ކ. މާލެ
|
9 އޭޕްރިލް 2021 | ހުކުރު 05:41
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)
އެފްއޭއެމް
ދަ ގްރާންޑޭ އާއި ޔޫވީގެ މެޗު
ހުރިހާ ގޮތަކުންވެސް ޕްރެޝަރު ބޮޑީ ދަ ގްރާންޑޭއަށް: ސާންތި
 
މި ސީޒަނުގެ ލީގުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔޫވީ
 
ދަ ގްރާންޑޭ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުރިއަށް އޮތް މެޗަށް ނުކުންނައިރު، ހުރިހާ ގޮތަކުންވެސް ޕްރެޝަރު ބޮޑީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް ނުކުންނައިރު، ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ޔޫވީ މޮޅުވެފައެއް ނުވެއެވެ. އެއާއެކު މި ސީޒަނުގެ ލީގުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީވެސް ޔޫވީއެވެ.

ލީގުގައި ދަ ގްރާންޑޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތި ބުނީ ލީގުގައި ޔޫވީއަށް މިހާރު މަދުވެފައިވަނީ ހަމައެކަނި މޮޅެއް ކަމަށެވެ. އަދި އެންމެ ފަހުން ޓީސީ މެޗުގައި ބަލިވިކަމުގައި ވިޔަސް، ކުޅުންތެރިންގެ ރޫހައް ބަދަލެއް ނާންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ސާންތި އިތުރަށް ބުނީ ކުރިއަށް އޮތް ދަ ގްރާންޑޭ މެޗަށް ނުކުންނައިރު، އަނިޔާގައި ތިބި ކުޅުންތެރިން ރިކަވާ ވެފައިވުން އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި، އެއާއެކު މި މެޗަށް ނުކުންނައިރު ހުރިހާ ގޮތަކުންވެސް ޕްރެޝަރު ބޮޑީ ދަ ގްރާންޑޭއަށް ކަމަށެވެ.

ޔޫވީ މެޗުގެ ކުރިން ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ ދަ ގްރާންޑޭއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓޮޕް ސްޓައިކަރެއް ނެތުން ކަމަށެވެ. އަދި ދަ ގްރާންޑޭއަށް މި ސީޒަނުގައި ގެނައި ބިދޭސީ ޓޮޕް ސްޓައިކަރު ދޫކޮށްލީ އޭނާ ކުޅެން ބޭނުން ނުވާތީ ކަމަށް އިންމަ ވަނީ ބުނެފައެވެ.

އިންމަ އިތުރަށް ބުނީ ޔޫވީއާ ދެކޮޅަށް ނުކުންނައިރު ސަސްޕެންޝަނުގެ މައްސަލަތައްވެސް ޓީމުގައި އެބަހުރި ކަމަށާއި، އެގޮތުން އެންމެ ފަހުން ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި މުހިންމު ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައިވުމުން، އެކަން ފޫބައްދަން އުނދަގޫވާނެ ކަމަށް އިންމަ ބުންޏެވެ. އެގޮތުން ގްރީން ސްޓްރީޓްސް މެޗުގައި ދަ ގްރާންދޭގެ ކެޕްޓަން އަޙްމަދު ވިޖްދާނު (ވިޖުއްކޮ) އާއި އަލީ އިފާޒަށް ވަނީ ސީދާ ރަތް ކާޑު ދައްކާފައެވެ.

ލީގުގައި ދަ ގްރާންޑޭ އާއި ޔޫވީ ބައްދަލުކުރާއިރު، ދަ ގްރާންޑޭ އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 11 މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. އަދި ޔޫވީ އޮތީ ފުލުގައި 11 މެޗުން އެންމެ ތިން ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް