީ އޮތީ 12 މެޗުން 13 ޕޮއިންޓާއެކުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް