ކ. މާލެ
|
9 އޭޕްރިލް 2021 | ހުކުރު 05:44
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)
އެފްއޭއެމް
ސަސް އާއި ވެލެންސިއާގެ މެޗު
މާޒިޔާއަށްވުރެ ވެލެންސިއާގެ ފެންވަރު ދަށްވުމަކީ ފައިދާއެއް: މޯހަން
 
އެންމެ ފަހުން ކުޅުނު މެޗުން ސަސްއިން ވަނީ މާޒިޔާއާ އެއްވަރުކޮށްފައި
 
ސަސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 21:00 ގައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި އޮތް ސްކޮޑާ އަޅާބަލާއިރު، ކުލަބު ވެލެންސިއާގެ ސްކޮޑުގެ ފެންވަރު ދަށްވުމަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް އޮތް ފައިދާއެއް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ލީގުގައި ވެލެންސިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން، އެންމެ ފަހުން ކުޅުނު މެޗުން ސަސް ވަނީ ލަނޑެއް ނުޖެހި މާޒިޔާއާ އެއްވަރުކޮށްފައެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ ވެލެންސިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޯހަން ބުނީ މާޒިޔާ މެޗުން ލިބުނު ޕޮއިންޓާއެކު ސަސްގެ ކުޅުންތެރިންގެ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މާޒިޔާގެ ސްކޮޑާ އަޅާބަލާއިރު، ވެލެންސިއާގެ ސްކޮޑުގެ ފެންވަރު ދަށްވުން ކަމަށާއި، އެހެން ނަމަވެސް ވެލެންސިއާއަކީ މެޗެއްގެ ނަތީޖާ ކޮންމެ ފަދަ ދަނޑިވަޅަކުވެސް ބަދަލުކޮށްލެވޭނެ ކުޅުންތެރިން ތިބި ޓީމެއްކަން ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.

މޯހަން އިތުރަށް ބުނީ ވެލެންސިއާއާ ދެކޮޅަށް ސަސްއިން ކުޅެން ބޭނުންވާ ގޭމު ކުޅެވޭނެ ކަމަށާއި، އެގޮތުން މި މެޗަށް ނުކުންނައިރު ޑިފެންސިވް ގޭމަކަށް ނުވިސްނާ ކަމަށެވެ. އަދި ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު ނިމިދިޔަ ޓްރާންސްފާގައި ލޯނު އުސޫލުން ސަސްއާ ގުޅުނު މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުޙައްމަދު (މުޖޭ) އާއި މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ) އަށް ކުޅެވުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް މޯހަން ބުޏްނެވެ.

ސަސް މެޗުގެ ކުރިން ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެލެންސިއާގެ ކުޅުންތެރިން ފިޓްކޮށް ތިބުން ކަމަށެވެ. އަދި ފުރަތަމަ ބުރާ އަޅާބަލާއިރު، ދެވަނަ ބުރުގައި ވެލެންސިއާގެ ސްކޮޑު ވަރުގަދަވެފައި އޮތުންވެސް އެއީ އެ ޓީމަށް އޮތް އެންމެ ބޮޑު ފައިދާ ކަމަށްވެސް ބުންޏެވެ.

އާތީ އިތުރަށް ބުނީ ކުރިއަށް ހުރި މެޗުތަކުގައި ކުޅުންތެރިން ރޮޓޭޓް ކުރާނެ ކަމަށާއި، އެގޮތުން ގިނަ މަގާމުތަކަށް ކުޅެވޭ ކުޅުންތެރިން ސްކޮޑުގައި ތިބުން އެއީ ލީގާ ކުރިމަތިލާއިރު ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.

މި މެޗަށް ނުކުންނައިރު ތާވަލުގެ ދެވަނައިގައި ވެލެންސިއާ އޮތީ ކުޅުނު 10 މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މާޒިޔާއަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން މޮޅުވެގެން ވެލެންސިއާއަށް މާޒިޔާގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އެބައޮތެވެ. އަނެއްކޮޅުން ސަސް އޮތީ ލީގު ތާވަލުގެ ހަވަނައިގައި 11 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 21:00 ގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް