raajjemv logo
ލޯކަލް ކައުންސިލް އިންތިޚާބު
އެމްޑީޕީން ބޭނުމީ ރައްޔިތުންގެ ޝަކުވާ، ހުޝާމަދެއް ނޫން: ރައީސް ނަޝީދު
 
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފަލްސަފާއަކީވެސް ޝަކުވާކަމަށް
 
އެމްޑީޕީން އަޑުއަހަން ބޭނުންވާ ޝަކުވާ އަބަދުވެސް އަޑުއިވޭކަމަށް ނަޝީދު ވިދާޅުވި
 
އެމްޑީޕީން ބޭނުންވަނީ އުފަލާއެކު އުޅޭ ޖީލެއް ބިނާ ކުރަންކަމަށްވެސް ވިދާޅުވި
ނަހުފާ މުހައްމަދު
3,793
ކ. މާލެ |
7 އޭޕްރިލް 2021 | ބުދަ 21:48
ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އަޑުއަހަން ބޭނުމީ، ރައްޔިތުންގެ ޝަކުވާ ކަމަށާއި، ހުޝާމަދު އަޑުއަހަން ބޭނުން ނުވާކަމަށް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ގާތުގައި ސަނާ ކިޔުމަކީ އެމްޑީޕީން އެއްވެސް އިރެއްގައި ބޭނުންވާ ކަމެއް ނޫންކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އެ ޕާޓީން ބާރު އަޅާކަމެއްވެސް ނޫންކަމަށާއި، އެމްޑީޕީގެ ފަލްސަފާއަކީ ޝަކުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ފަލްސަފާއެއް އެއީ ޝަކުވާ. އަޅުގަނޑުމެން އެދޭ ކަމެއް އެއީ، އަޅުގަނޑުމެން އަޑުއަހަން ބޭނުންވާ އެއްޗަކީ ޝަކުވާ ހުޝާމަދެއް ނޫން. އަޅުގަނޑުމެން ގާތުގަ ސަނާކިޔުން އެއީ މި ޕާޓީ އެއްވެސް އިރެއްގަ ބާރުއަޅާ ކަމެއް ނޫން، ސާބަސްދޭ ކަމެއް ނޫން. އަޅުގަނޑުމެން އަޑުއަހަން ބޭނުމީ ޝަކުވާ
ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ، އެމްޑީޕީން އަޑުއަހަން ބޭނުންވާ ޝަކުވާ އަބަދުވެސް އަޑުއިވޭ ކަމަށެވެ. އެގޮތުން، ބައެއް މަސައްކަތްތައް ލަސްވާ ވާހަކައާއި، ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ވާހަކަވެސް ރައްޔިތުންގެ ކިބައިން އަޑުއިވޭކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމަކު އެކި ކަންކަން ކުރެވޭ ވަގުތާއި ބާރުމިނަށް، އަބަދުވެސް ބަދަލު އަންނާނެކަން ފާހަގަކުރައްވާ، އަންނަމުންދާ ބަދަލާއެކުވެސް އަމާޒު ގެއްލުވާލައިގެން ނުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންގެ އަމާޒަކަށް އަބަދުވެސް ވާންޖެހޭނީ، ހެޔޮވެރިކަމެއް އަދި ތަނަވަސް ދިރިއުޅުމެއް ހޯދައި ދިނުމަށް ތަންފީޒު ކުރަންޖެހޭ ސިޔާސަތުތަކަކީ ކޮބައިކަން ރަނގަޅަށް އެނގުންކަމަށް ނަޝީދު ވިދާޅުވިއެވެ. ހަމަ އެހެންމެ އެމްޑީޕީން ނިކުމެ ތިބީ މުޅިން އައު ގައުމިއްޔަތެއް އުފައްދަންކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީން ބޭނުންވަނީ، އިސްލާމް ދީނާއި، އިންސާނީ ހައްގުތައް ލިބިގެންވާ ގައުމިއްޔަތެއް ކަމަށެވެ. އަދި އެމްޑީޕީން އެދެނީ، އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ގެދޮރުގައި އުފަލާއެކު އުޅޭ ޖީލެއް ބިނާކުރަން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
33%
އަންތަރީސް ވެއްޖެ
67%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް