raajjemv logo
ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުން
މި ސަރުކާރު އައިއިރު 70 އިންސައްތަ ރަށުގައިވެސް ފެނާއި ނަރުދަމާ ނެތް: މަބްރޫކު
 
މިހާރުވެސް ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް 34 ރަށެއްގައި ކުރިއަށްދޭ
 
މި ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ހިންގަމުންދަނީ ލާމަރުކަޒުކޮށް
 
އެއީ ފަތުރުވެރިކަމާއި ދަނޑުވެރިކަންފަދަ އިޤްތިސާދީ މަސައްކަތްތައް ފުޅާކުރުމަށް އޮތް ގޮންޖެހުމެއް
ލައިޝާ އަހްމަދު
7,399
ކ. މާލެ |
7 އޭޕްރިލް 2021 | ބުދަ 23:28
މުޙައްމަދު މަބްރޫކު އަޒީޒް ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ

އައު ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ރަށްރަށުގެ 70 އިންސައްތަ ރަށުގައިވެސް ފެނާއި ނަރުދަމާ ޤާއިމުކޮށްފައި ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، މި ސަރުކާރުގެ މައިގަނޑު ވިސްނުމަކަށް ހުރީ ޒަމާންތަކެއް ވަންދެން ރައްޔިތުން ކެނޑިނޭޅި އެދެމުންދާ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެހެން އެއްވެސް ސަރުކާރަކުން މި ފަހުގެ ތާރީޚެއްގައި ކުރިމަތިލާން ނުޖެހޭފަދަ އިޤްތިސާދީ އަނދަވަޅެއްގެ ތެރޭގައިވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ 2 އަހަރު ތެރޭގައިވެސް މީގެ ކުރީ ސަރުކާރަކުން އެ މުއްދަތުގެ ތެރޭގައި ނުހިންގާ މިންވަރަށް މަޝްރޫއުތައް ހިންގާފައިވާކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ 70 އިންސައްތަ ރަށްރަށުގައިވެސް ފެނާއި ނަރުދަމާ ޤާއިމު ކުރެވިފައި ނެތް ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމާއި ދަނޑުވެރިކަންފަދަ އިޤްތިސާދީ މަސައްކަތްތައް ރަށްރަށުގައި ފުޅާކުރުމަށްވެސް ކޮންމެހެން ޒަރޫރީ ކަމެއްކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ، މި ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ހިންގަމުންދަނީ ލާމަރުކަޒުކޮށް، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން އެންމެ ކުދި ރަށްތަކުގައިވެސް ބޭނުންވާ އަސާސީ ޚިދުމަތްތަައް ފޯރުކޮށްދިނުމަށް ތަފާތެއްނެތި މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި ހަމްދާން ވިދާޅުވީ، މިދިޔަ 2 އަހަރުގެ ތެރޭގައި އަތޮޅުތެރޭގެ ޕީއެސްއައިޕީ މަޝްރޫއުތަކަަށްވެސް 9 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ހަމައެކަނި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ މަރުޙަލާތައް ނުފެށޭ އެއްވެސް ރަށެއް މިހާރު ރާއްޖޭގައި ނޯންނާނެކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި މިހާރުވެސް ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް 34 ރަށެއްގައި ކުރިއަށްދާކަން ފާހަގަ ކުރައްވައި ހަމްދާން އިތުރަށް ވިދާޅުވީ، 78 ރަށެއް މިހާރު އެވާރޑް ކުރެވި، އޭގެ ތެރެއިންވެސް ގިނަ ރަށްރަށް މިހާރު މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ. އަދި ބާކީ ހުރި ރަށްރަށުގެ ތެރެއިން 29 ރަށެއް ޓެންޑަރިންގ މަރުޙަލާގައިވާކަން ހަމްދާން ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
އަންތަރީސް ވެއްޖެ
50%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
25%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
25%
ލިޔުން ރަނގަޅު
ކޮމެންޓް