ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 07:13
ބަޔާނާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-2 ން
ބަޔާނާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-2 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
އެމްބާޕޭގެ ދެ ލަނޑާއެކު ޕީއެސްޖީން ބަޔާން ބަލިކޮށްފި
 
ފުރަތަމަ ލެގުން ޕީއެސްޖީ މޮޅުވީ 3-2 ގެ ނަތީޖާއަކުން
 
ދެވަނަ ލެގު ކުޅޭނީ މި މަހުގެ 13 ވަނަ ދުވަހު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ބަޔާނުގެ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ 2019 ވަނަ އަހަރުގެ މާޗު މަހަށްފަހު، ޗެމްޕިއަންސް ލީގު މެޗަކުން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ބަޔާނުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކުޅެފައެއް ނުވެއެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ބަޔާނުގެ މިޑްފީލްޑަރު ސާޖް ގްނަބްރީ އާއި، ޕީއެސްޖީގެ ތަޖުރިބާކާރު މިޑްފީލްޑަރު މާކޯ ވެރާޓީ އާއި އެ ޓީމުގެ ޑިފެންޑަރު އަލެސަންދްރޯ ފްލޮރެންޒީވެސް މި މެޗުގައި ކުޅެފައެއް ނުވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ތިން ވަނަ މިނެޓުގައި ނޭމާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭއެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ނޭމާގެ އެހީއާއެކު މާކީނިއޯސް ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު އޭގެ ފަހުން ބަޔާނުން ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ބެންޖަމިން ޕަވާޑް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެރިކް މެކްސިމް ޗޮޕޫ-މޯޓިންނެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ހުރަސް ކޮށްދިން ބޯޅައަކުން ތޯމަސް މުލާ ވަނީ ލަނޑެއް ޖަހައި، ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަމަވެސް އޭގެ އަށް މިނެޓު ފަހުން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުން، ޕީއެސްޖީން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. ބަޔާން ކޮޅަށް ޖެހި ދެ ލަނޑާއެކު އެމްބާޕޭ މިހާރު ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖުމްލަ އަށް ލަނޑު ޖަހާފައެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން މޮޅުވެ ސެމީ ފައިނަލާ ގާތަށް ޕީއެސްޖީ ޖެހިލިއިރު، ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ މި މަހުގެ 13 ވަނަ ދުވަހު ޕީއެސްޖީގެ ދަނޑުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
67%
0%
0%
0%
0%
ކޮމެންޓް