ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 15:29
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)
އެފްއޭއެމް
އީގަލްސް އާއި ތިމްޕޫގެ މެޗު
ތިމްޕޫއާ ދެކޮޅަށް ނަތީޖާ ނެރުމުން ހިތްހަމަޖެހޭ: ޝާޒްލީ
 
ތިމްޕޫ ސިޓީ އަތުން އީގަލްސް މޮޅުވީ 2-0 ގެ ނަތީޖާއަކުން
 
މި މެޗުގައި އީގަލްސްއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ ދެކޮޅަށް ނަތީޖާ ނެރުމުން ހިތްހަމަޖެހޭ ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

ބުދަ ދުވަހުގެ ހަވީރު ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އީގަލްސް ވަނީ 2-0 ގެ ނަތީޖާއަކުން ތިމްޕޫ ބަލިކޮށް، ޕްރިލިމިނަރީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މިއީ އީގަލްސްގެ 31 އަހަރުވީ ތާރީޚުގައި އެ ޓީމުން އޭއެފްސީ ކަޕުގައި ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުން އީގަލްސް މޮޅުވި ނަމަވެސް، މެޗުގައި އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒްލީ ބުނީ މެޗާ ކުރިމަތިލީ މެޗުން މޮޅުވުމަށް ކަމަށާއި، އެކަން ހާސިލުވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ތިމްޕޫ އަކީ ދަށް ޓީމެއް ނޫން ކަމަށާއި، މެޗު ދިޔަ ގޮތަށް ބަލާއިރު އީގަލްސްއިން ދެއްކި ކުޅުން ގޯސް ނޫން ކަމަށެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ކުޅުން ގޯސްވި ވަގުތުތަކެއް ދިޔަ ކަމަށްވެސް ޝާޒްލީ ވަނީ ބުނެފައެވެ.

ތިމްޕޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި އީގަލްސްއިން އެ ޓީމާ ދާދި ފަހުން ގުޅުނު ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިންގެ ނަން ހިމެނި ނަމަވެސް، މެޗުގެ ކުރިން އޭނާއަށް އަނިޔާވުމުން ފަހު ވަގުތު އޭނާ ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އޭނާގެ ބަދަލުގައި ކުޅެން އަރުވާފައިވަނީ ފޯވާޑް މުޙައްމަދު ނާއިމެވެ. ޝާޒްލީ ބުނީ މި މެޗުގެ ކުރިންވެސް ކޮރްމިޝިނަށް އަނިޔާވެފައިވާ ކަމަށާއި، އެކަމަކު ފަހު ވަގުތާ ޖެހެންދެންވެސް އޭނާއަށް މެޗުގައި ކުޅެވޭތީ އީގަލްސްއިން މަސައްކަތްކުރ ކަމަށެވެ. އެކަމަކު މެޗުގެ ކުރިން ކުރިއަށް ގެންދިޔަ ވޯމްއަޕުގައި އިއްޔެގެ މެޗުގެ ވޯމް އަޕަށްފަހު އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވި ކަމަށާއި، އަދި އެކަމަށް އީގަލްސްއިން މީގެ ކުރިންވެސް އޮތީ ތައްޔާރުވެފައި ކަމަށްވެސް ޝާޒްލީ ވަނީ ބުނެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އީގަލްސްގެ ލުބުނާނުގެ ގޯލްކީޕަރު މުޙައްމަދު ތޯހާ ބުނީ މި މެޗުގައި ތިމްޕޫއަކީ އެ ޤައުމުގެ ޗެމްޕިއަނުން ކަމަށާއި، އެއާއެކު އެ ޓީމާ ދެކޮޅަށް ކުޅުނު މެޗަކީ އީގަލްސްއަށް އުނދަގޫ މެޗެއް ކަމަށެވެ. އަދި ޕްރިލިމިނަރީ ދެވަނަ ބުރުގެ ޖާގައެއް އީގަލްސްއިން ކަށަވަރުކޮށްފައިވާއިރު، އެ ޓީމުގެ އަމާޒަކީ ގްރޫޕް ސްޓޭޖަށް ކޮލިފައިވުން ކަމަށްވެސް ވަނީ ބުނެފައެވެ.

މެޗަށްފަހު ތިމްޕޫގެ ކޯޗު ނަވަން ދެންޑަޕް ބުނީ މެޗާ ކުރިމަތިލީ ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައިގެން ކުޅުމަށްފަހު، ދެވަނަ ހާފުގައި ބޮޑަށް އެޓޭކް ކުރުމަށް ކަމަށާއި، އެކަމަކު މި މެޗުގައި ބޭނުންވި ވަރަށް އެ ޓީމަށް ފުރުޞަތު ތަނަވަސް ނުކުރެވުނު ކަމަށެވެ. އަދި މި ބަލި ގަބޫލުކުރާ ކަމަށާއި، ދެން އަންނަ ސީޒަނުގައި ވަރުގަދަކޮށް އެނބުރި އަންނަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މެޗުގައި އީގަލްސް ފެނުނީ ފިޒިކަލީ ތިމްޕޫއަށްވުރެ ވަރުގަދަކޮށް ކަމަށާއި، އެގޮތުން ތިމްޕޫގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، މި މެޗުން އެ ކުޅުންތެރިންނަށް ރަނގަޅު ފިލާވަޅެއް ލިބުނު ކަމަށް އުއްމީދުކުރާ ކަމަށްވެސް ދެންޑަޕް ބުންޏެވެ. އަދި މިއީ ތިމްޕޫއަށް އެ ޓީމުގެ ފެންވަރު ވަޒަންކޮށްލައި، ކުރިއަށްދާން ލިބުނު ރަނގަޅު މެޗެއް ކަމަށްވެސް ދެންޑަޕް ވަނީ ބުނެފައެވެ.

ތިމްޕޫ ބަލިކޮށް ޕްރިލިމިނަރީ ދެވަނަ ބުރަށް އީގަލްސް ދަތުރުކުރިއިރު، ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް އޭއެފްސީން ތާވަލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ޕްރިލިމިނަރީ ދެވަނަ ބުރުން އީގަލްސް މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އެ ޓީމު ކުޅެން ޖެހުމުގެ އެންމެ ފުރުޞަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް